ދުނިޔެ

އިސްރާއީލަށް އެތެރެވުން މަނާކޮށް ހުރިހާ ޤައުމަކަށް ބޯޑަރު ބަންދުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 އައު ވޭރިއަންޓް، އޮމިކްރޮން ފެތުރިދާނެކަމުގެ ބިރަށް އިސްރާއީލްގެ ބޯޑަރު މުޅި ދުނިޔެއަށް ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

ކެބިނެޓްގެ ރުހުން ލިބުމާ އެކު، އާދީއްތަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެ ގަވައިދަށް އަމަލުކުރަން ފަށާނެ ކަމަށް ބެލެވެއެވެ. އިސްރާއީލުގެ ބޯޑަރު ބަންދު ކުރަން ނިންމައިފައި ވަނީ ، 14 ދުވަހުގެ މުއްދަތަކަށެވެ.

އައު ވޭރިއަންޓަކީ "ކަންބޮޑުވާ" ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރު ކޮށްފައި ވާއިރު، މިހާރު ލިބެން ހުރި ޑޭޓާތަކުން ދައްކާ ގޮތުގައި، މި ވޭރިއަންޓްގެ ސަބަބުން އަލުން އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ވަނީ ދަތުރުފަތުރުކުރުން މަނާކުރާ ފިޔަވަޅުތައް އަވަސް އަރުވައިލައިގެން ތަންފީޒުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ، "ރިސްކް ބޭސްޑް އަދި ސައިންޓިފިކް އެޕްރޯޗެއް" ގެންގުޅެން ޖެހޭ ކަމަށް ބުނެފައެވެ.

އިސްރާއީލު ނޫން މީހުންނަށް އެތެރެވުން މަނާކުރުމުގެ އިތުރުން، ވެކްސިން ދީފައިވާ އިސްރާއީލުގެ ހުރިހާ ރައްޔިތުން ތިން ދުވަހުގެ ކަރަންޓީނަކަށް ދާން ޖެހޭނެ ކަމަށާއި، ވެކްސިން ނުޖަހާ ތިބި މީހުން ހަތް ދުވަހުގެ ކަރަންޓީނަކަށް ދާން ޖެހޭނެ ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

ބޮޑުވަޒީރު ނަފްޓަލީ ބެނެޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ވޭރިއަންޓް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ފޯން ޓްރެކިން ޓެކްނޮލޮޖީ ބޭނުން ކުރައްވާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެފްރިކާގެ 50 ގައުމަކުން "ރަތް" ލިސްޓުގައި ހިމަނައިފައެވެ.

އިސްރާއީލްގެ ފައްސި ވޭދަނަތައް 1.3 މިލިއަނަށް ވުރެ މަތީގައިވާކަމަށް އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން ހާމަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!