ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެނީކަމަށް ބުނެ އޮސްޓްރޭލިއާގައި ދެ ކުއްޖަކު ރޭޕްކޮށްފި
ނަފްސާނީ ބަލިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ މީހަކު އޭނާގެ ކައިރިއަށް ދިޔަ ދެ ކުޑަކުއްޖަކު ރޭޕްކޮށްފިއެވެ.
އިރުމަތީ އޮސްޓްރޭލިއާގެ ޕާތު ސިޓީގައި ހިނގި މިހާދިސާގައި ތުހުމަތުކުރެވޭ މީހާގެ މައްސަލަ އެގައުމުގެ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. 47 އަހަރުގެ މި މީހާއަކީ 2012ވަނަ އަހަރުން ފެށިގެން ނަފްސާނީ ބަލިތަކަށް ފަރުވާދެމުން އަންނަ މީހެއްކަމަށް ވެއެވެ.
މިމައްސަލައިގައި އިރުމަތީ އޮސްޓްރޭލިއާގެ ފުލުހުން ބުނީ އެމީހާގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރެވުނު ހިސާބުން އެމައްސަލަ ތަހުގީގު ކުރަން ފެށިކަމަށެވެ. އަދި ތަހުގީގުގެ ތެރެއިން ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.
47 އަހަރުގެ އެމީހާގެ ނަން މީޑިއާތަކަށް ތިލަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެމީހާގެ ގެ ފުލުހުން ވަނީ ރެއިޑުކޮށްފައެވެ. އެގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހާ ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.
ރޭޕްގެ ޝިކާރައަކަށްވެފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 16 އަހަރުން ދަށުގެ ކުއްޖެކެވެ. އޭގެ ތެރެއިން 16 އަހަރުން ދަށުގެ ކުއްޖާ ރޭޕުކުރި މައްސަލައިގައި ދެ ދައުވާއެއް ފުލުހުން ވަނީ އުފުލައިފައެވެ. އަދި 13 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި 7 ދައުވާއެއް ވަނީ އުފުލައިފައެވެ.
އެމީހާގެ މައްސަލައިގައި ފުލުހުން އުފުލައިފައިވާ 9 ދައުވާގެ ޝަރީއަތް މިއަދު ވަނީ ޕާތު މެޖިސްޓްރޭޓް ކޯޓުގައި ފަށައިފައެވެ. ފުލުހުން ވަނީ މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އެއްވެސް މައްސަލައެއް އެނގޭ އެއްވެސް ފަރާތެއްވާ ނަމަ އެކަން ރިޕޯޓުކުރަން އެދިފައެވެ.
އޮސްޓްރޭލިއާގެ ގާނޫނު ބުނާ ގޮތުން މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނީ އުމުރުން 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި ނަމައެވެ. 16 އަހަރުން މަތީގެ ކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީ ގޯނާ ކޮށްފިނަމަ އަންނާނީ އެންމެ ގިނަވެގެން 10 އަހަރުގެ ޖަލު ހުކުމެކެވެ. ރޭޕްގެ ވޭދަނަތަކުގައި އޮސްޓްރޭލިއާގައި އާންމުކޮށް ޖަލަށް ހުކުމް ކޮށްފައި ވަނީ 8 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށެވެ.