ޚަބަރު

އިސްލާމްދީނާއި ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅާނަން: ހަޔަރ އެޑިއުކޭޝަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން/ ފޮޓޯ: ޕީއެސްއެމް

އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުވާ ފަދަ ހަރަކާތެއް ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

އެ މިނިސްޓްރީން މިފަދަ އިންޒާރެއް ދީފައި މިވަނީ، ދާދި ފަހުން ކްލިކް ކޮލެޖުން ހިންގި ހަރަކާތެއްގައި ނަޞާރާ ދީނަށް ހިތްވަރު ލިބޭ ފަދަ ލަވައެއް ޖެހި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ކްލިކް ކޮލެޖުން ވަނީ މާފަށް އެދި، އެއީ އޮޅުމަކުންވީ ކަމެއް ކަމަށް ބުނެފައެވެ.

ހަޔަރ އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި އަދި ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.

"ނަމަވެސް ބައެއް ފަރާތްތަކުން އިސްލާމްދީނާ ޚިލާފު އަދި ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށް ފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށް ބުނެ މައާފަށް އެދި އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭ ކަން މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ." ހަޔަރ އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

ހަޔަރ އެޑިއުކޭޝަންގެ ބަޔާނުގައި އިތުރަށް ބުނީ، މިފަދަ ކަންކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާގައިވާ ގޮތުން މަނާ ކަމެއް ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ހަރަކާތަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިންގާ ހަރަކާތަކަށް ވުމަކީ ލާޒިމު ކަމެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި އެފަދަ ހަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ހަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!