ޚަބަރު

އެޗްޕީއޭގެ އަވަސް ނިންމުންތަކާ އެކު ވިޔަފާރިވެރިންނަށް މިލިޔަނުން ގެއްލުން!

  • ވިޔަފާރިވެރިންނަށް ގެއްލުންތަކެއް
  • ހަމައެކަނި ނައިޓް މާކެޓް ހުއްޓުވުމުން ކަންބޮޑުވުން
  • ސިޓީ ކައުންސިލުން ކުށްވެރި ކުރީ އެޗްޕީއޭ
ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ 48 ގަޑިރުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބޮޑެތި ނިންމުންތަކެއް ނިންމިއެވެ.

Ads by Hajj Corporation

ފުރަތަމަ އެޗްޕީއޭއިން ނިންމީ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެގެން މަގުމަތީ ބާޒާރު ހުއްޓުވައި، އެފަދަ އެހެން ހަރަކާތްތައް ވެސް ނުބޭއްވޭނެ ކަމަށެވެ. އެއީ 5 ޖެނުއަރީގައެވެ. ނަމަވެސް 6 ޖެނުއަރީގައި އަނެއްކާ ވެސް ނިންމުމެއް އެޗްޕީއޭއިން ނިންމިއެވެ. އެއީ ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމަށެވެ.

މިފަހަރު އެޗްޕީއޭއިން ޝަރުތުތަކެއް ކުރިއެވެ. އެއީ އަލުން ނައިޓް މާކެޓް ފަށާއިރު ބާޒާރުގައި ވިޔަފާރި ކުރެވޭނީ އާންމު ފިހާރަތަކުން ވެސް ވިޔަފާރި ކުރެވޭ އުސޫލުން ކަމަށެވެ. އަދި ގައިދުރުކަން ބަހައްޓައިގެން ކުރިޔަށް ގެންދިއުމަށް އެދިފައިވެއެވެ.

އޭގެ ފަހުން އަނެއްކާ ވެސް 24 ގަޑިއިރު ނުވަނީސް އެޗްޕީއިން ބޮޑު ނިންމުމެއް ނިންމިއެވެ. އެއީ ނައިޓް މާކެޓް ބާއްވަން ދިން ހުއްދަ ބާތިލު ކުރުމެވެ.

ވިޔަފާރިވެރިންނަށް ގެއްލުންތަކެއް

މާލޭގައި ބާއްވާ ނައިޓް މާކެޓް އިންތިޒާމް ކުރާ ފަރާތުން "ދެން"އަށް މަލޫމާތު ދެމުން ބުނެފައި ވަނީ، އެޗްޕީއޭގެ އަވަސް، ދޯހަޅި ނިންމުންތަކާ އެކު ވިޔަފާރިވެރިން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"މީގެ މައްސަލައަކީ ދެވަނަ ފަހަރަށް ބޭއްވުމަށް ހުއްދަ ދިނުމަށް ފަހު އަނެއްކާ ވެސް ހުއްދަ ބާތިލްކުރުން. ވިޔަފާރި ކުރަން މި ގެންގުޅޭ ޓެންޓްތައް ޖެހުމަކީ ޚަރަދު ބޮޑު ކަމެއް. 4،000 ވަރަކަށް ރުފިޔާއަށް ޓެންޓެއް މި ޖެހެނީ. ހުއްދަ އަލުން ދިނުމުން ޓެންޓްތައް ރޫޅައިލުމަށް ފަހު، އަނެއްކާ އަޅަން ޖެހުނީ. ހަމައެކަނި ޓެންޓް ހެދުމަށް ދިޔަ 10،000 ރުފިޔާ. 250 ވިޔަފާރިވެރިން މިތާންގައި އުޅޭއިރު، ހަމައެކަނި ޓެންޓަށް ދިޔަ ޚަރަދު އެބައަރާ 2 މިލިޔަން" ނައިޓް މާކެޓް އިންތިޒާމް ކުރާ ކުންފުނިން، ރަޔަން އަލީ ބުންޏެވެ.

ރަޔަން ބުނި ގޮތުގައި، ހުއްޓައިލާން އެންގުމަށް ފަހު ހާލަތު ރަނގަޅުވަންދެން ނުބާއްވަން ނިންމި ނަމަ، ވިޔަފާރިވެރިންނަށް އެހައި ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

އަދި ނައިޓް މާކެޓަކީ ކޮވިޑް-19އާ އެކު ބަގުރޫޓުވި ބައެއް ކުދި ވިޔަފާރިތައް އަލުން ކޮޅަށް ޖަހަން ލިބުނު ފުރުސަތެއް ކަމަށާއި ނަމަވެސް އެޗްޕީއޭއިން ކަންތައް ކުރި ގޮތުން އަނެއްކާ ވެސް ބޮޑެތި ގެއްލުންތަކެއް ކުދި ވިޔަފާރިތަކަށް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"މިތާންގައި ތަކެތި ވިއްކަން ކުދި ވިޔަފާރިވެރިން. ރަށްރަށުން މުދާ ކޮޅު ހިފައިގެން އައިސް ވެސް އެބަތިބި މީހުން. މިއީ އެ މީހުންނަށް ބޮޑު އޮޕަޗިއުނިޓީއެއް." އިންޒާރެއް ނުދީ ނައިޓް މާކެޓް ހުއްޓުވުން ކުށްވެރި ކުރަމުން ރަޔަން ބުނީ، މިކަމަކީ ނިކަމެތި ވިޔަފާރި ވެރިންނަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ.

