ފައިޒާގެ ދެ ޑޯޒް ޖަހައިފައި ތިބޭ މީހުންނަށް ވެސް އޮމިކްރޮން ވޭރިއަންޓް ޖެހޭ: ދިރާސާ
ކޮވިޑް-19އިން ދިފާއުވުމަށް އެންމެ ފުރަތަމަ ހުއްދަ ދެވުނު ފައިޒާ ވެކްސިންގެ ދެ ޑޯޒް ޖަހައިފައިވާ ފަރާތްތަކަށް ވެސް ކޮވިޑް-19ގެ އައު ވޭރިއަންޓް ކަަމަށްވާ އޮމިކްރޮން ޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެފްރިކާ ހެލްތު ރިސާޗް އިންސްޓިޓިއުޓްގެ ލެބޯޓްރީގެ ހެޑް އެލެކް ސިގަލް ވިދާޅުވީ ދިރާސާއިން ދައްކާ ގޮތުގައި ފައިޒާ ވެކްސިންގެ ދެ ޑޯޒް ޖެހި ފަރާތްތަކަށް ވެސް އައު ވޭރިއަންޓްގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެން ނަމަވެސް، ކުރިން ކޮވިޑް-19 ޖެހި، ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށާއި އެހެން ކަމުން ބޫސްޓަރ ޑޯޒް ޖަހައިފައިވާ ފަރާތްތަކަށް މި ވެކްސިނުން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދިރާސާ އަދި ޕިޔަރ ރިވިއުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ދިރާސާގެ ތަފްސީލް އޭނާގެ ޓްވިޓަރ ހޭންޑަލްގައި ވަނީ އާއްމުކޮށްފައެވެ.
މިދިޔަ މަހު ދެކުނު އެފްރިކާއިން ފުރަތަމަ ފަހަރަށް ފެނުނު ވޭރިއަންޓްގެ ސަބަބުން މުޅި ދުނިޔެއިން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، އުދަނގޫތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މިދިޔަ ނޮވެމްބަރު މަހުގެ 26ވަނަ ދުވަހު އެ ބަލި ދަރަޖަކުރީ "ކަންބޮޑުވާ ވޭރިއަންޓެއްގެ" ގޮތުގައި ނަމަވެސް، އެ ޖަމިއްޔާއިން ބުނީ، މި ވޭރިއަންޓްގެ ގިނަ މިއުޓޭޝަންތަކާ އެކު ވެސް، މިހާރު ހުރި ވެކްސިންތައް މަސައްކަތް ނުކުރާނެ ކަމުގެ ހެއްކެއް ނެތް ކަމަށެވެ.
އެލެކް ސިގަލްގެ ދިރާސާ ހަދައިފައި ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ 37 މީހުންގެ ލޭ ތަހްލީލްކޮށްނެވެ. އޭނާ ޓްވިޓަރގައި ހިއްސާ ކުރި ވާހަކައިގައި ވިދާޅުވީ، ފައިޒަރގެ ތިން ޝޮޓް ޖަހައިފައި ތިބި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ ރެސްޕޮންސް މައުންޓް ކުރުމުގެ ގާބިލްކަން ޑެލްޓާއަށް ދިން އިޖާބައަށް ވުރެ 37 ގުނަ އޮމިކްރޮންއަށް ދިން މިންވަރު ދަށް ކަމަށެވެ.