ދީން

ފިރިމީހާ ބޭނުންވާ ކަމެއް ކުރުމަށް ގަދަކަމުން އަނބިމީހާއަށް މަޖްބޫރު ކުރެވިދާނެތަ?

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

Ads by Hajj Corporation

މާތް الله ފިރިހެނުންނަށް އަމުރު ކުރައްވައިފައި ވަނީ ރިވެތި ގޮތުގައި އަނބިންނާ އެކު އުޅުމަށެވެ. އެކަނބަލުންގެ ކިބައިގައި ފިރިމީހާ ނުރުހޭ ފަދަ ކަންތައްތަކެއް ހުރި ނަމަވެސް ރިވެތި ގޮތުގައި މުޢާމަލާތް ކުރުމަށް އަންގަވައިފައިވެއެވެ. ސޫރަތުއް ނިސާގެ 19ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ‎﴿١٩﴾‏) މާނައަކީ: “އަދި ހެޔޮ ގޮތުގައި އެކަނބަލުންނާ އެކު އުޅޭށެވެ. ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެ ނަމަ ދަންނާށެވެ. ބައެއް ފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެއްޗެއްގައި الله ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”

މި އާޔަތުގެ ތަފްސީރުގައި އިމާމް އައްޠަބަރީ ރަޙިމަހުالله ވިދާޅުވިއެވެ. “ހެޔޮގޮތުގައި އެކަނބަލުންނާ އެކު އުޅޭށެވެ. ތިޔަބައިމީހުން އެކަނބަލުން ދެކެ ނުރުހުންތެރިވާ ނަމަވެސް, އެކަމާ އެކުގައި ވެސް އެ ކަނބަލުންނާ އެކު ރިވެތި ރަގަޅު ދިރިއުޅުމެއް އުޅެފި ނަމަ ގިނަގުނަ ހެޔޮކަންތައް މެދުވެރި ކުރައްވައިފާނެއެވެ. ފަހަރުގައި އެ ކަނބަލުންގެ ފަރާތުން ދަރިޔަކު ދެއްވަފާނެއެވެ. ނުވަތަ އެކަނބަލުން ދެކެ ފޫހިވެ ނުރުހުންތެރިވުމާ އެކުގައި ވެސް އޯގާތެރިވެ ރިވެތި ގޮތުގައި އުޅެފި ނަމަ މާތް الله ހެޔޮގޮތްތައް މެދުވެރި ކުރައްވައިފާނެއެވެ.”

މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ރަޙްމާއި ކުލުނާއި ޙަމްދަރްދީއަކީ ރަސޫލާ ﷺގެ ކިބައިން  މުއުމިނުން ލިބިގަންނަން ޖެހޭ  އަޚްލާގީ ފިލާވަޅުތަކެކެވެ. ސޫރަތުއް ތައުބާގެ 128ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވައިފައިވެއެވެ.(لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ‎﴿١٢٨﴾‏) މާނައަކީ: “ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ رسولއަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ.”

އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަالله ޢަންހާގެ ކިބައިން އިމާމް މުސްލިމް ރިވާކުރެއްވި ޙާދީޘެއްގައިވެއެވެ. ( إنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ).  މާނައަކީ: “ހަމަކަށަވަރުން އެއްޗެއްގައި އޯގާތެރިކަން ހިމެނިއްޖެ ނަމަ އެއެއްޗެއް ޒީނަތްތެރިކޮށްދެއެވެ. އަދި އެއްޗެއްގައި އޯގާތެރިކަން ނެތިއްޖެނަމަ އެއްޗެއްގެ ހަޑިކޮށްލައެވެ.”

އަދިވެސް އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލާ ﷺ އަޝައްޖު އަބްދުލް ގައިސަށް މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ( إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللهُ: الْحِلْمُ، وَالْأَنَاةُ ) . މާނައަކީ: “ހަމަކަށަވަރުން ތިބާގެ ކިބައިގާ الله ލޯބިވެވޮޑިގެންވާ ދެޞިފައެއް ވެއެވެ. އެއީ ރުޅިމަޑުކަމާއި މަޑުމައިތިރި ކަމެވެ.”

މާތް الله އެއިލާހުގެ ދެއަޅުން އަދި ދެރަސޫލުން ކަމުގައިވާ މޫސާ އާއި ހާރޫނު ނުބައިނުލަފާ ފިރްޢައުނުގެ ގާތަށް ފޮނުއްވި އިރުގައި އަންގަވައިފައި ވަނީ އޭނާއަށް އޯގާތެރިކަމާ އެކު ބަސްވިދާޅުވުމަށެވެ. ސޫރަތު ޠާހާގެ 43,44ގައި ވަޙީ ކުރައްވައިފައިވެއެވެ. (اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ‎﴿٤٣﴾‏فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ ‎﴿٤٤﴾ ) މާނައަކީ: “فرعونގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.”

