ދީން

ކޮޅަށް ހުރުމަށް ޢުޛުރުވެރިވާ އިމާމެއްގެ ފަހަތުގައި ނަމާދުކުރުމުގެ ޙުކުމް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:

Ads by Hajj Corporation

މީސްތަކުންނާއިގެން އިމާމްވެ ނަމާދު ކުރާ މީހާއަކީ ކޮޅަށްހުރުމުގެ ކުޅަދާނަކަން ނެތް މީހަކަށްވީ ނަމަވެސް އެ ފަދަ މީހެއްގެ ފަހަތުގައި ނަމާދު ކުރުން ޞައްޙަވެގެންވެއެވެ.

މި ޙާލަތުގައި އިމާމުން ކަންތައް ކުރަން ޖެހޭނެ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ފުރަތަމަ ޙާލަތު: އިމާމް މީހާ ނަމާދު ފަށައިފައި ވަނީ ގޮނޑީގައި އިށީނދެ އިނދެގެން ނަމަ, އޭނާގެ ފަހަތުގައި ނަމާދު ކުރަން ތިބި މީހުން ވެސް ނަމާދު ކުރަން ވާނީ އިށީނދެ ތިބެގެންނެވެ. މިކަމުގެ ދަލީލަކީ:

1 عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ أَنَّهَا قَالَتْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي بَيْتِهِ وَهُوَ شَاكٍ فَصَلَّى جَالِسًا وَصَلَّى وَرَاءَهُ قَوْمٌ قِيَامًا فَأَشَارَ إِلَيْهِمْ أَنْ اجْلِسُوا فَلَمَّا انْصَرَفَ قَالَ إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ فَإِذَا رَكَعَ فَارْكَعُوا وَإِذَا رَفَعَ فَارْفَعُوا وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا " رواه البخاري( الأذان/657)

މާނައަކީ: އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަالله ޢަންހާ ވިދާޅުވިއެވެ. “ރަސޫލާ ﷺ އާލާސްވެ އުޅުއްވިއިރު ގޭގައި އިށީނދެ އިންނަވައިގެން ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުގައި ބަޔަކު މީހުން ކޮޅަށް ތިބެ ނަމާދު ކުރަމުންގެންދާތީ އިށީނުމަށް އަތުން އިޝާރާތް ކުރެއްވިއެވެ. ނަމާދުން އަވަދިވެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “އިމާމަކު ލެވިފައި ވަނީ އޭނާ ނަމާދުކުރާ ގޮތަކަށް ކުރުމަށެވެ. އޭނާ ރުކޫޢުކޮށްފި ނަމަ ރުކޫޢު ކުރާށެވެ. ތެދުވެއްޖެ ނަމަ ތެދުވާށެވެ. އިށީނދެ އިނދެ ނަމާދުކުރާ ނަމަ ތިޔަބައިމީހުން ވެސް އިށީނދެ ތިބެ ނަމާދު ކުރާށެވެ.”

2. އިމާމް ބުޚާރީ ރަޙިމަހުالله އަނަސް ބިން މާލިކް ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ.

(إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ فَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا فَإِذَا رَكَعَ فَارْكَعُوا وَإِذَا رَفَعَ فَارْفَعُوا وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا وَلَكَ الْحَمْدُ وَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا أَجْمَعُونَ " رواه البخاري(الأذان/648) .)

މާނައަކީ: “އިމާމް މީހާ ލެވިފައި ވަނީ އޭނާ ނަމާދުކުރާ ގޮތަކަށް ތިޔަބައިމީހުން ނަމާދު ކުރުމަށެވެ. އޭނާ ކޮޅަށް ހުރެ ނަމާދު ކޮށްފި ނަމަ ތިޔަބައިމީހުން ވެސް ކޮޅަށް ތިބެ ނަމާދު ކުރާށެވެ. އޭނާ ރުކޫޢުކޮށްފި ނަމަ ރުކޫޢު ކުރާށެވެ. ތެދުވެއްޖެ ނަމަ ތެދުވާށެވެ. ސަމިޢަالله ލިމަން ޙަމިދަހޫ ކިޔައިފި ނަމަ “ރައްބަނާ ވަލަކަލް ޙަމްދު” ކިޔާށެވެ. ކޮޅަށް ހުރެ ނަމާދުކޮށްފި ނަމަ ކޮޅަށް ތިބެ ނަމާދު ކުރާށެވެ. އިށީނދެ އިނދެ ނަމާދުކޮށްފި ނަމަ ތިޔަބައިމީހުން އެންމެން އިށީނދެ ތިބެ ނަމާދު ކުރާށެވެ.”

