ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ ވާދޫ ބަންދުކޮށްފި

ކޮވިޑް-19ގެ ފައްސި ވޭދަނަތަކެއް ފެނި ގދ. ވާދުއަށް އަރައި ފޭބުން މަނާކޮށްފިއެވެ.
އެރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އެ ރަށުގެ މުޖުތަމައުއިން ކޮވިޑް-19އަށް ގިނަ ބަޔަކު ފައްސިވުމާ ގުޅިގެންނެވެ. އެގޮތުން މިހައިތަނަށް އެރަށުން 17 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މަޢުލޫމާތު ލިބިފައި ވާ ގޮތުގައި އެ ރަށުން އެންމެ ފުރަތަމަ ފައްސިވީ ރަށުން ބޭރުން އައި މީހެކެވެ. އޭނާ ބައްޔަށް ފައްސިވުމާ ގުޅިގެން ގާތުން އެއްތާވި މީހުން ދެނެގަނެ އެމީހުންގެ ސުންކު ވަނީ ނަގައިފައެވެ.
އެ ރަށުން ކޮވިޑަށް ފައްސިވި މީހުންނާ ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ވާދޫގެ އިތުރުން މިހާރު 21 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ.