Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސީއައިޓީއެމްއަށް ގެނައި ބިދޭސީ ޓީޗަރެއް ކާނެ އެއްޗެއް ނެތި ހާލުގައި ޖެހިފައި!

ސީއައިޓީއެމްއަށް ގެނައި ބިދޭސީ ޓީޗަރެއް ކާނެ އެއްޗެއް ނެތި ހާލުގައި ޖެހިފައި!

ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓު (ސީއައިޓީއެމް)ގެ ކޯހެއްގައި ކިޔަވައި ދިނުމަށް ލަންކާއިން ގެނައި ޓީޗަރަކަށް ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު މުސާރަ ނުދޭ ކަމަށް އޭނާ ބުނެފިއެވެ.

"ދެން"އާ ވާހަކަ ދައްކަމުން ލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަސްލަމް ބުނެފައި ވަނީ، ސީއައިޓީއެމް އިން ކުޅުދުއްފުށީގައި ހިންގި ކޯހެއްގައި ކިޔަވައިދޭން އޭނާ ރާއްޖެއަށް އައިސްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގައި ކަމަށެވެ. އަދި ކުޅުދުއްފުށީގައި ކިޔަވައިދީފައިވާނެ ކަމަށާއި އެ މުއްދަތުގައި ދޭން ޖެހޭ މުސާރަ ސީއައިޓީއެމްއިން ނުދޭ ކަމަށެވެ.

"ކޮވިޑް-19އާ ހެދި ދަރިވަރުން ފީ ނުދައްކާތީ މުސާރަ ނުދެވެނީއޭ ބުނަނީ ކޮންމެ ފަހަރަކު." އަސްލަމް ކިޔައިދިނެވެ.

Advertisement
Allied — Dhen Online (box)

އަސްލަމް ބުނެފައި ވަނީ އެކި މަހުގައި އެކިވަރު މުސާރައިގެ ގޮތުގައި ދިން ކަމަށާއި ނަމަވެސް ރާއްޖެއަށް އޭނާ އައީ 700 ޑޮލަރުގެ މުސާރައަކަށް އެއްބަސްވެގެން ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި އޭނާއަށް 66 ހާހަށް ވުރެ ގިނަ ރުފިޔާ ނުދޭ ކަމަށް އޭނާ ކިޔައިދިނެވެ.

އަސްލަމް ބުނެފައި ވަނީ، މި ވަގުތު އޭނާ ހުރީ ވަރަށް ހާލުގައި ކަމަށާއި ވިސާ މުއްދަތު ހަމަވެފައިވުމުން އަނބުރާ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި މި މައްސަލަ ލޭބަރ އޮތޯރިޓީއަށް ހުށަހަޅައިފައިވާ ކަމަށާއި މި ވަގުތު ކާނެ އެއްޗެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުރަތަމަ ރާއްޖެ ގެނައީ ވެސް އޮޅުވައިލުމެއްގެ ތެރެއިން. ބިޒްނަސް ވިސާގައި ގެނައީ. ބުނީ އައީމަ ވޯކިންގ ވިސާއަކަށް ބަދަލުކޮށްދޭނަމޭ. އެކަމަކު އޮޅުވައިލީ، ވިސާ އެކްސްޓެންޑް ނުކުރާކަން ވެސް އެނގުނީ ވަރަށް ފަހުން" އަސްލަމް ބުންޏެވެ.

އަސްލަމް ބުނެފައި ވަނީ، އޭނާ މިވަގުތު ހުރީ ކުޅުދުއްފުށީގައި ކަމަށާއި އޭނާގެ ޕާސްޕޯޓް ވެސް ސީއައިޓީއެމްއިން ފުރަތަމަ ހިފެހެއްޓި ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ފުލުހަށް މައްސަލަ ހުށަހެޅުމުން، މިހާރު ޕާސްޕޯޓް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމުގައި ބަހެއް ހޯދައިލާން "ދެން"އިން ސީއައިޓީއެމްގެ ޗެއަރމަން މުޙައްމަދު ތޮލާލަށް ގުޅައިލުމުން އޭނާ ވިދާޅުވީ، މި މައްސަލައިގައި އަސްލަމް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށެވެ. މިގޮތުން، އަސްލަމްއަށް ދޭން އެއްބަސްވި މުސާރަ ދެމުން އައި ކަމަށާއި މައްސަލަ މިހާރު އޮތީ ލޭބަރ އޮތޯރިޓީގައި ކަމަށެވެ.

"ލޭބާއިން މައްސަލަ ބަލަމުންދަނީ. އޭނާ ބުނަނީ މި ވަރު ދޭން ޖެހެޔޭ. އެކަން އެނގޭނީ އެ އޮތޯރިޓީން މައްސަލަ ނިންމީމަތާ" ތޮލާލް ވިދާޅުވީ، އަސްލަމަށް ދޭން ޖެހޭ މުސާރަައިގެ ގޮތުގައި އޭނާ ބުނާ އަދަދަކީ ކަރަންޓީންގައި ހުރި މުއްދަތާއި، މޮނިޓަރިންނަށް ލުމުން މަސައްކަތް ނުކޮށް ހުރި ދުވަސްތަކަށް ފުލްކޮށް މުސާރަ ހިނގާ ގޮތަށް ބުނާ އަދަދެއް ކަމަށެވެ. އަދި ލޭބަރއިން ވަކި ގޮތެއް އަންގަންދެން މަޑުކޮށްލައިގެން ހުރީ ކަމަށާއި އާދީއްތަ ދުވަހު ގޮތް ނިންމާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް އިތުރަށް ވިދާޅުވީ، މައްސަލަ ޖެހުނު ހިސާބުން ފެށިގެން އޭނާ އަނބުރާ ޤައުމަށް ދާން ފުރުސަތު ދިން ކަމަށެވެ. ނަމަވެސް އެ ކަމަށް އޭނާ އިންކާރު ކުރި ކަމަށް ތޮލާލް ވިދާޅުވިއެވެ.

ޝަރުތު ހަމަނުވާ ދަރިވަރުން ކޯސްތަކުގައި ބައިވެރިކޮށް، ކަނޑައަޅައިފައިވާ އުސޫލުތަކުން ބޭރުން ސަނަދު ދޫކުރާ ކަމަށް ބުނެ ސީއައިޓީއެމްއަށް ދީފައިވާ ހުއްދަ އެމްކިއުއޭއިން ވަނީ މިދިޔަ ނޮވެންބަރު މަހު ބާތިލްކޮށްފައެވެ. އަދި ސީއައިޓީއެމްގެ ޕްރޮގްރާމުތައް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓިފިކެޓް ނުދޭ މައްސަލަ ވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް