ލައިފްސްޓައިލް

ފުއްޕާހަން: ފުއްޕާވަރުގެ އެއްޗެއްތަ؟

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ފުއްޕާހަމޭ ބުނީމަ ކޮންމެ މީހަކަށް ވެސް ފުރަތަމަ ސިފަ ވާނީ އެކި ކުލަކުލައިގެ ރީތި ފުއްޕާހަންތަކެވެ. ޕާޓީތަކާއި ހަފްލާތަކެވެ. ފަހަކަށް އައިސް ، ހަމައެކަނި ކުރީގައި ފެންނަ ގޮތުގެ ބަދަލުގައި މާ ރީތި ކުލަކުލައާއި ރީތި ގޮތްގޮތަށް ފުއްޕާހަންތައް ފުއްޕައިފައި ބޭނުންކުރަމުންދެއެވެ. އެކި ކުލަތަކުގެ އިތުރުން، ތަފާތު ވައްތަރެއްގެ ރަން އަދި ރިހި ފަދަ ކުލަތަކުގެ ފުއްޕާހަން ވެސް ފެންނަމުން އެބަދެއެވެ. ކުރީގައި ގިނައިން ފެންނަނީ ލޭޓެކްސް ފުއްޕާހަން ނަމަވެސް ފަހަކަށް އައިސް ނައިލޯން ނުވަތަ ޕްލާސްޓިކް ފުއްޕާހަން ވެސް މިދަނީ ހަލުވިކަމާ އެކު އާންމު ވަމުންނެވެ. ފުއްޕާހަމަކީ ވަރަށް އުފާވެރި މުނާސަބުތަކުގައި އެ އުފާވެރި އިހުސާސް ލޮލަށް ފެންނަ ރަމްޒެއްގެ ގޮތުގައި ބެހެއްޓޭ އެއްޗެކެވެ.

Ads by MWSC

ޕާޓީތަކާއި އެހެނިހެން ހާއްސަ ހަފްލާތަކަށް ޕާޓީއެއްގެ ސިފަ ޖައްސަދީ އިންސްޓަގްރާމްއަށް ފޮޓޯ ލާ ވަރަށް ރީތި ކޮށްދޭ އެއްޗެއްސެވެ. މިހާރު އޮންނަނީކީ ހަމައެކަނި އުފަންދުވަހާއި ކައިވެނި ހަފްލާ ފާހަގަ ކޮށްފައި ނިންމައިލާ އުސޫލެއް ނޫނެވެ. ކުލަގަދަކޮށް ފާހަގަ ކުރަން ޖެހޭ ހާދަ ބައިވަރު ހަފްލާއެއް މިހާރު ވުޖޫދަށް އައިސްފިއެވެ. ޕްރޮޕޯޒްކުރާ ހަފްލާ، ރަންކިޔުމުގެ ހަފްލާ، ބްރައިޑަލް ޝަވާރ، މިހެން ގޮސް ދިރިއުޅުމުގައި އަންނަ ހާއްސަ އެތަކެއް ކަމެއް ފާހަގަ ކުރަން އެބަޖެހެއެވެ. މީގެން ކޮންމެ ހަފްލާއެއްގައި ފުއްޕާހަން ބޭނުން ނުކުރިއެއް ކަމަކު ފުއްޕާހަމުގެ ބޭނުން ކުރާވަރު މިހާރު މިވަނީ ކުރިއަށް ވުރެ އެތަށް ގުނައެއް އިތުރު ވެފައެވެ.

ފުއްޕާހަމަކީ ކުޑަކުދިން ކުޅޭ ހިތްވާ އެ ކުދިންނަށް ވެސް އުފާވެރިކަމާއި މަޖާކަން ގެނެސްދޭ އެއްޗެކެވެ. މިސަބަބާއި ހުރެ ފުއްޕާހަމަކީ ސްކޫލްތަކުގައި ވެސް ހާއްސަ ދުވަސްދުވަސް ފާހަގަ ކުރަން ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. އޮފީސްތަކާއި ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒު ފަދަ ތަންތަނުގައި ވެސް ހާއްސަ ދުވަސް ދުވަހު ހާއްސަކަން ދައްކުވައިދިނުމަށް ބޭނުން ކޮށްފައި ހުންނަ އެއްޗެކެވެ.

