ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 23ވަނަ ފަހަރަށް އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. މިއީ މި ހާލަތު އިތުރު ކުރި 23 ވަނަ ފަހަރެވެ.

Ads by STELCO

މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނުމުން، މި ބަލި ކޮންްޓްރޯލް ކުރުމަށް ޓަަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 2020ވަނަ އަހަރުގެ މާޗް މަހުގެ 12ވަނަ ދުވަހުގައެވެ.

މަހަކަށް އިއުލާނު ކުރާ މި ހާލަތު އެންމެ ފަހުން އިތުރު ކުރި މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ. އެހެންކަމުން މިނިސްޓަރ އޮފް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ 28ގެ ނިޔަލަށް އަނެއްކާ ވެސް ވަނީ މި ހާލަތު އިތުރުކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް ދަންމައިލީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަދިވެސް އޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އެގޮތަށް ލަފާ ދެއްވާތީ ކަމަށް ހެލްތު މިނިސްޓްރީން ނެރުނު ގަރާރުގައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތައް:

▪︎ ތައުލީމުދޭ މަރުކަޒުތައް ބަންދުކުރުން

▪︎ މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން

▪︎ ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާ ތަންތަނަށް ދިއުން މަނާކުރުމުގެ އަމުރު ނެރުން

▪︎ ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން

▪︎ ސަބަބު ބަޔާން ކޮށްދިނުމަށް ފަހު މީހެއްގެ އިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުން

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިދުވަސްކޮޅު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އިއްޔެ 2813 މީހުން ރާއްޖެއިން މި ބައްޔަށް ފައްސި ވެފައިވާއިރު، ފައްސިވީ ޖުމްލަ އަދަދު މިހާރު ވަނީ 125،590 އަށް އަރައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!