ޙަޤީޤީ ޙާދިޘާ : ފާހިޝް ޢަމަލަކަށް އަރައިގަނެވި އެކަމާ ދެރަވެ ތައުބާވި ފަހުން، ސަޖިދައިގައި އޮއްވާ ނިޔާވި މީހެއްގެ ވާހަކަ
އިންސާނުންނަކީ ތާއަބަދުމެ ފާފަތަކަށް ހުށަހެޅިގެންވާ ބައެކެވެ. ނަމަވެސް މިކަމާ ފިކުރުކޮށް ފާފަތަކުން ތިބާގެ ނަފްސު ރައްކާތެރިކުރުމުގައި ކޮންމެ ހިނދަކުމެ ފާރަވެރިވާން ޖެހޭނެއެވެ. ފާފައެއް ކުރެވުނު ނަމަވެސް އެކަމުގެ މައްޗަށް ހިތާމަކޮށް ތައުބާވުމުގައި އަވަސްވެ ގަންނަށް ޖެހެއެވެ. އެހެނީ މަރަކީ ކޮންމެ ހިނދެއްގައި ވެސް ބައްދަލުކޮށްފާނެ އެއްޗެކެވެ.
މިއީ ސައުދީ އަރަބިއާގެ މުސްލިމު ފިރިހެނެއްގެ ވާހަކައެވެ. ޝައިޚްގެ ދަރުހެއްގައި ގެނެސްދީފައިވާ މިވާހަކައިން ވެސް ދޭހަވަނީ އަވަހަށް ތައުބާވުމުގެ މުހިންމު ކަމެވެ.
"މިއީ މުސްލިމް އަޚެއްގެ ވާހަކައެވެ. އޭނާ އިނގިރޭސިވިލާތަށް ދިޔައީ ބެޗެލާރސް ޑިގްރީއެއް ޙާޞިލް ކުރުމަށެވެ. ޙަޤީޤަތުގައި އެއީ އޭނާ އަމިއްލައަށް ކަމެއް ކުރަން، އޭނާގެ އާއިލާއިން މިނިވަންކަން ދިން ފުރަތަމަ ފަހަރެވެ.
އޭނާއަކީ ވަރަށް ދީންވެރި މީހުން އުޅޭ ހިސާބަކަށް އުފަންވި މީހެކެވެ. ދިރިއުޅުމުގައި އޭނާ ހާސިލް ކުރަން ބޭނުންވި އުފަލާއި ހިތްހަމަ ޖެހުން، އޭނާގެ އާއިލާގެ ގާތުގައި ހުރެގެން، އޭނާއަކަށް ހާސިލެއް ނުކުރެވުނެވެ. އެހެންކަމުން ލިބުނު ފުރުސަތުގައި އޭނާ ނިންމީ އިނގިރޭސިވިލާތަށް ދިޔުމަށެވެ.
އިނގިރޭސިވިލާތުގައި އޭނާ ކިޔަވަން ދިޔައީ އަންހެނުންނާއި ފިރިހެނުން އެއްކޮށް ކިޔަވާ ޔުނިވަރސިޓީއަކަށެވެ. އަންހެން ކުއްޖަކާއި ދިމާއަށް އިސް އުފުލާ ބަލައި ވެސް ނުލާ މާހައުލަކުން، އޭނާ ބަދަލުވީ އަންހެން ކުދިންނާއި އެކު އެކުގައި އިށީނދެ އުޅޭ މާހައުލަކަށެވެ. ބޭނުން އިރަކު އެމީހުންނާ ވާހަކަ ދެއްކޭ މުޖުތަމަޢަކަށެވެ.
ކްލާސް ތެރޭގެ އެކިއެކި ވާހަކަތައް ދައްކަމުން، އޭނާއާއި އަންހެން ކުދިންގެ ވާހަކަތައް ދިޔައީ އިތުރުވަމުންނެވެ. އިނގިރޭސިން އޭނާ ވާހަކަ ދައްކާ ގޮތް ތަފާތުވުމުން ވެސް، އެ އަންހެން ކުދިން އޭނާއާ ބޮޑަށް ގާތް ވިއެވެ.