ހަގީގަތުގައި ސެލެބްރޭޓް ކުރާ ވަރުގެ އެއްޗެއް ނޫން

އަހަރެމެންގެ ވަށައިގެންވާ މާހައުލު ކަމުގައިވާ ތިމާވެށި އެއީ އަހަރެމެންގެ ގެކަމަށްވާ އިރު، އަދި އެ ތިމާވެށީގެ ދުޅަހެޔޮ ކަމަކީ އަހަރެމެންގެ ދިރިހުރުން އޭގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ވާއިރު، އަހަރެމެންނަކަށް ފުއްޕާހަމުގެ ރީތި ކަމާއި 'ޕާޓީ'ކަމައިގެން ހެވިފައި ތިބެވޭކަށް ނެތެވެ. ފުއްޕާހަމަކީ އަސްލު ތިމާވެއްޓަށް އެތަކެއް ނުރަނގަޅު އަސަރު ތަކެއް ކުރާ އެއްޗެއްކަން އެނގޭ ހެއްޔެވެ؟

ލޭޓެކްސް އިން ހަދާފައިވާ ފުއްޕާހަމަށް ބަލާއިރު، އެއީ އަމިއްލައަށް ނެތިގެންދާ އެއްޗެއްކަމުގައި ފުއްޕާހަން ހަދާ ކުންފުނިތަކުން ބުނެއެވެ، އެހެން ނަމަވެސް، ބައެއް މީހުން ދެކޭ ގޮތުގައި މިއީކީ ފުއްޕާހަން ބޭނުންކުރަން ދެއްކޭނޭ ބަހަނާއެއް ނޫނެވެ. އެއީ ފުއްޕާހަން ނެތިގެން ދާން ނަގާ ދުވަސްތަކުގެ ތެރޭގައި ވެސް، އެތަކެއް ދިރޭތަކެއްޗަށް އޭގެން ގެއްލުން ވުމުގެ ފުރުސަތު ވަރަށް ބޮޑުވީމައެވެ. ފުއްޕާހަމުގެ އެތިކޮޅު ކޮޅު ދިރޭ އެއްޗެހީގެ ކަރުގައި ތާށިވެގެން މަރުވާއިރު އަނެއްބައި ދިރޭ އެއްޗެހީގެ ބަނޑުގައި އަދި ގޮހޮރުގައި އޮޅި އެތަކެތި މަރުވެއެވެ. މައްޗަށް ގަސްތުގައި ދޫކޮށްލާ ފުއްޕާހަން ނުވަތަ އޮޅިގެން ދޫވިޔަސް އެތަކެތިން މައްޗަށް ދިޔަގޮތަށް އަލުން އަނބުރާ ތިރިއަށް ވެސް އަންނާނެއެވެ. އަދި ތިރިއަށް ވެއްޓުމަށް ފަހު އެ ވާނީ ހަމަ އެކި ތަންތަނަށް އެޅޭ ކުންޏަށެވެ.

ދުނިޔޭގެ ބައެއް ހިސާބުތަކުގައި ހަފްލާތަކާ ވިދިގެން މައްޗަށް ފުއްޕާހަންތަކެއް ދޫކޮށްލުމަކީ ގާނޫނީ ކުށެކެވެ. އެއީ އޭގެންވާ ގެއްލުންތަކުގެ ސަބަބުންނެވެ. ފުއްޕާހަންތައް ދޫކޮށްލުމުގެ ގެއްލުންތަކުގެ ވާހަކަ އެންމެ ބޮޑަށް ދައްކާ އެކަމާ އިދިކޮޅަށް އަޑު އުފުލާ އޯގަނައިޒޭޝަންއެއް އެމެރިކާގައި އޮވެއެވެ. ނަމަކީ ބެލޫންސް ބްލޯ ޑޯންޓް ލެޓް ދެމް ގޯއެވެ. އެމީހުންގެ ވެބްސައިޓުގައި ފުއްޕާހަމުގެ އެތިކޮޅުކޮޅުތަކުގެ ސަބަބުން ދިރޭ ތަކެއްޗަށް ލިބިފައިވާ އަނިޔާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުއްޕާހަންތައް ތަންތަން ހަޑިކޮށްފައިވާ ފޮޓޯތައް ދައްކައިލައިފައި ވެއެވެ. އޭގެ އިތުރުން އެކި މީސްމީހުން އަތިރިމަތި ފަދަ ތަންތަން ސާފުކުރުުމުގެ ތެރޭގައި ފެންނަ ފުއްޕާހަންތަކާ އޭގެ ހަލާކުވެފައިވާ އެތިކޮޅުކޮޅުގެ ފޮޓޯ ވެސް ދައްކައިފައިވެއެވެ.