ދެވަނަ ޙާލަތު: އިމާމް ކޮޅަށް ހުރެ ނަމާދު ފަށައިފައި, ނަމާދު ތެރޭގައި މެދުވެރިވާ ކަމެއްގެ ސަބަބުން ކޮޅަށް ހުންނަން ދަތިވެ ގޮނޑީގައި އިށީނދެއްޖެ ނަމަ, ފަހަތުގައި ތިބި މައުމޫމުން ނަމާދު ކުރަންވާނީ ކޮޅަށް ތިބެއެވެ. މިކަމުގެ ދަލީލަކީ:

عن عَائِشَةَ رضي الله عنها قَالَتْ : " ثَقُلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ أَصَلَّى النَّاسُ قُلْنَا لا هُمْ يَنْتَظِرُونَكَ قَالَ ضَعُوا لِي مَاءً فِي الْمِخْضَبِ قَالَتْ فَفَعَلْنَا فَاغْتَسَلَ فَذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ ثُمَّ أَفَاقَ فَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَلَّى النَّاسُ قُلْنَا لا هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ قَالَ ضَعُوا لِي مَاءً فِي الْمِخْضَبِ قَالَتْ فَقَعَدَ فَاغْتَسَلَ ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ ثُمَّ أَفَاقَ فَقَالَ أَصَلَّى النَّاسُ قُلْنَا لا هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ فَقَالَ ضَعُوا لِي مَاءً فِي الْمِخْضَبِ فَقَعَدَ فَاغْتَسَلَ ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ ثُمَّ أَفَاقَ فَقَالَ أَصَلَّى النَّاسُ فَقُلْنَا لا هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ وَالنَّاسُ عُكُوفٌ فِي الْمَسْجِدِ يَنْتَظِرُونَ النَّبِيَّ عَلَيْهِ السَّلَام لِصَلَاةِ الْعِشَاءِ الآخِرَةِ فَأَرْسَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى أَبِي بَكْرٍ بِأَنْ يُصَلِّيَ بِالنَّاسِ فَأَتَاهُ الرَّسُولُ فَقَالَ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُكَ أَنْ تُصَلِّيَ بِالنَّاسِ فَقَالَ أَبُو بَكْرٍ وَكَانَ رَجُلًا رَقِيقًا يَا عُمَرُ صَلِّ بِالنَّاسِ فَقَالَ لَهُ عُمَرُ أَنْتَ أَحَقُّ بِذَلِكَ فَصَلَّى أَبُو بَكْرٍ تِلْكَ الْأَيَّامَ ثُمَّ إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجَدَ مِنْ نَفْسِهِ خِفَّةً فَخَرَجَ بَيْنَ رَجُلَيْنِ أَحَدُهُمَا الْعَبَّاسُ لِصَلاةِ الظُّهْرِ وَأَبُو بَكْرٍ يُصَلِّي بِالنَّاسِ فَلَمَّا رَآهُ أَبُو بَكْرٍ ذَهَبَ لِيَتَأَخَّرَ فَأَوْمَأَ إِلَيْهِالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَنْ لا يَتَأَخَّرَ قَالَ أَجْلِسَانِي إِلَى جَنْبِهِ فَأَجْلَسَاهُ إِلَى جَنْبِ أَبِي بَكْرٍ قَالَ فَجَعَلَ أَبُو بَكْرٍ يُصَلِّي وَهُوَ يَأْتَمُّ بِصَلَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالنَّاسُ بِصَلاةِ أَبِي بَكْرٍ وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قاعد " رواه البخاري (الأذان/655)

މާނައަކީ: ޢާއިޝާ ރަޟިޔަالله ޢަންހާ ވިދާޅުވިއެވެ. “ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވުމުގެ އާލަސްކަންފުޅު ގަދަވެގެންދިޔަ ވަގުތުގައި އަރިހުގައި ތިއްބެވި ޞަޙާބީންނާ ސުވާލު ކުރެއްވިއެވެ. “މީސްތަކުން ނަމާދު ކޮށްފި ހެއްޔެވެ?” ދެންނެވުނެވެ. “ނޫނެކެވެ. މީސްތަކުން ތިއްބެވީ ކަލޭގެފާނުގެ އިންތިޡާރުގައެވެ.” އެހިނދު ފެންއެއްޗެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އަދި އެއިން ވުޟޫ ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ހޭފުޅުނެތުނީއެވެ. ހޭފުޅު ލެއްވުމާ އެކު ސުވާލު ކުރެއްވިއެވެ. “މީސްތަކުން ނަމާދު ކޮށްފި ހެއްޔެވެ?” ދެންނެވުނެވެ. “ނޫނެކެވެ. އެބައިމީހުން ތިބީ ކަލޭގެފާނުގެ އިންތިޡާރުގައެވެ.” އަނެއްކާ ވެސް ފެންއެއްޗެއް ގެންނަން އަންގަވައި އެއިން ވުޟޫ ކުރެއްވިއެވެ. ނަމަވެސް އަނެއްކާ ވެސް އެކަލޭގެފާނު ހޭފުޅު ނެތުނީއެވެ. ހޭފުޅު އެރުމާ އެކު ސުވާލު ކުރެއްވިއެވެ. “މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ?” ދެންނެވުނެވެ. “ނޫނެކެވެ. އެބައިމީހުން ތިބީ ކަލޭގެފާނުގެ އިންތިޡާރުގައެވެ.” މިގޮތަށް ތިން ފަހަރަށް ތަކްރާރުވުމުން މީސްތަކުންނައިގެން ނަމާދު ކުރެއްވުމަށް އަބޫބަކުރު ރަޟިޔަالله އަންހުއަށް އަމުރު ކުރެއްވިއެވެ. ބޭކަލަކު ވަޑައިގެން އެ ވާހަކަ އަބޫބަކުރު ރަޟިޔަالله ޢަންހުއަށް ދެންނެވި ހިނދު ޢުމަރު ރަޟިޔަالله ޢަންހުގެ ކިބައިން އިމާމްވެ ނަމާދު ކުރުމަށް އަބޫބަކްރު ރަޟިޔަالله ޢަންހު އެދިވަޑައިގަތެވެ. ނަމަވެސް ޢުމަރު ރަޟިޔަالله އަންހު އެކަމާ ދެކޮޅު ހައްދަވައި އަބޫބަކްރު ރަޟިޔަالله އަންހު އިސްކުރެއްވިއެވެ. ފަހުން ރަސޫލާ ﷺއަށް ނަމާދަށް ނިކުމެވަޑައިގެންނެވޭ ވަރުވީމާ ޢައްބާހާއި ޢަލީގެ އަތުލަފި ކުރެއްވުމާ އެކު މިސްކިތަށް ނިކުމެވަޑައިގަތެވެ. އޭރު އަބޫބަކްރު ރަޟިޔަالله ޢަންހު މީސްތަކުންނައިގެން މެންދުރު ނަމާދު ކުރައްވަނީއެވެ. އަބޫބަކްރު ރަޟިޔަالله ޢަންހުއަށް ރަސޫލާ ﷺ ނިކުމެވަޑައިގެންނެވި ތަން ފެނިވަޑައިގަތީމާ ފަހަތަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެގޮތަށް އެކަންތައް ނުކުރުމަށް ރަސޫލާ ﷺ އަތުން އިޝާރާތް ކުރެއްވިއެވެ. ދެން އަބޫބަކްރު ރަޟިޔަالله ޢަންހުގެ ކައިރީގައި ރަސޫލާ ﷺ ބެއިންދުމަށް އެހީތެރިންގެ ކިބައިން އެދިވަޑައިގަތުމުން އެބޭފުޅުން އެގޮތަށް ކަންތައް ކުރެއްވިއެވެ. އެހިނދު އަބޫބަކްރު ރަޟިޔަالله އަންހު ނަމާދު ކުރެއްވީ ރަސޫލާ ﷺ އިމާމަކަށް ބައްލަވައިގެންނެވެ. އަދި ފަހަތުގައި ތިއްބެވި ބޭކަލުން ނަމާދު ކުރެއްވީ އަބޫބަކްރު ރަޟިޔަالله ޢަންހު އިމާމަކަށް ބައްލަވައިގެންނެވެ. ރަސޫލާ ﷺ އިންނެވީ އިށީނދެ ވަޑައިގެންނެވެ.”

މި ޙަދީޘުން ދަލީލު ނެގޭ ގޮތަކީ ނުވަތަ ވަޖްހުއްދިލާލާއަކީ: އަބޫބަކްރު ރަޟިޔަالله އަންހު ނަމާދު ފެއްޓެވީ ކޮޅަށް ހުންނަވައިގެންނެވެ. އެޔަށްފަހު ރަސޫލާ ﷺ ވަޑައިގެން އަބޫބަކްރު ރަޟިޔަالله ޢަންހު ނަމާދު ނިންމެވި ހިސާބުން ފެށިގެން މީސްތަކުންނައިގެން ނަމާދު ކުރެއްވިއެވެ. ރަސޫލާ ﷺ އިންނެވީ އިށީނދެ ވަޑައިގެންނެވެ. އަދި ފަހަތުގައި ތިއްބެވި ޞަޙާބީން ތިއްބެވީ ކޮޅަށެވެ. މިއިން ދޭހަކޮށްދެނީ އިމާމް މީހާ ކޮޅަށްހުރެ ނަމާދު ފަށުމަށްފަހު ކަމެއް މެދުވެރިވެގެން އިށީންނަން ޖެހުނު ނަމަވެސް ފަހަތުގައި ތިބި މީހުން ނަމާދު ކުރަން ޖެހޭނީ ކޮޅަށްތިބެ ކަމެވެ. والله أعلم.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!