އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެ މިނިސްޓަރ މަޙްލޫފް އާންމު ކުރެއްވީ ޗެޓްލޮގެއް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މައްސަލައިގައި ދައުވާ އުފުލި ނަމަވެސް އިސްތިއުފާ ނުދެއްވާނެކަން ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް ހާމަކުރައްވައިފިއެވެ.
މިނިސްޓަރ މަޙްލޫފާ ދެކޮޅަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމާ އެކު ރައީސް އޮފީހުން އޭނާ ސަސްޕެންޑު ކުރިއެވެ. އަދި ދައުވާކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އޭރު މިނިސްޓަރ މަޙްލޫފް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މައްސަލަ ދިގުލައިގެން ގޮސް، ޕީޖީ އޮފީހުން ދައުވާކުރުން ވެސް ލަސްވުމާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު މިނިސްޓަރ މަޙްލޫފްގެ ސަސްޕެންޝަން ވަނީ އުވައިލައިފައެވެ.
އޭގެ ފަހުން މިއަދު ޕީޖީ އޮފީހުން ވަނީ މަހުލޫފާ ދެކޮޅަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައެވެ.
މި މައްސަލައާ ގުޅިގެން މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަގީގަތް ކޯޓުގައި ސާފު ވާނެ ކަމަށެވެ.
އެ ޓްވީޓާ އެކު މިނިސްޓަރ މަޙްލޫފް ވަނީ އޭނާގެ ޕަރސަނަލް އެސިސްޓަންޓް އަޒްމޫން އަހުމަދާއި ޕީޖީ ޝަމީމްއާ މެދު ދެކެވުނު ވާހަކައިގެ ޗެޓްލޮގްތަކެއް ހިއްސާ ކުރައްވައިފައެވެ.
އެ ޗެޓްލޮގުގައި ޕީޖީ ޝަމީމް ވަނީ މަހްލޫފްގެ މައްސަލަ ދިގުލައިގެން ދިޔައީ ބޭކާރު ގޮތުގައި "ފުއްޕީމަ" ކަމަށް ވިދާޅުވެފައެވެ. އެހެންވެ ފުލުހުންގެ ވެސް މިހާރު އެއްވެސް ސިމްޕަތީއެއް ނެތް ކަމަށް ވިދާޅުވެ، މިހާރު "ސައިޒު"ވީ ކަމަށާއި "ނުފުއްޕަނީ" ކީއްވެތޯ ވެސް ސުވާލުކުރައްވައިފައި ވެއެވެ.
"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު 'ފުއްޕާވަރަށް އަދި ސައިޒުވާ' މިންވަރުގެ މައްޗަށް." މިނިސްޓަރ މަޙްލޫފް ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށާއި އަދި ކޯޓުގައި ހަގީގަތް ވެސް ސާފުވާނެ ކަމަށެވެ.
ހައުދަހައ ފޮޱިއޭ