ލައިފްސްޓައިލް

އަހަރެން ވެލެންޓައިންސް ޑޭ ފާހަގަ ނުކުރާ ސަބަބުތައް!

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ބައެއް މީހުން ބުނާ ގޮތުގައި ޚާއްސަ ދުވަސްދުވަސް ފާހަގަ ކުރުމަކީ ބޭކާރު ކަމެކެވެ. މިސާލަކަށް މަންމައިންގެ ދުވަސް ނޫނީ އަންހެނުންގެ ދުވަސް އަދި ލޯބިވެރިންގެ ދުވަސް ވެސް މީގައި ހިމެނެއެވެ. އެމީހުން ދެކޭ ގޮތުގައި އަހަރުގެ ތެރެއިން އެންމެ ދުވަހެއް ކަނޑައެޅުމަކީ އެ ޚާއްސަ ކަމަކަށް ނޫނީ ފާހަގަ ކުރާ ޚާއްސަ ބަޔަކަށް ނާއިންސާފެކެވެ. އެއީ އަހަރުގެ ކޮންމެ ދުވަހަކު ވެސް އެކަމެއް ނުވަތަ ބައެއް ފާހަގަ ކޮށް އަގު ވަޒަން ކުރަން ޖެހޭނެއެވެ.

Ads by STELCO

ނަމަވެސް އަހަރެން ދެކޭ ގޮތުގައި ހާއްސަ ދުވަސްދުވަހަކީ ބައެއް ކަންތައްތަކަށް ހުންނަން ޖެހޭނޭ ދުވަސްތަކެވެ. އެކަމެއްގެ ހޭލުންތެރިކަން ނުވަތަ އެބައެއްގެ މުހިންމުކަން މީހުންނަށް އަންގައިދިނުމަށް ޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ނަމަވެސް ވެލެންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހަކީ އަހަރެންގެ ނަޒަރުގައި އެކަހަލަ ދުވަހެއް ނޫނެވެ. މިއާ ޚިލާފަށް މިއީ މުޅިން ބޭކާރު ކަމެކެވެ. އެއީ އިޝްގީ ލޯތްބަކީ ނުދެކެވޭ ވާހަކައެއް ނޫނެވެ. އަބަދުހެން ޓީވީތަކާއި ރޭޑިއޯތަކުން އަންނަ ލަވައާއި ފިލްމުތަކަކީ ވެސް ގިނަ ފަހަރަށް މި މައުޟޫއަށް އަލިއަޅުވައިލައި ހަދައިފައިވާ އެއްޗެއްސެވެ. ކުޑަކުދިންގެ ކާޓޫންތަކުގައި ވެސް ލޯބީގެ ވާހަކަތައް ހުރެއެވެ. އެހެންވީމާ ލޯބިވެރިންނަށް ވަކި ދުވަހެއް ޚާއްސަ ކުރަންވީ ރަނގަޅު އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ.

އެހެން ނޫނަސް ލޯބީގެ އެކި ވައްތަރުތައް ހުރޭ ނޫން ހެއްޔެވެ. މައިވަންތަކަމުގެ ލޯބި، އެއްބަނޑު އެއްބަފާ ކުދިންގެ ތެރޭގައި އޮންނަ ލޯބި، ގާތް ރަހުމަތްތެރިންނަށް ހިތުގައި އޮންނަ ލޯބި ފަދަ އެތައް ލޯތްބެކެވެ. ނަމަވެސް މުޖުތަމައުގައި އިޝްގީ ލޯތްބަށް ދެވިފައި މި އޮންނަ ޖާގައާއި މުހިންމުކަން އެހެން އެއްވެސް ލޯތްބަކަށް ދެވިފައި އޮންނަ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ލޯބިވެރިންގެ ދުވަހު ވެސް ބައެއް މީހުން އެކި ވައްތަރުތަކުގެ ލޯބި ފާހަގަ ކުރާކަން އެނގެއެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި އަލިއަޅުވައިލެވިފައި ހުންނަނީ އިޝްގީ ލޯތްބަށެވެ.

ދީނީ ނަޒަރުން ބަލާއިރު ލޯބިވެރިންގެ ދުވަހަކީ ފާހަގަ ކުރަންވާނޭ ދުވަހެއް ނޫނެވެ. އެ ދުވަހުގެ ފެށުން އައިސް އޮތީ އެހައި ރަނގަޅު މޫތަކަކުން ނޫން ކަމުގައި ބުނާ ނުކުތާތައް އޭގެ ސަބަބެއް ކަމަށް ފާހަގަ ކުރެއެވެ. ނަމަވެސް މި ލިޔުމުގައި ލޯބިވެރިންގެ ދުވަހުގެ ގެއްލުންތަކަށް އަލިއަޅުވައިލާނީ އެހެން ނަޒަރިއްޔާއަކުންނެވެ.

ޚަރަދު

ފުރަތަމަ ކަމަކީ ޚަރަދު ކުރެވިގެންދާ ލާރިތަކެވެ. ކަމެއް ފާހަގަ ކުރަންޏާ ގިނަ މީހުން އެކަން ކުރާނީ ޚަރަދުތަކެއް ކޮށްގެންނެވެ. ކުލަގަދަކޮށް ފާހަގަ ކުރުމަށް ޓަކައި ހަދިޔާ ހޯދާ، ކޭކު، ޗޮކްލެޓު، ފިނިފެންމާ އަދި ފުއްޕާހަން ފަދަ ތަކެތި ވެސް ހޯދަންޖެހޭނެއެވެ. ދުވަސްދުވަހާ ދިމާކޮށް ޚަރަދު ކުރުމުގެ ޕްރެޝަރ މީހުންގެ ބޮލުގައި އެޅިފައިވާތީ ބައެއް މީހުންނަށް ނިކަމެތިކަން އިހުސާސް ކުރެވިދާނެއެވެ. އެއީ ކެނޑި ނޭޅި މަުޖުތަމައުއިން އަހަރެމެން ގާތު ބުނަމުންދަނީ ކޮންމެ ކަމެއް ވެސް ސެލެބްރޭޓް ކުރުމަށެވެ. އަބަދުވެސް ކޮންމެސް މީހެއްގެ އުފަންދުވަހެއް ނުވަތަ ކޮންމެވެސް ހާއްސަ ކަމެއް އޮންނާނީ ބޯމަތިވެފައެވެ. މި ހުރިހައި ކަމަކަށް އަބަދު ޚަރަދުތަކެއް ކޮށްކޮށް ތިބެން ޖެހެންޏާ ބައެއް މީހުންނަށް ލާރިއެއް ރައްކާ ކުރެވޭ ގޮތެއް ނުވާނެއެވެ. ނޫނީ ދެން ޖެހޭނީ ނުފޯރާ ފޮތިން ފޫގަޅާށެވެ. ލޯނު ނަގައިގެން މިފަދަ ކަންކަން ކުރުން ނުވަތަ ކުރަންޖެހޭ މުހިންމު ޚަރަދުތައް ނުކޮށް މިކަހަލަ ކަންކަމަށް އެ ލާރި ޚަރަދު ކުރުމެވެ. ދެގޮތް ވެސް ކަމަކު ނުދެއެވެ.

ވިޔަފާރި

ވިޔަފާރިވެރިން ވެސް މުޖުތަމައުގެ ތެރޭގައި މިއޮންނަ ޕްރެޝަރގެ ފައިދާ ފުރިހަމަ ގޮތުގައި ނަގައެވެ. ލޯބިވެރިންގެ ދުވަހާ ދިމާކޮށް އެއްޗެހި މާކެޓްކޮށް ފިހާރަތަކުގައި ހާއްސަ ޑީލާއި ސޭލް އަޅުވައި ހަދައެވެ. ރެސްޓޯޜަންޓްތަކާއި ކެފޭތަކުގެ އިތުރުން ގާތްގަނޑަކަށް ހުރިހައި ވައްތަރެއްގެ ވިޔަފާރިތަކުގައި ވެސް އެ ދުވަހާ ދިމާކޮށް ކޮންމެވެސް ހާއްސަ އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކާނެއެވެ. އެހެންވީމާ އަހަރެންނަށް ލޯބިވެރިންގެ ދުވަސް ސިފަކުރެވެނީ އަހަރެމެންގެ އަތުން ލާރި ޚަރަދުކުރުވަން ވެގެން ވިޔަފާރިންވެރިން ބޭނުން ކުރާ ފުރުސަތެއްގެ ގޮތުގައެވެ.

ލޯބީގެ މާނަ

ލޯބިވާކަމަށް ވާނީ ބޮޑެތި ޚަރަދުތަކެއް ކުރުމަކުން ނޫނެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަކޮށް އެއްޗެހިތަކެއް ހޯދީމައެއް ވެސް ނޫނެވެ. ހަދިޔާ ބަދަލު ކުރުމަކީ ލޯބި އިތުރުވާ ކަމެއް ކަމުގައިވީ ނަމަވެސް އެމީހަކު އަތުގައި ލާރި ނެތް ވަރަކުން ނުވަތަ މުޖުތަމައުގައި ފާހަގަކުރާ ހުރިހާ ދުވަސްތަކަކާ ދިމާކޮށް އެހާ ބޮޑުވަރު އަރުވާ ނުލިޔަސް ލޯބި ވެވޭނެއެވެ. ބައެއް މީހުންނަށް ދިމާވާ ގޮތަކީ މުޖުތަމައުގައި ވަރަށް ގިނަ ބަޔަކު ވަކި ގޮތަކަށް އެކަން ކުރާތީ އެމީހެއްގެ ލޯބިވެރިޔާގެ ފަރާތުން ވެސް އެގޮތަށް ކަންތައްކުރަން އެދެވެނީއެވެ. ނަމަވެސް ލޯބިވެރިންގެ ދެމެދުގައި ހުންނަ ގަވާއިދުތަކާއި އެމީހުން ފާހަގަ ކުރަން ބޭނުންވާ ދުވަސްތަކާއި ފާހަގަކުރަން ބޭނުންވަނީ ކިހާ ވަރަކަށް ކަން ވެސް ނިންމާން ޖެހޭނީ އެމީހުން އަމިއްލައަށެވެ. މިކަމުގެ ތެރެއަށް މުޖުތަމައުގެ ޕްރެޝަރ ނުވަތަ ވިޔަފާރިވެރިންގެ ސޭލްތަކުން ނުފޫޒު ފޯރުވިޔަ ނުދޭށެވެ.

