ޚަބަރު

އައްޑޫގައި ކުނިން ހަކަތަ އުފައްދަން އަބޫދާބީ ފަންޑުން 14 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައްޑޫސިޓީގައި ކުނިން ހަކަތަ އުފެއްދުމަށް އަބޫދާބީ ފަންޑުން 14 މިލިއަން ޑޮލަރު (216.3 މިލިއަން ރުފިޔާ)ގެ ލުއި ލޯނެއް ދޭން ނިންމައިފިއެވެ.

Ads by MWSC

މިދިޔަ މަހު ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށް ދިޔަ ކޮޕް26 ކޮންފަރެންސްގެ ތެރޭގައި ވަނީ އެނަޖީ ޓްރާންސިޝަން އެކްސެލެރޭޓާ ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް)ގެ ނަމުގައި އައު ފަންޑެއް ގާއިމްކޮށްފައެވެ.

އިއާދަކުރަނިވި ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ)އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަދި ޔޫއޭއީ ސަރުކާރު ގުޅިގެން ގާއިމްކުރި މި ފަންޑުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއަށް 14 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ދިނުމަށް ނިންމައި، އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އަބޫދާބީ ފަންޑުގެ ފަރާތުން ސޮއި ކުރެއްވީ އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއެވެ.

އަބޫދާބީ ފަންޑުން ދިން ލުއި ލޯނުގެ ދަށުން ހަރަދު ކުރަން ހަމަޖެހިފައި ވަނީ އައްޑޫގައި ކުނިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމަށެވެ. އެ ނިޒާމުގެ ދަށުން 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ކަމަށް ބެލެވެއެވެ. އެ ނިޒާމުން އުފައްދާ ހަކަތައިން އައްޑޫގެ 6،000 ގެއަށް ކަރަންޓު ދިނުމުގެ އިތުރުން އެ ނިޒާމު އޮޕަރޭޝަނަށް ގެނައުމުން، އައްޑޫގައި އުކައިލާ ކުނީގެ %10 މަދުވާނެއެވެ. އޭޑީއެފްޑީގެ ލޯނުން މި މަޝްރޫއަށް ބޭނުންވާ ޖުމްލަ 28 މިލިއަން ޑޮލަރު (432.6 މިލިއަން ރުފިޔާ)ގެ %50 މިވަނީ ހަމަޖެހިފައެވެ.

"ކުނިން ހަކަތަ އުފައްދާ މި ނިޒާމަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ދަށުން އެޅޭ މުހިންމު ފިޔަވަޅެއް،" އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ވިދާޅުވިއެވެ.

އަބޫދާބީ ފަންޑުން ދިން ލޯނުގެ އިންޓަރެސްޓަކީ ކިހައި ވަރެއް ކަމެއް އޭޑީއެފްޑީއަކުން ނުބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!