ޚަބަރު

ބައްޔެއް އުޅޭކަން އެނގެނީ ބަލި ފެތުރިގެން ދިޔުމުން، ބައެއް ރަށްރަށުގައި މާސްކު ވެސް ނާޅާ: ޑރ. ނަޒްލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާސްކު އަޅައިގެން ތިބި ބައެއް-- ފޮޓޯ: އަވަސް

ކޮވިޑް-19ގެ އާލަމީ ވަބާ އަދިވެސް އެއްކޮށް ފިލައިގެން ނުދިޔަ ނަމަވެސް، ބައެއް ރަށްރަށުގައި އެއްގޮތަކަށް ވެސް މާސްކު ނާޅާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވަނީ މިހާރަކަށް އައިސް ގެސްޓު ހައުސް ހުންނަ ރަށްރަށް ހިމެނޭހެން ބައެއް ރަށްރަށުގައި މާސްކު އެޅުން ދަށް ވެފައިވާކަމާއި ބައެއް ރަށްތަކުގައި އެއްގޮތަކަށް ވެސް މާސްކު ނާޅާކަން ފާހަގަ ކުރައްވައިފައެވެ.

"ބައްޔެއް އުޅޭކަން އެނގެނީ ބަލި ފެތުރިގެން ދިއުމުން. އެންމެން ގިނައިން މާސްކު އަޅާކަމުގައިވާ ނަމަ ނޭނގި ބަލި ފެތުރޭ މިންވަރު ވެސް މަދުކުރެވޭނެ. އެންމެ ފަސޭހައިން ކުރެވޭ ރަނގަޅު އެއްކަންތައް މާސްކު އެޅުމަކީ. އަޅާއިރުގައި ވެސް ރަނގަޅު މާސްކު އެޅުން އަދި ރަަނގަޅަށް މާސްކު އެޅުން." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މާސްކު އަޅާއިރު ސާޖިކަލް މާސްކު ނޫނީ ފޮތި މާސްކުއެޅި ކަމުގައި ވިޔަސް މަދުވެގެން ތިން ލޭޔާ ހުންނަ މާސްކު އެޅުން މުހިންމު ކަމަށެވެ. އަދި ރަނގަޅަށް އެއްކޮށް ނޭފަތް ނިވާވާ ވަރަށް މާސްކު އެޅުމަށާއި އެ ގޮތަށް ނޫން ގޮތަށް މާސްކު އަޅައިފިއްޔާ މާސްކުގެ ބޭނުން ރަނގަޅަށް ނުހިފޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއިން ފެށިގެން މިހާރު ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އައު ވޭރިއަންޓު ކަމަށްވާ "އޮމިކްރޮން" ވޭރިއަންޓުން ރައްކާތެރިވުމަށް ޓަކައި ވެސް، ރަނގަޅަށް މާސްކު އެޅުން މުހިންމުކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!