އެކަނިވެރިކަން

ލޯބިވެރިންގެ ދުވަހު ރެސްޓޯރަންޓްތަކާއި ފިހާރަތަކުން ފެށިގެން ސޯޝަލް މީޑިއާ އަދި ޓީވީތަކުން ވެސް އަންނާނީ އެ ދުވަހާ ގުޅޭ ކަންކަމެވެ. މިހެންވުމުގެ ސަބަބުން ލޯބިވެރިޔާ ދުނިޔެ ދޫކޮށްގޮސްފައިވާ މީހުން، ލޯބިވެރިޔާއާ ވަކި ވެފައިވާ މީހުން އަދި މީހަކާ ލޯބީގެ ގޮތުން ނުގުޅި ތިބޭ މީހުންނަށް އެކަނިވެރިކަން އިހުސާސްވުމުގެ ފުރުސަތު ބޮޑެވެ. ކުރީގައި ވެސް މިކަމާ ދެރަވެ މިކަންކަމުން އަރައިނުގަނެވި ތިބި ބައެއް ނަމަ ކުރިއަށް ވުރެ ބޮޑަށް އެ ދުވަހު ނުވަތަ އެރޭ ދެރަވެ، އެ ދުވަސް ކަޑައްތު ކުުރުންވާނީ ވަރަށް ސްޓްރެސްފުލް ކަމެއްގެ ގޮތުގައެވެ. އެ ދުވަހު ބައެއް އެކަނި މީހުން ނުހުންނަން ވެގެން ކޮންމެވެސް މީހަކާ ވަގުތީ ގޮތުން ވެސް ގުޅެއެވެ. ބައެއް މީހުންގެ ޑިޕްރެޝަން ފަދަ ކަންކަން އާލާވެ، އަމިއްލައަށް މަރުވުމަށް އަންނަ ހިޔާލުތައް ވަރުގަދަވެ އަމިއްލައަށް މަރުވުމުގެ ޗާންސް ވެސް ބޮޑުވެއެވެ. މީގެ އިތުރުން ބައެއް މީހުން ލޯބިވެރިޔާއާ އެކު އުޅެނީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ. ޖިސްމާނީ، ޖިންސީ އަދި ޖަޒުބާތީ އަނިޔާ ލިބޭ ލޯބީގެ ގުޅުމެއްގައި އުޅޭ މީހުންގެ އަދަދު އެއްގޮތަކަށް ވެސް މަދެއް ނޫނެވެ. ލޯބިވެރިންގެ ދުވަހު އެފަދަ މީހުންގެ އިހުސާސްތަކަކީ ކޮބައިބާއޭ އަހަރެން ހިތަށް އަރައެވެ.

ތިމާވެށި

ފުއްޕާހަމާއި ޕްލާސްޓިކް ޕެކޭޖިންގގައި ބަންދުކޮށްފައިވާ އެއްޗެހި އަދި ކާޑުތައް ހަދާ ކަރުދާސްތަކާއި ދޭތެރޭ ވިސްނާލިޔަސް ލޯބިވެރިންގެ ދުވަހަކީ ތިމާވެއްޓަށް ގެއްލުންވާ ވަރަށް ގިނަ ޒާތުގެ އެއްޗެހީގެ ބޭނުން ކުރެވޭ ދުވަހެކެވެ. ރަނުގެ ވިޔަފާރިއަކީ ވެސް މިހާރު ތިމާވެއްޓަށް ގެއްލުން ލިބުމަށް މަގުފަހިވާ ވިޔަފާރިއެއް ކަމުގައި އެކްޓިވިސްޓުން ދަނީ ހޭލުންތެރިކަން ފަތުރަމުންނެވެ. އެއީ ރަން ބިމުން މައިން ކުރާ ގޮތުން ބައިވަރު ކުނިބުނި އުފެދޭތީއެވެ. މަލުގެ ވިޔަފާރިއަށް ބަލާލިޔަސް މާވިއްކާ ވިޔަފާރިތަކުގައި މާ ރީތިކޮށް ބެހެއްޓުމަށް އެތަކެއް ކެމިކަލް އަޅައެވެ. ޕެސްޓިސައިޑް ވެސް ބޭނުން ކުރެއެވެ. އެ ކެމިކަލްތައް ފެނަށާއި ވަޔަށާއި ވެއްޔަށާއި އަހަރެމެންގެ ހަށިގަނޑުތަކުގެ ތެރެއަށް ދޫވެގެންދެއެވެ.

