ލަންދޫގައި އަލަށް އިމާރާތްކުރި މިސްކިތް ރައީސް ޞާލިޙް ހުޅުވައިދެއްވައިފި

ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، ނ.ލަންދޫގައި އަލަށް ޢިމާރާތްކުރި މަސްޖިދުލްފުރުޤާން، ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ.
ފަސްސަތޭކަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.
މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސައިފައެވެ.
ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ އެކު މި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 22 ޑިސެމްބަރު 2020 ވަނަ ދުވަހުއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ސޮއިކުރައްވައިފައިވާއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވައިފައި ވަނީ، ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އައިމަންއެވެ.
މި މިސްކިތުގެ މަސައްކަތް ފައްޓައިފައިވަނީ 24 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ.
މި މިސްކިތުގެ މަސައްކަތް ނިންމައިފައި ވަނީ 05 އޮކްޓޯބަރ 2021 ވަނަ ދުވަހުއެވެ. ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 3024 އަކަފޫޓްގެ މި މިސްކިތް ނިންމައި މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ 04 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ.