ދުނިޔެ

ހަރުކަށި ފިޔަވަޅުތައް އުވައިލައި ޤަތަރު ވެސް އާންމު ދިރިއުޅުމަކަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް19އާ ގުޅިގެން އަޅައިފައިވާ ހަރުކަށި ފިޔަވަޅުތައް އުވައިލައި ގަތަރުން ވެސް އާންމު ދިރިއުޅުމަށް ރުޖޫޢަކޮށްފިއެވެ.

Ads by Sosun Fihaara

އެ ގައުމުގެ މީޑިއާތައް ބުނާ ގޮތުގައި މި ގޮތަށް ހަމަޖެއްސީ އެ ގައުމުގެ އާބާދީގެ ބޮޑު އިންސައްތައެއް ، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައި ވުމާ އެކު އެ ގައުމުން ކޮވިޑަށް ފައްސިވާ ޢަދަދު ދަށްވުމުގެ ސަބަބުންނެވެ.

ގަތަރުން މިހާރު ދީފައިވާ ދޫތަކާ ގުޅިގެން އާންމުން އެއްވެ އުޅޭ އޯޕަން ތަންތަނުގައި މާސްކު އެޅުން ވެސް މަޖުބޫރެއް ނޫނެވެ. ނަމަވެސް މިސްކިތްތަކާއި ކިޔަވައިދޭ ތަންތަނުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ އިންޑޯ ތަންތަނުގައި މާސްކު އަޅަން ޖެހެއެވެ. މީގެ އިތުރުން ގިނަ މީހުންނާ އެކު ބާއްވާ އެކި ހަފްލާތައް ބޭއްވުމަށް ހުއްދަދީ ހުރިހައި ވިޔަފާރިތައް ވެސް ގަތަރުން ވަނީ އާންމުކޮށް ހުޅުވައިލައިފައެވެ. މީގެ ތެރޭގައި ކުރީން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައި އޮތް ކެފޭ، ރެސްޓޯރެންޓްތަކުގެ ވިޔަފާރި ވެސް ހިމެނެއެވެ.

ގަތަރުން ނިންމި މި ނިންމުމާ އެކު "ސާފު ގަތަރު" ސެޓްފިކެޓް ލިބިފައި އޮތް ކޮންމެ ކެފޭ، ރެސްޓޯރެންޓަކަށް ވެސް ދަތިކަމެއް ނެތި މިހާރު ޚިދުމަތް ދެވޭނެއެވެ. އަދި އެ ފަދަ ތަންތަނަށް 12 އަހަރުން ދަށުގެ ކުދީން ވެސް ބެލެނިވެރިންނާ އެކު ދިޔުމަށް މިހާރު އިޢުތިރާޟެއް ނެތެވެ.

ތިން މިލިއަނެއްހައި މީހުންގެ އާބާދީއެއް އޮންނަ ގަތަރުން ކޮވިޑަށް ފައްސިވާ ޢަދަދުތައް މިހާރު އުޅެނީ ރާއްޖެއަށް ވުރެ ވެސް މާދަށުގައެވެ. އެ ގޮތުން ފާއިތުވި ތިން ދުވަހު ވެސް އެ އަދަދުތައް ހުރީ ހަސަތޭކައިގައެވެ. އެ ގައުމުގެ 77އިންސައްތަ ރައްޔިތުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ވެސް ފުރިހަމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!