އިސްލާމްދީނަކީ ސަމާޙާތްތެރިކަމުގެ ދީނެވެ. އެދީނުގެ އަހްލުވެރިންނަށް ގޮވައިލައްވަނީ އޯގާތެރިވުމަށާއި ރަޙްމާއި ޙަމްދަރްދީ ބެހެއްޓުމަށެވެ. މިކަންތައް މިގޮތަށް ބެހެއްޓުން އެންމެ އައުލާކަން ބޮޑު ފަރާތަކީ އެކަމަނާއާ އެކު ރިވެތި ގޮތުގައި ދިރިއުޅުމަށް މާތް الله އަމުރު ކުރައްވާފައިވާ އަނބިމީހާއެވެ.

އެހެންކަމުން, ފިރިމީހާ އަނބިމީހާއަށް ކަމަކަށް އަމުރު ކުރާ ނަމަ ކުރަންވާނީ އޯގާތެރިކަމާއި ރަޙްމާއި ޙަމްދަރްދީއާ އެކުގައެވެ.އަދި ދެމީހުންގެ މެދުގައި ލޯތްބާއި މަވައްދަތުގެ މައްޗަށް އުފެދިފައިވާ ކައިވެނީގެ ގުޅުން ދެމިއޮންނާނެ ފަދަ ގޮތަކަށެވެ. އެޔަށް ބުރޫނާރާ ފަދަ ގޮތަކަށެވެ.

ނަމަވެސް, އަނބިމީހާ اللهގެ ޙައްގަކަށް އަރައިގަނެފި ނަމަ, ނުވަތަ ފިރިމީހާގެ ޙައްގުތައް އަދާކުރުމުން ފަސްޖެހިއްޖެ ނަމަ އަދި ފިރިމީހާ ނަޞޭޙަތް ދިނުމާ އެކު ވެސް އެކަމުގައި ދެމިހުރެއްޖެ ނަމަ, އެކަމަނާ ވެގެންދާނީ ނުކިޔަމަންތެރި އަނތްބަކަށެވެ. މި ޙާލަތުގައި އެ ކަމަނާއާ މެދު އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ކަންތައް ކުރަންޖެހޭނެއެވެ. އޭގެތެރޭގައި ނަޞޭޙަތް ދިނުމާއި, ތަންމަތިން ވަކި ކުރުމާއި, އަނިޔާ ނުވާ ގޮތަށް ޖެހުން ހިމެނެއެވެ. ނުކިޔަމަންތެރިކަމުގައި ދެމިހުރެއްޖެ ނަމަ އެކަމަނާއަށް ޚަރަދު ކުރުމުންނާއި އެ ނޫން ވެސް އަނބިމީހާއަށް ޓަކައި ފިރިމީހާ އަދާކޮށްދޭންޖެހޭ ޙައްގުތަކުން މަނާވެގަތުމުގެ ޙައްގު ފިރިމީހާއަށް ލިބިގެންވާކަން ދަންނަންވާނެއެވެ.

އަނބިމީހާ ކުރާ ކަމަކީ ފާޅުކަން ބޮޑު މުންކަރާތެއް ނަމަ, ބާރުގެ ބޭނުންކޮށްގެން އެކަން މަނާ ކުރަންޖެހުނު ނަމަވެސް, އެކަމުގެ ސަބަބުން އެޔަށް ވުރެ ބޮޑު ނުބަޔެއް ނުނިކުންނާނެ ނަމަ, އެފުރުޞަތު ފިރިމީހާއަށް ލިބިގެންވެއެވެ.

ދެމަފިރިންގެ ދޭތެރޭގައި ޚިޔާލު ތަފާތު މައްސަލަތައް މެދުވެރިވާނެކަން ދެ ފަރާތުން ވެސް ގަބޫލުކުރަންވާނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. އެހެން ނަމަވެސް, އެފަދަ ކަންތައްތައް ހުރަސްކޮށް ދެފަރާތުން ވެސް ދޫދެވެން އޮތް މިންވަރަކުން ދޫދީގެން އަނެކާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށްގެން ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތް ކުރަންވާނެއެވެ. والله أعلم

Ads by Allied Insurance
  1. ސުއްބޫހުން

    އެނގިފަވާގޮތުގާ ބައެއް ފިރީންނަކީ އަބީންނަށް އޯގާތެރި ވުމެއް އަޅާލުމެއްނެތި އެހެނަސް އެމީހުންގެ އަނބީންނަށް ވީތީ ބޭނުންހާ ކަމެއް ބޭނުނ ގޮތަކަށް ފުއްދަމުންދާ ބައެއް، މިފަދަ ހާލަތުގާވެސް ދަރީންގެ ހައްގުގާ ކެތް ކޮށްލައިގެން ތިބޭ އަނބީން، އަނބީންވެސް ބޭނުމެއްނުވޭ މިފަދަ ހިތްދަތިކނަމުގާ ތިބޭކަށް، އެހެނަސް ދަރީން ކޮޅު ދޫކޮށްލާފާދާކަށް ވެސް ހިތެއް ނުރުހޭ، އިތުރަށް ދުނިޔޭގެ ލަދަށް ވެސް ތިބޭ ވަރަށް ގިނަ ަނބީން ެުޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭޅޭ