މުނިފޫހިފިލުވުން ދިވެހި ސިނަމާ

މަޒްލޫމްގެ ފަހު ބައި "ހިންތަ" : ޕޯސްޓަރާއި ޓްރެއިލާ ވެސް ވަރަށް ތަފާތު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީ ދާއިރާގައި މިވަގުތު އެންމެ ނަން ހިނގަމުން އަންނަ އެއް ޑައިރެކްޓަރު ކަމުގައިވާ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ) އެންމެ ފަހުން އުފައްދައިފައިވާ "މަޒްލޫމް"ގެ އެންމެ ފަހު ބައިގެ ޕޯސްޓަރާއި ޓްރެއިލާ ރިލީސް ކޮށްފިއެވެ.

Ads by STELCO

"ހިންތަ" މި ނަން ދީފައިވާ އެ އެޕިސޯޑުގައި މުހިންމު ރޯލުތަކެއް އަދާކޮށްފައި ވަނީ މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒައާއި މަޒްލޫމްގެ ތިންވަނަ އެޕިސޮޑް ކަމަށްވާ "މިންޖު"ގެ ލީޑް ރޯލުން ފެނިގެން ދިޔަ ރަވީ ފާރޫޤްއެވެ. މި ދެތަރިންގެ އިތުރުން، އާއިޝަތު އަލީ، ސިމްބާ، އަލީ އުސާމް (ދޮނާ)ގެ އިތުރުން އައިޝަތު ލަހުފާ (ލަހޫ) ވެސް ހިމެނެއެވެ.

ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ މި އެޕިސޯޑް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

"ހިންތަ"ގެ ޓްރެއިލާއިން ފެންނަނީ، "ހަމްޝާ" (އައްޒަ) އިމާރާތަކުން ވެއްޓި ނިޔާވެއްޖެކަމަށް ތާތި، މި ސީރީޒްގެ ތިންވަނަ އެޕިސޯޑުގައި ބުނާ މަންޒަރެވެ. އުސް އިމާރާތަކުން އައްޒަ ވެއްޓޭ މަންޒަރާއި، މި ނޫން ވެސް އޭނަގެ މުހިންމު މަންޒަރުތަކެއް ޓްރެއިލާގައި ހިމަނައިފައިވެއެވެ.

"މަޒްލޫމް"އަކީ ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް ގުޅިގެން، މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދައިފައިވާ ކުރު ފިލްމެކެވެ. މަޒްލޫމްގެ މާނައަކީ "ވިކްޓިމް"އެވެ.

މަޒްލޫމްގެ ފުރަތަމަ ބައިން ދައްކުވައިދިނީ ރޭޕް ވޭދަނައެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ "ޒައްރޫކް"އިން ދައްކުވައި ދީފައި ވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. ތިންވަނަ ބައިގައި ދައްކުވައި ދީފައިވަނީ ގެވެށި އަނިޔާ ލިބެމުންދިޔަ އަންހެނަކަށް، އެކަމުގެ ސަބަބުން ކުރި އަސަރާއި ފަހުން އޭނާ ދެއްކި ހިތްވަރެވެ. މި ތިން ބަޔަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!