ރައްޔިތުން ބުނީ ވަގު ޔާމީން ޖަލަށް ލައިދޭށޭ: ނިހާދު
މިއަދު ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ރައްޔިތުން ދީފައިވަނީ ސާފު މެސެޖެއް ކަމަށާއި އެ މެސެޖަކީ އިދިކޮޅު ލ؛ީޑަރު ރައީސް ޔާމީން ޖަލަށްލުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު އަބްދުﷲ ނިހާދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއާ ވާހަަކަފުޅު ދައްކަވަމުން ނިހާދު ވިދާޅުވީ، އިންޑިއާ އައުޓް ކުރަން އިދިކޮޅުން ނިކުތް ނަމަވެސް އަސްލު އައުޓް ވާން ޖެހޭނީ ކޮން ބައެއްކަން މިއަދު ރައްޔިތުން ބުނެދީފި ކަމަށެވެ. މިގޮތުން، މިއަދުގެ ވޯޓުން އަންގައިދިނީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ކަމަށް ނިހާދު ވިދާޅުވިއެވެ.
"ރައްޔިތުން އެ އާދޭސް ކުރީ، ދިވެހިރާއްޖޭގެ ސަރުކާރަށް، އަދި މިނިވަން ޖުޑީޝަރީއަށް އިންސާފުވެރި ކަމާއެކު ޝަރީއަތްކޮށް، އެ ވަގު ކަލޭގެ (ރައީސް ޔާމީން) ޖަލަށް ލައިދޭށޭ. އަޅުގަނޑު ޤަބޫލު ކުރަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެ ބުނީ" ނިހާދު ވިދާޅުވީ، އައުޓް ވާންވީ ރައީސް ޔާމީން ކަމަށެވެ.
"އައުޓް ވާނީ އިންޑިއާއެއް ނޫނޭ. އައުޓް ވާނީ ޔާމީނާއި ޔާމީނުގެ އައުވާނުންނޭ"
ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބުގެ ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދެވެ. ރާޝިދާ އެންމެ ކައިރިން ވާދަ ކުރީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއެވެ. އެންމެ ފުލުގައި އޮތީ އެމްއެންޕީ ކެނޑިޑޭޓް ހަންނާނެވެ.
އިންތިޚާބު ކުރިޔަށް ދިޔަ ވަގުތު، ޕީޕީއެމްއިން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެ، އިލެކްޝަން ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅައިފައެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާ ފަދަ މައްސަލައެއް ހުށަހަޅައިފައި ނުވާ ކަމަށެވެ.