ޚަބަރު

މަހުމޫދު މެރުމުގެ ކުށް ސާލިމްގެ މައްޗަށް ސާބިތުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
މަހުމޫދު މަރައިލި ޝާ އަލޮމް މިއާ (ސާލިމް)

އދ. ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެ ރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރައިލިކަމަށް ބަނގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާއަށް އިއުތިރާފްވެފައި ވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

Ads by MWSC

މަހުމޫދް މަރައިލި މައްސަލައިގައި ސާލިމްގެ މައްޗަށް އުފުލައިފައި ވަނީ، ޤަޞްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވައިފައި ވަނީ މި މައްސަލައިގެ އަވަސް ނިޔާގެ އަޑުއެހުމެކެވެ. ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަ ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް މަހްމޫދުގެ ހުރިހައި ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަންކަމަށް ވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފައި ވަނީ ސާލިމާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށެވެ.

މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ އާއިލާއިން މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހައިލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނީ އެ ރަށުގައި ހުންނަ ފަޅު ގެއެއްގެ ތެރޭގައި ހުންނަ ފެންވަޅެއްގެ ތެރެއަށް ފައްތައިފައި އޮއްވައެވެ. މަހުމޫދުގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައި އޮތް އިރު އޭނާގެ ބޮލަށާއި ފަޔަށް ވަނީ ގޯންޏެއް ވެސް މަހައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!