ކްލާހުގައި އުޅޭ އަންހެން ކުދިންނާ އެކު ތަންތަނަށް ކާން ދިޔުމާއި، އެމީހުންނާ އެކި ތަންތަނުން ބައްދަލު ކުރުމަކީ އޭނާގެ އާއްމުކަމަކަށް ވިއެވެ. އެއްރޭ އޭނާ އެމީހުންނާ އެކު ޕާޓީއަކަށް ދިޔައެވެ. އަދި ޕާޓީ ނިމިގެން، އެތަނުން ކުއްޖަކާ އެކު އޭނާ ފާހިޝް ޢަމަލަކަށް އަރައިގަނެވުނެވެ. ކުރެވުނު ކަންތަކާ މެދު ވިސްނައިލެވުނީ ފަހުންނެވެ. ކުރެވުނު ފާފައިގެ ބޮޑުކަން ވިސްނި އަމިއްލަ ނަފްސު ހަލާކު ކޮށްލެވުނީއޭ ހިތަށް އަރައި ވިސްނެން ފެށިއެވެ.
އޭނާ ގޮތް ހުސްވިއެވެ. ދެން ކުރާނެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ރަނގަޅު މަގު ދައްކާ ދޭނެ ރަޙްމަތްތެރިއެއް އޭނާގެ ގާތަކު ނެތެވެ. އެކަމުން އޭނާއަށް ރަނގަޅު ހެޔޮ މަގެއް ފެންނާނީ އޭނާގެ އަމިއްލަ ޤައުމަށް ގޮސްގެންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން ސައުދީ އަރަބިއާއަށް އެނބުރި ދާން ޓިކެޓެއް ގަނެ ފްލައިޓަށް އެރިއެވެ.
ސައުދީއަށް ދިޔަ މަގުމަތީގައި ޤަތަރުގައި ފްލައިޓު މަޑުކުރިއެވެ. އަދި ޤަތަރުން ރިޔާޟަށް ދާން އޮތް ފްލައިޓާ ދޭތެރޭ ވަގުތު އޮތުމާ އެކު އެއާޕޯޓަށް ފައިބަން ލިބުނު ފުރުސަތުގައި އެއާޕޯޓްގެ ނަމާދުކުރާ ކޮޓަރީގައި އޭނާ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން ދުޢާ ކުރަން އިނދެ އޭނާއަށް ރޮވުނެވެ. ގިސްލަގިސްލައިފައި އޭނާ ރޯން އިންތަން އުއްމަތުގެ މަޝްހޫރު ޝައިޚް އިބްން ބާޛް ރަޟިއަﷲ ޢަންހުގެ އަރިހުން ޢިލްމު ލިބިވަޑައިގެން ހުންނެވި ޝައިޚަކަށް ފެނުނެވެ. އެ ޝައިޚް އޭނާ ގާތަށް ގޮސް އޭނާއަށް ވީކީއްތޯ ސުވާލު ކުރިއެވެ.
ޝައިޚަށް އޭނާ ހުރިހާ އެއްޗެއް ކިޔައިދިނެވެ. ޒިނޭ ކުރެވިއްޖެކަމާއި، އެކަމުގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސު ހަލާކު ވެއްޖެ ކަމަށް އޭނާ ކިޔައިދިނެވެ. އެފާފައިން އޭނާ ސަލާމަތްވެ ސާފު ތާހިރު ވެވޭނީ އޭނާގެ އަމިއްލަ ޤައުމަށް އެނބުރި ގޮސް، އިސްލާމީ ޝަރީޢަތުގައި އެކަމަށް އޮންނަ އަދަބު ލިބިގެން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ޝައިޚް އޭނާ މަސަލަސް ކުރިއެވެ. އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައި މަޑުކޮށްލަން ބުނެ، އެކަމަށް ހައްލެއް ހޯދަން ޝައިޚާ އެކު ރިޔާޟަށް ދާން އެދުނެވެ. ރިޔާޟަށް ދިޔަ މަގުމަތީގައި ވެސް އޭނާގެ ރުއިން ނުހުއްޓުނެވެ. ރިޔާޟަށް ދިޔުމަށް ފަހު، އަރާމުކޮށްލަން ގެއަށް ދިޔުމަށް ޝައިޚް އޭނާ ގާތު ބުންޏެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ކަމެއް ނުކުރުމަށް އަނެއްކާ ވެސް ހަނދާން ކޮށްދިނެވެ.