ފުއްޕާހަމުގެ ބަދަލުގައި ބޭނުން ކުރެވޭނީ ކޮން އެއްޗެއްސެއް؟

ކުރިން ވެސް ބުނި ފަދައިން ފުއްޕާހަމަކީ ވަރަށް ރީތި، ޕާޓީގައި ޕާޓީގެ ކުލަ ޖައްސައިދޭ ޕާޓީގެ ފޮޓޯތައް ރީތިކޮށްދޭ އަދި އުފާވެރިކަމާއި ފާހަގަ ކުރުމުގެ ނިޝާނެކެވެ. އެހެންވީމާ އެވަރުގެ އެއްޗެއް ދޫކޮށްލާނީ ކިހިނެތް ހެއްޔެވެ؟ މީގެ ޖަވާބަކީ ފުއްޕާހަން ނުއުފައްދާއިރު ވެސް މީހުން ޕާޓީ ބާއްވާ އަދި އުފާވެރި ހަފްލާތައް ކުލަގަދަކޮށް ފާހަގަ ކުރާނޭ ނޫން ހެއްޔެވެ. ނަމަވެސް އޭރު ފުއްޕާހަމަކީ ހުންނަ އެއްޗެއް ވެސް ނޫންވީމާ އެތަކެތި ކޮބައިތޯ ބަލާނެ މީހަކު ނުވާނެއެވެ. ނަމަވެސް ހަމަ ޕާޓީ ވެސް ބާއްވާ، މީހުން އުފާ ވެސް ފާޅުކޮށް ހަފްލާ ވެސް ރީތި ކުރެއެވެ. އެހެންވީމާ ފުއްޕާހަމާ ނުލާ ވެސް އަހަރެމެންނަށް ޕާޓީ ބޭއްވިދާނެއެވެ.

ދެން އޮތް ސުވާލަކީ ފުއްޕާހަން ބޭނުންނުކޮށް ދެން ޕާޓީ ސަޅިކޮށްލަން ބޭނުން ކުރެވިދާނެ އެހެން ގޮތްތަކަކީ ކޮބައި ހެއްޔެވެ؟ ޖަވާބަކީ އެކަމަކަށް ގަވާއިދެއް ނެތެވެ. އަދި އިމެއް ވެސް ނެތެވެ. އެމީހަކު ބޭނުން އެއްޗެއް ބޭނުން ކުރެވިދާނެއެވެ. އެމީހަކު ބޭނުން ގޮތެއް ހެދިދާނެއެވެ. ތަނެއް ފުރާ ގަސް ބެހެއްޓުމަކީ ވެސް ތަނެއް ޖަރީކޮށްލެވިދާނެ ގޮތެކެވެ. ބޮކި އެރުވުމަކީ ވެސް ބައެއް ގައުމުތަކުގައި ކުރާ ކަމެކެވެ. އެއީ ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާނެ ގޮތެކެވެ. އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ދިދަފަތި ދެމުން ވެސް އެއީ ހެދިދާނެ ގޮތެކެވެ. ވައިރޯޅިގެ އެހީގައި އެނބުރޭ ސްޕިނާރ ވީލްއަކީ ވެސް ބަލައިލާން ނުހަނު ރީތި ކުދަކުދިންގެ ހަފްލާތަކާ ގުޅޭނޭ އެއްޗެކެވެ. ބޮކިފަތި ނުވަތަ އުއްބައްތި ދިއްލުން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ކުރިން ވެސް ބުނިހެން ފުއްޕާހަމަކީ ޕާޓީ އެއްޗަކަށް ވީގޮތަށް، އާންމުކޮށް ޕާޓީތަކުގައި ނުފެންނަ އެއްޗެއް ވެސް ޕާޓީ އެއްޗަކަށް ހަދައި ލެވިދާނެއެވެ. އޭގައި އޮންނާނީ އެމީހެއްގެ ވިސްނުން ދާ ހިސާބެކެވެ. ކޮންމެ ގޮތަކަށް ވެސް ތަން ރީތިކޮށްލެވިދާނެއެވެ. އެ ރާޅު ނުވަތަ ޓްރެންްޑް ކޮންމެ ވެސް މީހަކު ފައްޓަންވީއެވެ. އޭރުން އިސާހިތަކު ވައިގައި ހިފައިފާނެއެވެ.

ޕާޓީގެ އިތުރުން ބައެއް ފަހަރު މީހަކު ދުނިޔެ ދޫކޮށް ދިޔުން ނުވަތަ ހިތާމަވެރިކަމަކާ ގުޅޭ ގޮތުން ދުނިޔޭގެ އެކި ތަންތަނުގައި ފުއްޕާހަން ދޫކުރުން ބާއްވައި އުޅެއެވެ. ރާއްޖޭގައި ވެސް އެކަހަލަ ކަންކަން ބާއްވައިފައިވެއެވެ. ނަމަވެސް ފުއްޕާހަން ދޫކުރުމުގެ ބަދަލުގައި އެކަހަލަ ހާލަތްތަކުގައި ވެސް ތިމާވެއްޓަށް ގެއްލުން ނުވާފަދަ ގޮތަކަށް ކަމެއް ރޭވިދާނެއެވެ. މިސާލަކަށް އެމީހެއްގެ ނަމުގައި ގަހެއް ނުވަތަ ގަސްތަކެއް އިންދުން ފަދަ ކަންކަމެވެ. ނޫނީ އެމީހެއްގެ ހަނދާނުގައި ކޮންމެސް ފައިދާހުރި ކަމެއް ކުރުމެވެ.

