ޚަބަރު އިޖުތިމާޢީ

ހުޅުމާލޭގައި ހަފްލާތައް ބޭއްވުމަށް މެދުކަނޑައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގައި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުއްދަ ދޫކުރުން މެދުކަނޑައިލައިފިއެވެ.

Ads by MWSC

އެޗްޑީސީން މިއަދު ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް އެ ކުންފުނިން ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑައިލައިފައިވާ ކަމަށެވެ.

އެޗްޑީސީން މިގޮތަށް ނިންމައިފައި ވާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މާލޭގައި މިހާރު ކުރިޔަށްދާ ނައިޓް މާކެޓު ހުއްޓައިލާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މާލެ ސިޓީ ކައުންސިލަށް ވެސް އަންގައިފައެވެ.

މިގޮތަށް އެންގުމާ ގުޅިގެން މާލެ ސިޓީގައި ކުރިޔަށްދާ ނައިޓް މާރކެޓް ފަދަ އިވެންޓްތަކަށް ހުއްދަދިނުން ވަގުތީގޮތުން ހުއްޓައިލާން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

ދާދި ފަހުން ރައީސް ޞާލިޙް ވެސް ވަނީ ކުރިއަށް އޮތް ތިން ހަފްތާއަކީ ކޮވިޑް-19 ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރޭނެ ދުވަސްތަކެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކޮވިޑް-19ގެ ވޭދަނަތައް އަނެއްކާ ވެސް އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް ، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ގޮވައިލައްވައިފައެވެ.

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ވެސް ވަނީ ބޮޑު މިއުޒިކް ޝޯއެއް ބާއްވައިފައެވެ. އެ ޝޯއަށް 11،000އަށް ވުރެ ގިނަ މީހުން ވަނީ ޖަމާވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!