އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފި
މިއަދުން ފެށިގެން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާވެއްޖެއެވެ. މިއީ ދުނިޔޭގައި ވެސް ގައުމެއްގެ ސަރުކާރަކުން މުޅިން އަލަށް އެޅި ފިޔަވަޅެކެވެ.
ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، އެކްސް، ސްނެޕްޗެޓް ފަދަ އެޕްލިކޭޝަންތައް 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުން ނުކުރެވޭނެހެން ބްލޮކް ކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ޓެކް ކުންފުނިތަކަށް އަންގައިފައެވެ.
ސަރުކާރުގެ އެންގުމަށް ހިލާފަށް، އެކްސެސް ދޭ ކުންފުނިތައް 49.5 މިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގައުމުގެ އާ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންނަކީ 16 އަހަރުވެފައިވާ ކުދިންކަން ދެނެގަތުމަށް ޓެކް ކުންފުނިތަކަށް ލާޒިމްވާނެއެވެ. އެގޮތުން އެކުދިންގެ ގަވަމެންޓް އައިޑީއާއި މޫނު އަދި އަޑުން އެކަން ދެނެގަނެވޭނެ ގޮތްތައް ވަނީ އީޖާދުކޮށްފައެވެ.
އެންމެ އާންމު ސޯޝަލް މީޑިއާ އެޕްތައް ކަމަށްވާ ފޭސްބުން އަދި އިންސްޓަގްރާމް ހިންގާ މެޓާ ކުންފުނިން ވަނީ މިދިޔަ ހަފްތާއިން ފެށިގެން އޮސްޓްރޭލިއާއަށް ނިސްބަތްވާ 16 އަހަރުން ދަށުގެ ކުދިން ބޭން ކުރަން ފަށައިފައެވެ.
އެގައުމުގެ މި ފިޔަވަޅު ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. އަދި އޮސްޓްރޭލިއާ ސަރުކާރަށް ވަރަށް ބޮޑަށް ދަނީ ތައުރީފު ކުރަމުންނެވެ. ނަމަވެސް ފޭކް އައިޑީތަކާއި ވީޕީއެން ބޭނުންކޮށްގެން އަދިވެސް އެކުދިން ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަބަޔަކު ބުނެއެވެ.
ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާގައި ގާތްގަނޑަކަށް 16 އަހަރުން ދަށުގެ 5 މިލިއަނެއްހާ ކުދިން އުޅެއެވެ. އޭގެތެރެއިން 1 މިލިއަން ކުދިންނަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރަކީ އާންމުކޮށް މިހާރު ސޯޝަލް މީޑިއާ ބޭނުންކުރަން ފަށާ އުމުރެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ބުނެފައި ވަނީ މި ފިޔަވަޅަކީ ކުޑަކުދީން، ކުޑަކުދީންގެ ގޮތުގައި ބެއިތިއްބުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

