އިތުރު 1،926 މީހުން ތިންވަނަ ޑޯޒް ޖަހައިފި

އިތުރު 1،926 މީހުން ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 108،670އަށް އިތުރު ވެފައެވެ.
އެންމެ ފަހުން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން މި ޑޯޒް ޖެހި 587 މީހުންނާއި، އަތޮޅު ތެރެއިން މި ޑޯޒް ޖެހި 1،339 މީހުންނެވެ.
މީގެއިތުރުން 19 މީހަކު އަލަށް ފުރަތަމަ ޑޯޒް ޖެހިއިރު، 66 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް މަދު މަދުން ދަށަށް ދާން ފަށައިފައިވާއިރު، އިއްޔެ މާލެ ސަރަހައްދުން މިބައްޔަށް ފައްސި ވެފައިވަނީ 182 މީހުންނެވެ. އަތޮޅުތެރެއިން ބަލި ޖެހުނު 728 މީހުންނާއި، ރިސޯޓްތަކުން ބަލި ޖެހުނު 44 މީހުންނާއެކު އިއްޔެގެ ޖުމްލަ އަދަދަކީ 1015އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 29 ކަމަށެވެ.
މިބަލީގައި ރާއްޖެއިން މިހައިތަނަށް 289 މީހަކު ވަނީ ނިޔާވެފައެވެ.