ޓްރާންސްޕޯޓު އޮތީ ވަރަށް ނިކަމެތިކޮށް، މިހާރު ރަނގަޅު ކުރެވިއްޖެ: ނަހުލާ
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ސިމްޕްލިފައިކުރެވި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިއްޖެކަމަށް ގަބޫލު ކުރައްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުކުރެވުމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ލަސްވުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ އެކަމާ ގުޅިގެން މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތަކާ ގުޅިގެން ޝަކުވާ ހުށަހެޅޭ ވާހަކަ އެކި މެމްބަރުން މީގެ ކުރިން ވެސް އެކިފަހަރު މަތިން ވިދާޅުވެފައިވާ ކަމަށެވެ.
ވަރަށް ފަހުން މަޖިލީހުގެ ކޮމިޓީއަކަށް ވެސް ހާޒިރު ކުރެއްވި ކަމަށާއި އެ ކޮމިޓީގައި ވެސް ހަމަ އެސުވާލު ކުރެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޝަހުވާ ހުށަހެޅޭ ވާހަކައިގެ ސިޓީ ލިބިލެއްވުމާ އެކު ހުށަހެޅެނީ ކޮން ޝަކުވާއެއްތޯ ހިއްސާކޮށްދެވުމަށް އެދިވަޑައިގަތް ކަމަށާއި އެ ޝަކުވާތަކަށް ޖަވާބު ދެއްވޭނީ ޝަކުވާގެ ތަފްސީލު އެނގިވަޑައިގެންނެވުމުންކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް ހިތާމައާ އެކު އަޅުގަނޑު ފާހަގަކޮށްލަން ވަކި ޝަކުވާއެއް ބަޔާން ނުކުރެވި އަޅުގަނޑަށް އަނެއްކާ ވެސް ދެވަނަ ސިޓީގަ އަންނަނީ ޝަކުވާތައް ހުށަހެޅެޔޭ، ޝަކުވާތައް ހުށަހެޅެޔޭ." ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވަނީ ޓްރާންސްޕޯޓު އޮތޯރިޓީއާ ގުޅިގެން ހުރީ ރައްޔިތުންގެ ކޮން ޝަކުވާއެއްތޯ ސާފުކޮށްދެއްވުމަށް ހުރިހާ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީއާ ހަވާލުވެވަޑައިގެންނެވި އިރު އެތަން އޮތީ "ވަރަށް ނިކަމެތިކޮށް، ވަރަށް ދެރަކޮށް" ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރަނގަޅު ބަދަލުތަކެއް އެ ތަނަށް ގެނެވިއްޖެކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
"އަދި ހިދުމަތަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ. ހިދުމަތްތައް ސިމްޕްލިފައިކޮށް، މީހުންނަށް ފަސޭހަކޮށް، ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތަށް ހުށަހެޅޭގޮތަށް އަޅުގަނޑުމެންނަށް ކަންތައްތައް ބަދަލުކުރެވިއްޖެ" ނަހުލާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގައި ވޭތުވެދިޔަ 20 އަހަރު ދުވަހު ނުހެދި ހުރި ހުރިހާ ގަވާއިދުތަކެއް މިހާރު ހަދާފައިވާކަން ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވީ ދާދި ފަހުން އެއްގަމު އުޅަނދުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދެއް ހެދިފައިވާކަމަށާއި ބާކީ އޮތީ ދެ ގަވާއިދުކަމަށެވެ. މިހާރު ވެސް ހިދުމަތްތަކުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ހުރިކަން ގަބޫލު ކުރައްވާކަމަށާއި އެހެން ނަމަވެސް ވިދާޅުވާ މިންވަރަށް ހިދުމަތްތައް ލަސްވެގެންދާކަމަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރައްވާކަމަށް ނަހުލާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތް ދޭން ތިބޭ މުވައްޒަފުން މަދުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ ސަރަހައްދުގައި އުޅޭ ހުރިހާ ރައްޔިތުންނަށް ހިދުމަތް ދޭން މި ތިބެނީ ޓްރާންސްޕޯޓު އޮތޯރިޓީގެ އެންމެ 21 މުވައްޒަފުން ކަމަށާއި އެއަދަދު އިތުރު ކުރެވިގެން ނޫނީ ހިދުމަތުގެ ފެންވަރު ރަނގަޅު ނުކުރެވޭނެކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީއާއި މިނިސްޓްރީ ވަކި ދެ އިދާރާއެއްގެ ގޮތުގައި އޮތުމުން ހިންގުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވި މިނިސްޓްރީން އެދިގެން ޓްރާންސްޕޯޓު އޮތޯރިޓީ އުވައިލަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު ނިންމީ ޓްރާންސްޕޯޓު މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އޮތޯރިޓީއެއް ގާއިމްކޮށް އެތަން މިނިވަން އިދާރާއެއްގެ ގޮތުގައި ހިންގާށެވެ.
ރަނގަޅުކުރީ ކިރުއަޅައިގެންތަ؟