އެމްއެންޕީގެ ފަރާތުން ވާދަކުރުމަށް ހަންނާން ފޯމު ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރެއްވުމަށް ބާއްވާ ބައި-އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ޓިކެޓް ދީފައިވާ އަބްދުލް ހަންނާން އިދުރީސް، އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށް ހަންނާނު އީސީއަށް ވަޑައިގެންނެވީ އަމިއްލަފުޅަށެވެ.
އޭނާގެ ފޯމާ ހަވާލުވެލެއްވީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ސުލައިމާނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްއެންޕީން ހަންނާނަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްއެންޕީގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި، އެކަމަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލެއްވީ ވެސް ހަންނާނު އެކަންޏެވެ.
ތައުލީމު ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ހަންނާނު މިހާރު އުޅުއްވަނީ އަމިއްލަ ވިޔަފާރީގައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހުގައެވެ.