ރިޕޯޓް

ކާމިޔާބާއެކު ލިބުނު މޮޅެއް ނެތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔުމާ އެކު އެ ގޮނޑި ވެގެން މި ދިޔައީ ސިޔާސީ ގޮތުން ރަން ގޮނޑިއަކަށެވެ. ވަރު ހުރި ކޮންމެ ޕާޓީއަކަށް އެ ގޮނޑި ކާމިޔާބު ކުރުން އިންތިހާއަށް މުހިންމުވިއެވެ. ބިޔަ ބޮޑު އެމްޑީޕީން ކެނޑިޑޭޓެއް ނެރުނެވެ. އިދިކޮޅުން ވެސް ކެނޑިޑޭޓެއް ނެރުނެވެ. ދާދި އިހަށް ދުވަހަކު އުފެއްދި އެމްއެންޕީން ވެސް ކެނޑިޑޭޓެއް ނެރުނެވެ. ފަތު އަޑު ކިޔާފައި ކެމްޕެއިން ވެސް ފެށިއެވެ.

Ads by Sosun Fihaara

މީގެ ކުރިން އިންތިހާބުތަކުގައި ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ އާދައިގެ ގޮނޑިއެކެވެ. ކެމްޕެއިންތަކުގައި މާބޮޑެތި ހަރަދުތަކެއް ވެސް މިދާއިރާގެ ގޮނޑި ނެގުމަކަށް ނުކުރެއެވެ. މިފަހަރުގެ އިންތިހާބު މި ދިމާކުރީ ސިޔާސީ ގޮތުން ވަރަށް ނާޒުކު ދަނޑިވަޅަކާއެވެ. އެމްޑީޕީގެ ވެރިކަމުގެ ދައުރު މިވަނީ ގާތްގަނޑަކަށް ނިމެން ކައިރިވެފައެވެ. ބާކީ ދޮޅު އަހަރެއްހައި ދުވަސް އޮތްއިރު ސަރުކާރަށް އަދިވެސް ބޮޑު ތާއީދެއް އޮތްކަން ސާބިތުކޮށްދިނުން ވަރަށް މުހިންމެވެ. އަނެއްކޮޅުން އިދިކޮޅުގައި އޮވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްއަށް އޮތް ތާއީދު ދެއްކުމަށް މި އިންތިހާބު ވަރަށް މުހިންމުވިއެވެ. އަލަށް އުފެދުނު އެމްއެންޕީއަށް ވެސް މިއީ މުހިންމު އިންތިހާބެކެވެ.

ވޯޓުގެ ނަތީޖާއިން ކުރި ހޯދީ އެމްޑީޕީގެ ކެނޑިޑޭޓެވެ. ހަގީގަތަށް ދަންނަވާ ނަމަ އެއީ އެމްޑީޕީގެ އެކަނި ކެނޑިޑޭޓެއް ނޫނެވެ. މުޅި ސަރުކާރުގެ ކެނޑިޑޭޓެވެ. ކުރީގެ ރައީސް އަދި ކޯލިޝަން ޕާޓްނަރު މައުމޫނު އަބްދުލް ގައްޔޫމު ފިޔަވައި ހުރިހާ ލީޑަރުން މި އިންތިހާބުގައި ތާއީދު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓަށެވެ. ފޯރިގަދަ ކެމްޕެއިންގައި މި ހުރިހާ ލީޑަރުން ވެސް ނުހަނު މަސައްކަތް ކޮށްދެއްވިއެވެ. ކެމްޕެއިންގެ ތެރެއިން އެތައް ދަތުރެއް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވެސް ކުރެއްވިއެވެ. އެހެންކަމުން މިއީ މުޅި ކޯލިޝަނުން ވަރަށް ބޮޑު ބުރައެއް އުފުލައި ކާމިޔާބު ކުރި ކެމްޕެއިނެކޭ ދެންނެވިދާނެއެވެ.

ދެން އޮތީ ސަރުކާރުގެ މަސައްކަތްތަކެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ އެކު ސަރުކާރުގެ ބިޔަ މަޝްރޫއުތައް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި އިއުލާން ކުރިއެވެ. އިންތިހާބާ ނުހަނު ގާތްވެފައި ވަނިކޮށް ބައެއް މަޝްރޫއުތައް ފެށި ވެސް މެއެވެ. ސަރުކާރު ކުންފުނިތަކުން ރަށްރަށުގެ ތަރައްގީގެ އެކި ކަންކަމަށް ހަދިޔާ ބަދިޔާ ވެސް ބެހިއެވެ. ކުލަ ފާޓާތަކާއި އޭސީއާއި ޓީވީ ވެސް ހަދިޔާ ކުރިއެވެ. މީގެ އިތުރުން ވެސް ވަކިވަކި ފަރުދުންނަށް ވެސް ސިޔާސީ ބޭފުޅުން އެހީތެރިކަން ފޯރުކޮށްދިނެވެ. އިދިކޮޅުން ސިފަކުރި ގޮތަށް އިންތިހާބު ކައިރިވަމުން ދިޔައިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގަމުން ދިޔައީ ކޮމަންޑޫ ދާއިރާއިންނޭ ދެންނެވުން ވެސް ކުށަކަށް ނުވާނެއެވެ.

