ފިލިޕީންސްގެ އާޓިސްޓަކު ކުރަހަނީ މަރުވެފައިވާ ކުރަފިތަކުގައި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާޓިސްޓުން އަބަދުވެސް މަސައްކަތް ކުރަނީ އާދަޔާ ހިލާފު ހިޔާލުތައް ހޯދައި، އެކި ވައްތަރުގެ ރެކޯޑް ހެދުމަށެވެ. އެ ގޮތުން އާޓިސްޓު ބްރެންޑާ ޑެލްގާޑޯއަކީ މަރުވެފައިވާ ކުރަފިތައް ބޭނުން ކޮށްގެން ކުރަހާ މީހެކެވެ.
ގިނަ ބަޔަކު މަރުވެފައިވާ ސޫފިތައް ފެނުމުން ބިރުގަނެއެވެ. ނަމަވެސް ޑެލްގާޑޯއަކީ އެއްވެސް ބިރެއް ނެތި މަރުވެފައިވާ ކުރަފިތައް އޭނާގެ ކެންވަހެއްގެ ގޮތުގައި ބޭނުންކުރާ އާޓިސްޓެކެވެ. ޑެލްގާޑޯ ހުރިހާ އާޓިސްޓުންނަށް ވެސް ދޭ ނަސޭހަތަކީ އެމީހެއްގެ ހުނަރުތައް ދައްކާން ބިރު ނުގަތުމަށާއި އަދި އަމިއްލަ ނަފްސަށް ގޮންޖެހުމަށް ވެސް ބިރު ނުގަތުމަށެވެ.
މެނީލާގެ ކަލޫކަން ސިޓީގައި ދިރިއުޅޭ އުމުރުން 30 އަހަރުގެ މި އާޓިސްޓަށް މި ޚިޔާލު އައީ އޭނާ މަސައްކަތް ކުރާ ތަނުން މަރުވެފައިވާ ކުރަފިތަކެއް ފެނުމުންނެވެ. ކުރަފީގެ ފިޔަތަކުގެ އަލިގަދަކަމާއި އޭގެ އޮމާންކަން ފާހަގަވުމުން އޭނާ ކުރަން އިން މަސައްކަތް ހުއްޓައިލައި މަރުވެފައިވާ ކުރަތްޕެއް ކެންވަސްއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ ކިހިނެތްތޯ އަމިއްލަ ނަފްސާ ސުވާލުކޮށް އެކަމާ އޭނާ ވަރަށް ބޮޑަށް ވިސްނިއެވެ.
ޑެލްގާޑޯއަކީ މިކަހަލަ ސޫފިތަކުގައި ކުލަ ޖެއްސި ފުރަތަމަ މީހާއެއް ނޫނެވެ. މެކްސިކޯގެ އާޓިސްޓެއް ކަމަށްވާ ކްރިސްޓިއަން ރާމޯސް އިހްތިހާޖުކުރުމުގައި ކުރަފީގެ މަތީގައި ކުރަހާ ކުރެހުންތައް ބޭނުންކުރެއެވެ.
ޑެލްގާޑޯ އޮއިލް ޕެއިންޓް ބޭނުން ކޮށްގެން މަރުވެފައިވާ ސޫފިތަކުގައި ވިންސެންޓް ވޭން ގޯގެ "ސްޓާރީ ނައިޓް" ހިމެނޭ ރީތި ސީންތައް ކުރަހައިފައި ވެއެވެ. އޭނާގެ މި މަސައްކަތްތައް އޮންލައިންކޮށް ހިއްސާކުރުމުން އޭނާ މަޝްހޫރުވެ އޭނާގެ އުފެއްދުންތަކަށް މީހުންގެ ބޮޑު ތަރުހީބެއް ލިބިގެންދެއެވެ.
ފާއިތުވި އަހަރުތަކުގައި ވިންސެންޓް ވޭން ގޯގެ ސްޓާރީ ނައިޓް ވަނީ ޕޮޕް ކަލްޗާތަކުގައި އެކި ގޮތްގޮތަށް އަލުން ހެދިފައެވެ. އާޓިސްޓުން ވަނީ 1889ގެ މާސްޓާޕީސް އެކި ކަހަލަ މީޑިއަމްތަކުގައި ކުރަހައިފައެވެ. 2016ވަނަ އަހަރުގައި ތުރުކީގެ އާސާރީ ކުރެހުމުގެ އާޓް ފޯމެއް ކަމަށްވާ އެބްރޫ ބޭނުންކޮށްގެން މި ކުރެހުން ވަނީ ފެންގަނޑުގެ މަތީގައި އަލުން ހަދައިފައެވެ.
ރާއްޖޭގައި ވެސް ވިންސެންޓް ވޭން ގޯގެ މި ކުރެހުމަކީ ވަރަށް މަޝްހޫރު ކުރެހުމެކެވެ. ކޭކު ހެދުމުގައްޔާއި އެކި ކަހަލަ ގަހަނާތައް ހެދުމުގައި ވެސް މި ކުރެހުން ބޭނުން ކޮށްފައިވެއެވެ.