އަހަރެން ދީޕިކާގެ ފިލްމު ޕްރޮމޯޓެއް ނުކުރާނަން: ކަންގްނާ

ބޮލީވުޑްގެ ތަރި ކަންގްނާ ރަނާވަތު އަބަދުވެސް ފާހަގަ ކުރެވިފައި ވަނީ، ޖެހިލުމެއް ނެތި ބުނަން ބޭނުުން ކޮންމެ އެއްޗެއް ބުނާ ތަރިއެއްގެ ގޮތުގައެވެ. އެއީ ދާއިރާގައި މަސައްކަތް ކުރާ އެހެން ފަންނާނެއް، ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް، އަދި ސިޔާސީ މީހެއް ނުވަތަ މީޑިއާގެ މީހެއް ކަމުގައި ވިޔަސް، ކަންގްނާއަކީ އެއްވެސް ފަސްޖެހުމެއް ނެތި ބަސް ބުނާ ފަންނާނެއްކަން ފާހަގަވެއެވެ.
ޕްރޮޑިއުސަރ އެކްތާ ކަޕޫރް އަލަށް އުފައްދާ ރިއަލިޓީ ޝޯ "ލޮކް އަޕް"ގެ ހޯސްޓު ކުރަން ހަވާލު ކޮށްފައިވަނީ ކަންގްނާއާއެވެ.
އެ ޝޯއާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަންގްނާއާ ނޫސްވެރިއަކު ކުރި ސުވާލަކުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުފައެވެ.
އެގޮތުން ކަންގްނާ ކައިރީގައި ނޫސްވެރިއަކު ސުވާލު ކުރީ، ދީޕިކާ ޕަދުކޯން އެންމެ ފަހުން ކުޅުނު ފިލްމު "ގެހެރާއިޔާ" ޕްރޮމޯޓު ކުރަން ލައިފައި ހުރި ހެދުމާ ގުޅިގެން، މީހުން ފާޑު ކިޔުމާ ބެހޭ ގޮތުން ކަންގްނާ ދެކޭ ގޮތެވެ.
އެ ސުވާލު ކުރުމުން ހިތްހަމަ ނުޖެހިގެން ކަންގްނާ ބުނީ އޭނާ އެއްވެސް ވަރަކަށް ދީޕިކާގެ ފިލްމު ޕްރޮމޯޓު ނުކުރާނެ ކަމަށެވެ. އަދި އިތުރު ސުވާލެއް ކުރަން އެ ނޫސްވެރިޔާއަށް ފުރުސަތު ނުދީ، ކަންގްނާ ވަނީ އޭނާ ކައިރީ އިށީނުމަށް ބުނެފައެވެ.