ހަގީގަތުގައި ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ދުވަސްވަރު ސަރުކާރު އޮތީ އެ ދާއިރާގައެވެ. ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީީން އުޅުއްވީ އެ ދާއިރާގައެވެ. މިނޫނަސް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ހަރު ބޭފުޅުން ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ތިއްބެވިއެވެ. ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޞާލިހު ވެސް ދެ ފަހަރު އެދާއިރާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

އިދިކޮޅުން ވެސް ލީޑަރޝިޕްގެ ޓީމެއް ދާއިރާގައި ކެމްޕެއިން ކުރިއެވެ. ގައުމުގެ ޙާލަތަށް ރިޢާޔަތްކޮށް  ރާއްޖޭގެ ސަލާމަތާއި މިނިވަންކަމުގެ ވާހަކަ ދައްކައި އިދިކޮޅަށް އިންތިޚާބު މުހިންމުވާ ސަބަބުތައް ކިޔައިދިނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ދާއިރާގެ ތިން ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

މީގެ ކުރިން 2019ވަނަ އަހަރު ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ބަލައިލަން ވެސް އެބަ ޖެހެއެވެ. އެއިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓު މަރުހޫމް ހުސައިން ވަހީދު ކުރި ހޯއްދެވީ 56 އިންސައްތައިގެ އަޣްލަބިއްޔަތަކުންނެވެ. އޭރު އިދިކޮޅުން ވާދަކުރެއްވި ކެނޑިޑޭޓަށް ލިބިލެއްވީ 43 އިންސައްތައެވެ. އެހެންކަމުން ވާދަވެރިކަން މީގެ ކުރިން ވެސް ކޮމަންޑޫ ދާއިރާގައި އޮތްކަމަށް ދެންނެވިދާނެއެވެ. ވޭތުވެދިޔަ މަޖިލީހުގެ ދެ ދައުރަކީ ވެސް އެމްޑީޕީން ކޮމަންޑޫގެ ގޮނޑި ނެގި ދެ ދައުރެވެ.

މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީއާއި އަދާލަތުގެ އިތުރުން ޖޭޕީ ވެސް ކެމްޕެއިން ކޮށްގެން ނެގުނީ 48 އިންސައްތައިގެ އަޣްލަބިއްޔަތެކެވެ. އެހެންކަމުން 52 އިންސައްތަ ރައްޔިތުން މިވަނީ އެމްޑީޕީއަށާއި މުޅި ސަރުކާރަށް ނޫނެކޭ ބުނެފައެވެ. މިއީ އެތައް މަޝްރޫއުތަކެއް ފަށައި އެތަކެއް ހަދިޔާތަކާ އެކު ސަރުކާރަށް ކުރެވުނު ވަރެވެ.

މިފަހަރުގެ އިންތިހާބުގެ ބޮޑު މަންޒަރަށް ބަލާ ނަމަ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރިނަމަވެސް އެޕާޓީއަށް ލިބުނު މޮޅެއް ނެތެވެ. ނަތީޖާއިން ފެނުނީ އެމްޑީޕީގެ ތާއީދު ކުޑަވެގެން ދިޔަތަނެވެ. އަދި ކުރިއަށް އޮތް 2023ވަނަ އަހަރުގެ ބޮޑު އިންތިހާބުގައި އެމްޑީޕީއަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމުގެ ހެއްކެވެ.

  1. ޗޮއްޕަޑޭ

    ކާމިޔާބު ކުރެއްވީ މި އިނއތިޚާބު ވެސް ރޔާމީން، ފޮނުއަރުވަމުން ތި ދުވާ މއެމްޑީޕީގެ ބައިގަނޑު އަޅެފަހެ ލަދެއް ނުގަނޭބާ ތީ ބޭކާރު ބައެއް، ލީޑަރުންނޭ ކިއަގެން ފުމޭ ތި ހަތަރު ލީޑަރުން މިފަހަރުވެސް ރޔާމީން އެއޮތީ ލަދުގަންނަވާލާފަ، ތި ވޯޓުތައް ހަތަރު ބަޔަށް ބަހާލާފަ ދެން ނިކަން ފުމެއަރުވާބަލަ، އެހެންޏާފަހެ މި ހީވަނީ އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން ވިއްޔަ، ތި ގޮތަށް ފުމޭއިރު ޕީޕީއެމުން މާލެ ސިޓީގެ ކިތައްގޮނޑި ކަލޯމެނާ ވާދަކޮށްގެން ނަގާފަ އެ އޮތީ! ރިޔާސޫ އިންތިޚާބުވެސް ކާމިޔާބު ކުރެއްވީ ހަމަ ރޔާމީން، އަދިވެސް އަނގަ ހެލުވޭތޯ ބަލާ،!!