މި ސަބަބުތައް ނޫނަސް ވިސްނާލަންވީ އިތުރު ނުކުތާތައް ވެސް އެބަ ހުއްޓެވެ. މިސާލަކަށް ފޭސްބުކްގެ ސްޓޭޓަސްގައި މީހުން ޖަހާ އެއްޗެއްސަށް ބަލައިގެން ހެދި ދިރާސާއެއްގައި ފާހަގަވި އެއް ކަމަކީ ލޯބިވެރިންގެ ދުވަހުގެ ފަހުން މީހުން އެމީހުންގެ ލޯބިވެރިންނާއި ދުރުވާވަރު، އަހަރުގެ އެހެން ހިސާބުތަކާ އަޅާކިޔާއިރު، ވަރަށް ބޮޑުތަން އިތުރުވާކަމެވެ. މިކަމުގެ ފަހަތުގައިވާ ސަބަބުތަކާ ދޭތެރޭގައި ދިރާސާއެއް ހެދިފައެއް ނެތެވެ. އެ ސަބަބުތަކާ ދޭތެރޭގައި ވިސްނައިލާން އަހަރެން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

ނިންމުން

ލޯބިވެރިންގެ ދުވަހުގައި ނޫނަސް އިސްރާފަކަށް ނުވާ ގޮތަށް ބައިވެރިޔާ އުފާކޮށްލެވިދާނެއެވެ. މާބޮޑު ޚަރަދުތަކެއް ނުކޮށް، މުޖުތަމައުގެ ގަވާއިދުތަކަށް ފަރުވާލެއް ނުބަހައްޓައި ، ސޯޝަލް މީޑިއާއަށް ފިލައިގެން ވެސް ދެމަފިރިންނަށް އުފާ ހޯދިދާނެއެވެ. ލޯބި ފާޅުކޮށްލައި ކުޑަވަރެއްގެ ހަދިޔާއެއްދީ ހެދިދާނެއެވެ. މިލިޔުމުގައި އަލިއަޅުވައިލި ގެއްލުންތަކާ ވަރަށް ދުރުވެ ހުރެ އުފާވެރި ހިނދުކޮޅުތަކެއް ވެސް ހޯދިދާނެއެވެ. މި ދުވަސް ފާހަގަ ކުރުމަކީ މި ދުވަސް ވުޖޫދުގައި އޮތުމަށް ދެވޭ ހިތްވަރެކެވެ. ކުރެވޭ ނުބައި ގަބޫލުކުރެވުމެކެވެ. މިދުވަސް ފާހަގަ ކުރުމާ ގުޅޭ ގޮތުން، ވާ ބޮޑެތި ގެއްލުންތަކަށް މީހުން އަހުލުވެރިކޮށް، އެ ޕްރެޝަރއިން މީހުން ބަރީއަ ކުރެވޭނީ ވެސް މި ދުވަސް ފާހަގަ ކުރުމާ އަހަރެމެން އެކީއެކަށް ދުރުވެގެންނެވެ. އެހެން މީހުންނަށް ޓަކައި މިސާލަކަށް ވާށެވެ. ވެލެންޓައިންސް ޑޭއަކީ އަހަންނަށް އެއްވެސް މާނައެއް ނެތް އެއްޗެކެވެ. މިގޮތަށް ހުރިހައި އެންމެންގެ ވިސްނުން ބަހައްޓައިފި ނަމަ ލޯތްބާ ދޭތެރޭގައި އަހަރެމެން ވިސްނާ ގޮތުގެ މައްޗަށް ހާދަ ގިނަ އެދެވޭ ބަދަލުތަކެއް އަންނާނެކަމަށް ދެކެމެވެ.

Ads by Ooredoo
  1. ދީނުގައި ނުވާ ކާފަރުންގެ ދުވަހެއް އެއްވެސް ހާލަތެއްގައި ފާހަގަ ނުކުރެވޭނެ. އެއީ ބިދުޢައެއް . ކޮންމެ ބިދުޢަކީ މަގުފުރެދުމެއް ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކަގަ. ކާފަރުން ކުރާކަމެއް ފާހަގަ ކުރުމަކީ އެމީހުން ތެރެ ހިމެނޭނެ ކަމެއް