ހަމައެކަނި ނައިޓް މާކެޓް ހުއްޓުވުމުން ކަންބޮޑުވުން

މާލޭގައި ކޮވިޑް-19 ވޭދަނަތައް އިތުރުވުމާ އެކު ބައެއް މީހުން ވަނީ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް ވަކި ނައިޓް މާކެޓްގައި ގޮޅި ހަދައިގެން ވިޔަފާރި ކުރާ މީހުންގެ ޝަކުވާއަކީ، ފިޔަވަޅުތައް އަޅާއިރު ވަކި ބަޔަކަށް ފިޔަވަޅު އެޅުމެވެ.

"ނައިޓް މާކެޓް ބާއްވަން ހުއްދަ ނެތް ކަމަށް އެންގީ ރޭ 9 ޖެހިއިރު، އޭރު ރަސްފަންނު ސްޓޭޖް ސަރަހައްދުގައި ހަފްތާރެސްގެ ޝޯއެއް އޮތް. އައު އަހަރު ފާހަގަކުރަން 11،000 މީހުން ދިޔައޭ ބުނީ ހަމަ ސަރުކާރުން. އެޗްޕީއޭއިން މިކަންތައް ހުއްޓުމަށް މަސައްކަތް ނުކޮށް، ވަކި ކަމެއް ހުއްޓުވަން މަސައްކަތް ކުރުމުން ހައިރާންވޭ" ކަންބޮޑުވުން ހިއްސާ ކުރަމުން ރަޔަން ބުންޏެވެ.

ކޮވިޑް-19 ވޭދަނަތައް މާލެ ސަރަހައްދާއި އަތޮޅު ތެރޭގެ ރަށްތަކުގައި ދަނީ އިތުރުވަމުންނެވެ. މި މަހުގެ ތެރޭގައި 1300އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އިއްޔެ އެކަނި ވެސް ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 300އަށް ވުރެ މަތީގައެވެ. ހަރަކާތްތެރި ވޭދަނަތައް 3،086އަށް އަރައެވެ. ކޮވިޑް-19 ހަލުވި ކަމާއެކު، ފެތުރެމުން އަންނައިރު، ކޮންޓްރޯލް ކުރުމަށް ފިޔަވަޅު ނާޅާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެޗްޕީއޭއަށް އަމާޒުވެފައެވެ. އެޗްޕީއޭއަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ބުނަނީ މިސަބަބާ ހުރެއެވެ.

ރަޔަން ބުނީ، ދެވަނަ ފަހަރަށް ހުއްދަ ދިނުމަށް ފަހު ކުއްލިއަކަށް ހުއްދަ އަލުން ބާތިލް ކުރުމުން 8 މިލިޔަނެއްހައި ރުފިޔާގެ ގެއްލުން ވިޔަފާރިވެރިންނަށް ލިބިފައިވާ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ އަޑު އިއްވުމަށް މިއަދު އިހްތިޖާޖް ކުރުމަށް ނިންމައިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިއަދު 3:30ގައި އިހްތިޖާޖް ކުރުމަށް ވަނީ ހަމަޖެހިފައި. އިހްތިޖާޖް އޮންނާނީ ރަސްފަންނާ ދިމާ މަޖީދީ މަގުގައި" ރަޔަން ބުންޏެވެ.

ސިޓީ ކައުންސިލުން ކުށްވެރި ކުރީ އެޗްޕީއޭ

ނައިޓް މާކެޓް ހުއްދަ ބާތިލު ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު އައިޝަތު ޝިއުނާ ވިދާޅުވީ، އެޗްޕީއޭއިން މިކަމުގައި ކަންތައްކޮށްފައި ވަނީ ވަރަށް ދޯހަޅިކޮށް ކަމަށެވެ.

"މީގެ ކުރިން ވެސް އިންތިޚާބުތަކާ ދިމާކޮށްފައި، ސަރުކާރުން ބޭނުންވާ ގޮތަކަށް ސިޔާސަތުތައް ބަދަލު ކުރިތަން ފެނުނު. އެޗްޕީއޭއިން އެބަ ޖެހޭ ދުރާލާ ރާވައިގެން، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން." ނިންމުން މުރާޖައާ ކުރުމުން އެޗްޕީއޭއަށް ފާޑު ވިދާޅުވަމުން ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، އެޗްޕީއޭގެ ނިންމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ ކަމަށާއި މިކަމުގައި ކައުންސިލަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

"ސަރުކާރުން، އެޗްޕީއޭއިން އެންގީ ހުއްދަ އަލުން އަނބުރާ ގެންގޮސްފީމޭ. އަޅުގަނޑުމެން ޖެހޭނީ ތަންފީޒް ކުރަން ދެއްތޯ" ޝައުނާ ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދެވަނަ ފަހަރަށް ދީފައި ވަނީ އެޗްޕީއޭއަށް ވިޔަފާރިވެރިން އެދުމުން ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އިންޒާރެއް ނުދީ ހުއްޓުވާނެ ކަމަށް ޤަބޫލު ނުކުރެވުނު ކަމަށް ޝައުނާ ވިދާޅުވިއެވެ.

Ads by HDC
  1. ފޫހި

    ތިޔަަ ނައިޓުމާކެޓުގައިި ގިނައީީ ވަގުު ބަންގާޅީންގެެ ވިޔަފާރިި. ތިޔަަ މާކެޓްް ހުއްޓުވަންް ލަސްވެއްޖެެ. އިންތިޒާމުު ކިރާފަރާތުންް ތިޔަކަންް ކުރަންބޭނުންވާނެެ. ޙަމައެކަނިި މަގުގައިި ގޮޅިި ކުރަހާލައިގެންް ހަތަރުު މިލިއަންް ތިޔަަ މޭޒުތަކުންް ތިޔަކުރާާ ވޮޔަފާރިންް ޓެކްސެއްް ނުދައްކާާ.