ވާދޫ ކައުންސިލުން ބާއްވާ ،މީދާ މެރުމުގެ މުބާރާތް ފަށައިފި
ރ.ވާދޫ ކައުންސިލުން އިންތިޒާމް ކުރި މީދާ މެރުމުގެ މުބާރާތަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ މުބާރާތް ފަށައިފިއެވެ.
އިޖްތިމާޢީ ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން ބޮޑު ކުރުމުގެ މަގްސަދުގައި ވާދޫ ކައުންސިލުން އިންތިޒާމުކުރި މިމުބާރާތާ ދެކޮޅަށް އެ ރަށު ޒުވާނުން ވެސް ވަނީ އަޑު އުފުލައި މުޒާހަރާކޮށްފައެވެ. އަދި މުބާރާތުގެ ޚަބަރުތައް ނޫސްތަކުން ގެނެސްދިނުމާ އެކު ޝޯޝަލް މީޑިޔާގައި ވަނީ އެ ޚަބަރުތަކަށް ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ފާޑުކިޔައިފައެވެ.
އެއްވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމާ އެކު އިއްޔެ އިރުއޮއްސި 6 ޖެހިއިރު ފެށި މިމުބާރާތް އަންނަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް ވާދޫ ކައުންސިލުން ވިދާޅުވިއެވެ. މިމުބާރާތުގައި ޖުމްލަ 5 ޓީމާއި އަމިއްލަ ފަރުދުންގެ 2 ފަރާތަކާ އެކު ޖުމްލަ 7 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. އަދި މިމުބާރާތުގައި ހިފާ މީދާތައް ގުނުން ކޮންމެ ދުވަހަކު 11:0 އިން 11:15 އެ ރަށު ކުނިގޮނޑު ސަރަހަައްދުގައި ކުރިއަށް ދާނެކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.
މި މުބާރާތުން 1ވަނައަށް ދާނީ 200އަށް ވުރެ ގިނައިން މީދާ ހިފާ ފަރާތެކެވެ. 2ވަނަ ދާނީ 150އަށް ވުރެ ގިނައިން މީދާ ހިފާ ފަރާތެކެވެ. އަދި 3ވަނައަށް ދާނީ 100އަށް ވުރެ ގިނައިން މީދާ ހިފާ ފަރާތެކެވެ.