ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ށ. ގޮއިދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލުން ވަނީ މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވަޢުދުވީ ފަދައިން ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގޮއިދޫގައި ތަރައްޤީކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުން ތިއްބެވީ ވަރަށް ހިތްހަމަޖެހިފައިކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ޓަކައި ބޭނުންވާ ކަންތައްތައް ރައީސް އާއި ޙިއްޞާކުރައްވައިފައެވެ. އެގޮތުން، ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުން ވަނީ ވަރަށް ތަފްޞީލުކޮށް ފާހަގަކުރައްވައިފައެވެ.

އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އާ ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވެވިއެވެ. އަދި ރައްޔިތުންނަށް ރަށުގައި މަދިރި ގިނަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ރަށުގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަށްކަމަށް ވާތީ ރަށާ ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް ބޭނުންވާކަ މަށާއި، ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް ބޭނުންވާކަމުގައި ވެސް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާ އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވައިލައްވަމުން ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ރައީސް ދެއްވި އުންމީދީ ޖަވާބުތަކެއްކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!