ކޮޗިން ފެރީއިން ރާއްޖެއަށް ހަތިޔާރު އެތެރެ ކުރާ ކަމަށް ތުހުމަތުކޮށްފި

އިންޑިއާގެ ކޮޗިންިއިން ރާއްޖެއަށް މުދާ އުފުލަމުން އަންނަ ކޮޗިން ފެރީއިން ރާއްޖެއަށް ހަތިޔާރު އެތެރެ ކުރާކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފިއެވެ.
ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި، ޕީޕީއެމްގެ ނައިބު ރައީސް، މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ކޮޗިން ފެރީގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފައިދާކޮށް، ރައްޔިތުން އުފައްދާ ތަކެތި އިންޑިއާ ވިއްކޭނެ ގޮތް ވާނެ ކަމަށް ސަރުކާރުގެ މެންބަރުން ކުރިން ވިދާޅުވި ނަަމަވެސް ކަންވެފައިވަނީ އެހެން ނޫން ކަމަށެވެ. އަދި ކޮޗިން ފެރީން ރާއްޖެއަށް ލިބުނު މަންފާއެއް ނެތް ކަމަށާއި ގެނައީ ހަތިޔާރު ކަމަށް ވިދާޅުވިއެވެ.
"ކޮޗިން ފެރީއިން ރައްޔިތުންނަށް ވީ މަންފާއެއް ނެތް. އެތެރެކުރީ ހަނިމާދުއަށް ހަތިޔާރު، އިންޑިއާ ސިފައިން," ޝުޖާއު ވިދާޅުވިއެވެ.

އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް
ޝުޖާއުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ހިންގަމުން އަންނަ ކެންޕެއިނަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ އަސްކަރިއްޔާ ބާލަން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުން އިންޑިއާ ޑޮކްޓަރުންނާއި ޓީޗަރުންފަދަ ޚިދުމަތްތެރިން ތިބުމަށް ހުރަސް ނާޅާ ކަމަށްވެސް ވިދާޅުވިއެވެ.
ޝުޖާ މިހެން ވިދާޅުވީ، ރައީސް ޔާމީން ށ. ފުނަދުއަށް ވަޑައިގެން އެރަށުގައި އިންޑިއާ އައުޓް ކެންޕެއިން ހަރަކާތްތަކެއް ހިންގިތާ މާގިނައިރުތަކެއް ނުވަނީސް އެރަށު ސްކޫލު ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނިކޮށެވެ.
އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިފަދަ ކަންކަން ކުރާނަމަ ރާއްޖެއަށް އިންޑިއާ ޓީޗަރުން ގެނައުމަށް ދަތިވާނެ ކަމަށެވެ. މިކަމަށް ރައްދު ދެއްވަމުން ޝޫޖާ ވިދާޅުވީ، އިންޑިއާއިން ޑޮކްޓަރުންނާއި ނަރުހުން ރާއްޖެއަށް ނުފޮނުވާ ހާލަތެއްގައި، ރާއްޖެއިން ޑޮކްޓަރުންނާއި ޓީޗަރުން އުފައްދާނެ ކަމަށާއި ރައީސް ޔާމީންގެ ސިޔާސަތަކީވެސް މިއީ ކަމަށެވެ.
"ވަކި ހިސާބަކުން އިންޑިއާއިން އަންގާނީ ރާއްޖެއަށް ޑޮކްޓަރުންނާ ޓީޗަރުން ފޮނުވޭކަށް ނެތޭ. އަޅުގަނޑުމެންގެ ﷲގެ ރަޙްމަތްފުޅުން ޑޮކްޓަރުންނާއި ޓީޗަރުން އުފައްދާނީ ދެން މިޤައުމުގައި" ޝޫޖާއު ވިދާޅުވިއެވެ.