ދުނިޔެ

5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ހުއްދަ އީޔޫއިން ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަނުން ދީފިއެވެ.

Ads by WAMCO

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ފައިޒަރ ވެކްސިނުގެ ފުރަތަމަ ޑޯޒް އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް ޖެހުމަށް އީޔޫގެ ޑްރަގް ރެގިއުލޭޓަރއިން ދީފައި ވަނީ މިއަދުއެވެ.

ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ)އިން ބުނެފައިވާ ގޮތުގައި އީޔޫއިން އެޕްރޫވްކުރި ވެކްސިންއަކީ މީގެ ކުރިން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ދީފައިވާ ވެކްސިން ކަމަށެވެ. އަދި ކުޑަކުދިންނަށް މިވެކްސިން ދެނީ އިންޖެކްޝަން ބޭނުން ކޮށްގެން އަތަށް 10 މައިކްރޯ ގްރާމްގެ ދެ ޑޯޒެވެ. ވެކްސިނުގެ ދެޑޯޒް ދޭތެރޭގައި 3 ހަފްތާގެ ދުރުމިނެއް އިންނަން ޖެހޭއިރު ރާއްޖޭގައި ވެސް އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޖަހައިފައި ވަނީ ފައިޒަރ ވެކްސިނެވެ.

ފައިޒަރ ވެކްސިން އުފެއްދި ކުންފުނިން ބުނާ ގޮތުގައި ފައިޒަރ ވެކްސިން އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް 90.7 އިންސައްތަ ކާމިޔާބުކަމާއެކު މަަސަައްކަތް ކުރެއެވެ. އެހެން ނަމަވެސް އީޔޫގެ ގައުމުތަކުން މި ވެކްސިން 5 އަހަރުން މަތީގެ ކުޑަކުދިންނަށް ޖަހަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން މިއުމުރުގެ ކުދިންނަށް މިހާރު ވެސް ބައެއް ގައުމުތަކުން ކޮވިޑް-19 ވެކްސިން ޖަހައެވެ. މިގޮތުން އެމެރިކާ، އިސްރާއީލް އަދި ޔޫއޭއީގައި 5 އަހަރުން މަތީގެ ކުދިންނަށް މިހާރުވެސް ކޮވިޑް-19އިން ރައްކާތެރިވާން ދަނީ ވެކްސިން ޖަހަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!