ޚަބަރު

ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް 15 ނަރުހުން ހޯދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލު/ ފޮޓޯ: އަވަސް

ކޮވިޑަށް ފައްސިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއަށް 15 ނަރުހުން ހޯދަން ހުޅުމާލޭ ހޮސްޕިޓަލުން އިއުލާނު ކޮށްފިއެވެ.

Ads by Hajj Corporation

އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް ފެސިލިޓީއަށް ހޯދަނީ ސްޕެޝަލިޓީ ދާއިރާއަކުން ހަތަރު ނަރުހުންނާއި ސްޕެޝަލިޓީ ސީނިއާ ނަރުހަކާއި ރެޖިސްޓާޑް ހަ ނަރުހަކާއި ކްލިނިކަލް ދެ ނަރުހަކާއި ސީނިއާ ރެޖިސްޓާޑް ދެ ނަހުރުން ކަމަށެވެ.

އެގޮތުން ރެޖިސްޓާޑް ނަރުހެއްގެ މުސާރައަކީ 9060އާއި 9360 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. ސީނިއާ ރެޖިސްޓަޑް ނަރުހެއްގެ މުސާރައަކީ 9670އާއި 1016 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. ކްލިނިކަލް ނަރުހަކަށް 10410 ރުފިޔާއާއި 10940 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށާއި ސްޕެޝަލިޓީ ނަރުހަކަށް 9360އާއި 9670 ރުފިޔާގެ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ސްޕެޝަލިޓީ ސީނިއާ ނަރުހަކަށް 10170އާއި 10650ގެ މުސާރައެއް ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ސްޕެޝަލިޓީ ނަރުހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 235 ރުފިޔާ އަދި އެހެން މަގާމުތަކުގެ ނަރުހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި 188 ރުފިޔާ ލިބޭނެ ކަމަށެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީިގައި މަސައްކަތް ކުރާ ނަރުހުން ކުރަން ޖެހޭނެ މަސައްކަތަކީ ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!