އިދިކޮޅު ކެނޑިޑޭޓުގެ ޓީމަށް ފޯކައިދޫން ހޫނު މަރުހަބާއެއް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތި ލައްވައިފައިވާ އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީގެ ޓީމުން ށ. ފޯކައިދޫއަށް ދިއުމުން، އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ފޯކައިދޫއަކީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައިފައިވާ މެންބަރުގެ އުފަން ރަށެވެ.
އިދިކޮޅު ޕީޕީއެމްގެ ޓީމު މިއަދު އެ ރަށަށް ދިޔުމުން، އެ ރަށުން އެ ޓީމަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ވަނީ ނިކުމެފައެވެ. މިއިންތިހާބުގައި ވާދަކޮށް އެންމެ ފޯރީގައި ކެމްޕެއިން ކުރަމުންދާ އެއް ޓީމަކީ ވެސް ޕީޕީއެމްގެ ޓީމެވެ. އެގޮތުން އެ ޓީމުން ދަނީ ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ޑޯޓުޑޯގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަމުންނެވެ.
އިދިކޮޅު ކޯލިޝަނުން މި ވަގުތު އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ފަށައިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް އެ ކޯލިޝަންގެ އިސްވެރީން ދަނީ ކެމްޕެއިންގައި ހަރަކާތްތެރި ވަމުންނެވެ.
އިދިކޮޅު ޕީޕީއެމްގެ އިތުރުން އެ ގޮނޑިއަށް ދެން އެންމެ ބޮޑަށް ކެމްޕޭނު ކުރަނީ އެމްއެންޕީއިންނެވެ.