އޭގެ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތު ޝައިޚް އޭނާގެ އުސްތާޛު ޝެއިޚު އިބްނު ބާޛް ރަޟިއަﷲ ޢަންހުއަށް ފޯނު ކުރިއެވެ. އަދި އެ ޒުވާނާގެ ވާހަކަ ކިޔައިދިނެވެ. އޭނާގެ ފާފަ ހަމައެކަނި ފުއްސަވާނީ ޙައްދު ޖަހައިގެން ކަމަށް އޭނާ ޤަބޫލު ކުރާ ވާހަކަ ވެސް ޝައިޚް ކިޔައިދިނެވެ. ޝައިޚް އިބްން ބާޛް އެ ޝައިޚަށް ވިދާޅުވިއެވެ.
'ކަމާއި ބެހޭ ފަރާތްތަކާ ހަވާލު ނުވާން އޭނާއަށް ނަސޭޙަތް ދޭށެވެ. އޭނާގެ ފާފަ މީސްތަކުންނަށް ވަނީ ފޮރުވިފައެވެ. އެފާފަ އެގޮތަށް ވަންހަނާ ކޮށްފައި ބާއްވަން އޭނާއަށް ވިސްނައިދޭށެވެ. އަދި މާތް ﷲއަށް ތަޢުބާވެ ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރަން އޭނާ ގާތު ބުނާށެވެ. މާތްﷲ އޭނާއަށް ތެދުމަދު ދައްކަވާނެއެވެ.'
އުސްތާޛުގެ ނަސޭޙަތް އޭނާއަށް ދިނުމަށް ޓަކައި ޝައިޚް ޒުވާނާއަށް ގުޅިއެވެ. އަދި އެޒުވާނާއާ ބައްދަލު ކުރުމަށް ފަހު އުސްތާޛުގެ ނަސޭޙަތް އޭނާ ކިޔައިދިނެވެ. އަދި ކަމާ ބެހޭ ފަރާތްތަކަށް އަމިއްލަ ނަފްސު ހަވާލު ކުރުމަކީ މިހާރު އެ ލިބެމުންދާ ވޭނަށް އޮތް ހައްލެއް ނޫންކަމަށް ޝައިޚް އޭނާ ގާތު ބުންޏެވެ. އަދި މާތް ﷲއަށް ފުރިހަމައަށް ތަޢުބާ ވުމަށާއި ގިނަގިނައިން ނަމާދުކޮށް އަޅުކަން ކުރުމަށް ވެސް ނަސޭޙަތްތެރިވިއެވެ.
އޭނާ އެފަދައިން ކަންތައް ކުރަން ފެށިއެވެ. ގަވައިދުން ނަމާދު ކުރަން ފެށިއެވެ. މާތް ﷲގެ ޙަޟްރަތަށް ތަޢުބާވިއެވެ. އަދި ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރިއެވެ. އޭގެ ފަހުން އެންމެ ނަމާދެއް ވެސް ނާޅައެވެ.
އެގޮތުގައި އެޒުވާނާ ދެމިހުރިތާ ދެ ހަފްތާ ވިއެވެ. ޒުވާނާގެ ހަޔާތުގައި ދިމާވި ޝައިޚާއި އޭނާއާ ފަހުން ބައްދަލުވާ ގޮތެއް ނުވެއެވެ.
އެއްދުވަހު ޝައިޚަށް ޒުވާނާ ގުޅިއެވެ. ނަމަވެސް ޝައިޚަށް އެކޯލު ނުނެގި މިސްވެފައި އޮތުމުން ، ފަހުން ޒުވާނާއަށް ގުޅައިލާން ނިންމިއެވެ.
އޭގެ ދުވަސް ކޮޅެއް ފަހެވެ. ޝައިޚަށް ދެން ގުޅާފައި އޮތީ ޒުވާނާގެ ގެއިންނެވެ. ޒުވާނާގެ ގެއިން ހައެއްކަ ގުޅާފައި އޮތެވެ. ޝައިޚް އެނަންބަރަށް ގުޅައިފައި ސަލާމް ގޮވުމަށް ފަހު ހާލު ކިހިނެއްތޯ އެހިއެވެ. އޭނާގެ އާއިލާއިން ބުނީ ޝައިޚާ ވާހަކައެއް ދައްކާލަން ބޭނުންވާ ކަމަށެވެ. އަދި ޒުވާނާގެ އާއިލާގެ މެމްބަރުން ދަރިވަރުގެ އެހީތެރިކަން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ. އެދުވަހުގެ ޢިޝާ ނަމާދަށް ފަހު އެގެއަށް ދާނެ ކަމަށް ދަރިވަރު ބުންޏެވެ.
ޢިޝާ ނަމާދަށް ފަހު ޝައިޚް އެ ގެއަށް ދިޔައެވެ. ނަމަވެސް އެގެއަށް ވަންނަން ދިޔައިރު، ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިޙުސާސް ޝައިޚަށް ކުރެވުނެވެ. އެގޭގައި ތިބި މީހުންގެ މޫނުމަތިން ކޮންމެ ވެސް ކަމެއް ހިނގައިފިކަން ފާޅުވާން ހުއްޓެވެ.
އޭނާގެ ބައްޕައާ ބައްދަލުވުމުން ޝައިޚް ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމަށް ފަހު، އޭނާގެ ބައްޕަ ބުނީ ޝައިޚަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށެވެ. ޝައިޚްގެ އެހީތެރިކަމާ ނުލާ އެ ދިމާވި ކަންތައް މެދުވެރި ނުވީސް ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.
ޝައިޚް ހައިރާންވިއެވެ. އަދި އޭނާއަށް ކުރެވުނީ ކޮންކަމެއްތޯ، އަދި ވެގެން އުޅެނީ ކޮން ކަމެއްތޯ ސުވާލު ކުރިއެވެ. އޭނާގެ ބައްޕަ ކިޔައިދިނެވެ.
'އޭނާ މިރޭގެ ޢިޝާ ނަމާދު ކުރަން މިސްކިތަށް ދިޔައެވެ. އަދި ޢިޝާ ނަމާދު ކުރުމަށް ފަހު ގެއަށް އައިސް އޭނާގެ ކޮޓަރިއަށް ވަނީ ސުންނަތް ކުރާށެވެ. ކޮޓަރިއަށް ވަނުމަށް ފަހު ނުނިކުމެ ގިނައިރު ވުމުން އޭނާގެ ޚަބަރެއް ބަލައިލަން އަހަރުމެން ކޮޓަރިއަށް ވަނީމެވެ.'
އޭނާގެ ބައްޕަ ޝައިޚްއާ އެކު ޒުވާނާގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަތްއިރު ޝައިޚަށް ފެނުނީ ޒުވާނާ ސަޖިދާގައި އޮއްވައެވެ.
'އޭނާގެ ފުރާނަ މާތްﷲ ގެންދެވީ އެ އިލާހަށް ސަޖިދާގައި އޮއްވާ' އޭނާގެ ބައްޕަ ދަރިވަރުގާތު ބުންޏެވެ.