2021ގެ ފިޓްނެސް ޓްރެންޑްތައް
ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ކުރި ހަމައެކަނި ހެޔޮ އަސަރަށް ވެގެން ދިޔައީ ސިއްހަތާ މެދު ކަންބޮޑުވެ ވިސްނާން ޖެހުމެވެ. ދުޅަހެޔޮކަމަށް ޓަކައި ކަސްރަތުގެ މުހިންމުކަން އިހްސާސްވުމެވެ. ކަސްރަތުކުރުމަކީ ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރަށް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.
އޮންލައިން ޕާސަނަލް ޓްރެއިނިންއިން ފެށިގެން ގޭގައި ޖިމެއް ގާއިމް ކުރުމާ ހަމައަށް 2021ވަނަ އަހަރު ވަނީ ސިއްހަތަށް އިސްކަން ދިނުމުގެ ގޮތުން އައު ގޮތްތައް އީޖާދުކޮށްފައެވެ. އަދި އެއަށް އަހުލުވެރިކުރުމުގެ މަސައްކަތް ވެސް ވަނީ ފެނިގެން ގޮސްފައެވެ. މި ހިމަނައިލަނީ މި އަހަރުގެ ފިޓްނަސް ޓްރެންޑްތަކުގެ ތެރެއިން ބައެއް ޓްރެންޑްތަކެވެ.
ފިޓްނެސް ގެޖެޓް
ތިބާގެ ފިޔަވަޅުތައް ގުނުމާއި ނިދުމުގެ ސައިކަލް ޓްރެކް ކުރުމުގެ ގާބިލްކަން ލިބިފައިވާ ފިޓްނަސް ބޭންޑްތަކުގެ އިތުރުން، ފިޓްނަސްއަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މާކެޓަށް މިހާރު ވަނީ ޖާދުވީ ގެޖެޓްތައް ތައާރަފް ކޮށްފައެވެ. ސްމާޓް ގަޑިތައް ވެސް އުފައްދައިފައި ވަނީ ހިތުގެ ރޭޓާއި، ވިންދު ރޭޓާއި އަދި މިނޫން ވެސް މީހުންގެ ސިއްހަތު ޓްރެކް ކުރުމުގައި އެހީތެރިވެދޭ ތަފާތު އެހެނިހެން ފީޗާތައް ވެސް ހިމަނައިފައެވެ.
ކެއުމުގެ އާދަ
ޑެއިރީގެ ބައި މަދު ކުރުމަށާއި މުޅިން ވީގަންއަކަށް ބަދަލުވުމަށް އިތުރު މޭވާއާއި ތަރުކާރީ ހިމެނުމަކީ ތަފާތު ޑައިޓް ކަލްޗާތަކުގެ އަސަރު މީހުންނަށް ފޯރައިފައިވާ ކަމުގެ ހެއްކެކެވެ. އެއިން ކޮންމެ މީހެއްގެ ކިބައިގައި ވެސް އެމީހެއްގެ އަމިއްލަ އުސޫލުތައް ހުރި ނަމަވެސް މެއެވެ. މި އަހަރު ސެލެބްރިޓީން ފެނިގެން ދިޔައީ ބަރުދަން ލުއި ކުރުމަށް މަދުން ކާބް އަދި ހައި ފެޓް އަދި ޕްރޮޓީން ޑައިޓް ފޮލޯ ކުރާ ކެޓޯ ޑައިޓް ޕްރޮމޯޓް ކުރާ ތަނެވެ.
ހޯމް ޖިމް
ކޮމާޝަލް ޖިމްތައް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށް، ފިޓްނަސްގެ ދަތުރު އަލުން ފެށުމަށް މީހުން ކެތްމަދުވެފައި ތިބުމުން، ގިނަ ބަޔަކު ވަނީ ގޭގައި ޖިމެއް ގާއިމްކޮށް، އެއްވެސް ކަމެއްގެ ސަބަބުން ކަސްރަތުކުރުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް މަސައްކަތްކޮށްފައެވެ. އެކަމަކު ހޯމް ޖިމްތަކަކީ ވެސް ތަންކޮޅެއް އަގުބޮޑު ޖިމްތަކަކަށް ވާތީ، ބައެއް މީހުން އާދައިގެ ޕެރަލަލް ބާއެއް ނުވަތަ ޕުލްއަޕް ބާއެއް ހަރުކޮށްގެން އަދި އެއްވެސް އެއްޗެއްގެ އެހީއާ ނުލައި ހަމައެކަނި އަމިއްލަ ހަށިގަނޑު ބޭނުންކޮށްގެން ކަސްރަތު ކުރަން ފަށައިފައިވެއެވެ.
ފިޓްނެސް އެޕްލިކޭޝަން
މި ދުވަސްވަރު ޕާސަނަލް ހެލްތު ކޯޗުންނާއި ޓްރެއިނަރުންގެ ޑިމާންޑް މަތިކަން ފާހަގަކުރެވުނީ ޑައެޓް ޕްލޭންތަކާއި ވޯކްއައުޓް ޕްލޭންތަކާއި ޓިޕްސްތަކަށް ފިޓްނަސް އެޕްލިކޭޝަންތަކުގައި ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާތީއެވެ. ގިނަ ކޮމާޝަލް ޓްރެއިނަރުން ވެސް އޮންލައިން މޯޑް އެޑޮޕްޓްކޮށް، ވީޑިއޯ ލިންކް މެދުވެރިކޮށް ކްލައިންޓުންނަށް ކޯޗުކޮށްދޭން ފެށީ މި ބަލިމަޑުކަމުގެ ތެރޭގައި ގިނަ ބަޔަކު އެއްތަންވާ ވަރު މަދު ކުރުމަށެވެ.
ރާއްޖޭގައި ވެސް މިހާރު ތަފާތު އެކި ޖިމްތައް ގާއިމްވެފައިވެއެވެ. އަދި ކުރިޔާ އަޅައި ބަލާއިރު ކަސްރަތުކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.