އެހެންވީމާ އަހަރެމެން ކުރަންވީ ކަމަކީ ފުއްޕާހަމުގެ ބޭނުންކުރުން އެއްކޮށް ހުއްޓާލަންވީއެވެ. ފުއްޕާހަން ބޭނުން ނުކޮށް އެހެން އާލާތްތައް ބޭނުންކޮށްގެން ހަފްލާތައް ސަޅިކޮށްލަންވީއެވެ. އަދި އެގޮތަށް އެކަން ބަދަލު ކޮށްލީ ކީއްވެގެންކަން މީހުން ގާތު ބުނެދޭންވީއެވެ. އޭރުން އެހެން މީހުންނަށް ވެސް އެގޮތަށް ކަންތައް ކުރުމަށް ހިތްވަރު ލިބޭނެއެވެ. ފުއްޕާހަމުގެ ބޭނުންކުރާވަރު މަދުވި ވަރަކަށް ފުއްޕާހަން ވިކޭވަރު ވެސް މަދުވާނެއެވެ. ކުޑަކުދިންނަށް އެއެއްޗެހި ފެންނަވަރު ވެސް މަދުވާނެއެވެ. އެކުދިންނަށް ފެނިގެން އެއެއްޗެހި ބޭނުންވާ ވަރު މަދުވުމުން ވެސް އެއެއްޗެހި ވިކޭވަރު މަދުވާނެއެވެ. އެހިސާބަށް ދިޔުމުން އަހަރެމެން ވީ ޕެޓިޝަންއެއް ހުށައަޅައިގެން ނަމަވެސް ފުއްޕާހަން އެތެރެކުރުން ހުއްޓައިލާށެވެ.

އަހަރެންގެ ތިމާވެށީގެ އައިޑަލް އެއްކަމަށްވާ ލުޖައިން، އިންސްޓަގްރާމް ނަމުން ނަމަ އައިލަވްޓާޓަލްޕޫ، އެއް ފަހަރަކު ސްޓޯރީގައި ބުނި ގޮތުގައި އެއް ފަހަރު ބޭނުންކޮށްފައި އެއްލައިލާ އެއްޗެހީގެ ތެރެއިން ފުއްޕާހަމަކީ އޭތި ބޭނުން ކުރުން ހުއްޓާލަން އެންމެ ފަސޭހަ އެއްޗެހީގެ ތެރެއިން އެކައްޗެވެ. އަހަރެން ވެސް އެބުނާ އެއްޗަކާ އެއްބަހެވެ.

އަހަރެމެންގެ ދަރިންނަށް ފުއްޕާހަން ހޯދައިނުދީ ވެސް އުޅެވިދާނެއެވެ. އެއީ ދިރިއުޅުމަށް އެއްވެސް ދައްޗެއް ކުރިމަތިވާނޭ ކަމެއްނޫނެވެ. މިސާލަކަށް ޕްލާސްޓިކް ކޮތަޅު ނުވަތަ ޕްލާސްޓިކް ތަށި ސަމުސާ ފަދަ އެއްޗެހި ގެންގުޅުމަކީ މީހުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނުވައިދޭ އެއްޗެހި ވީމާ މީހުންނަށް އެ އެއްޗެހި ބޭނުންކުރުން ހުއްޓާލަން ދަތިތަކަކާއި ކުރިމަތިވެދާނެކަން ގަބޫލު ކުރަން ޖެހެއެވެ. ނަމަވެސް ފުއްޕާހަން އެއާ މުޅިން ތަފާތެވެ.

އެހެންވީމާ ފުއްޕާހަމާ ދޭތެރޭގައި ތަންކޮޅެއް ފުންކޮށް ވިސްނައި މިއީ ވެސް ދައްކަންވީ ވާހަކައެއް ކަމުގައި ދެކިގެން ކާފަ މާމަ ކައިރި ފުއްޕާހަން ނޫން އެއްޗެއް ކުދިންނަށް ގަނެދިނުމަށް އެދޭށެވެ. އަދި ތިމާވެއްޓަށް އަހުލުވެރި ބައެއްގެ ގޮތުގައި އަހަރެމެންގެ ދަރިން ބޮޑުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމާ ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!