ޚަބަރު

ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަހާތަނެއްގެ ތެރޭގައި ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ތުހުމަތު އުފުލިފައިވާ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި ދަށުކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.

Ads by STELCO

2017ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި މި މައްސަލައިގައި، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް، "އެއްލޭ ސްޓިޗަސް" ނަމަކަށް ކިޔައި ފަހާތަނެއްގެ ޗޭންޖިން ރޫމުގައި، އެކި ދުވަސްމަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށާއި އަދި އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ތިން މީހަކަށް ދައުވާ ކޮށްފައިވެއެވެ.

އެއީ ބަނގްލަދޭޝަށް ނިސްބަތްވާ ޝެޕޮން ދަލިއާއި މުހައްމަދު އަލްއަމިންގެ އިތުރު ދިވެހި ރައްޔިތެއް ކަމަށްވާ ހ. ރެދަން އަބްދުއްރަހީމް ގާސިމްއެވެ.

މި މައްސަލަ ބަލައި، ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ތިން މީހުންގެ ތެރެއިން ދެ ބިދޭސީން އެ ކުޑަ ކުއްޖާއަށް ޖިންސީ ގުޅުން ހިންގައިފައިވާ ކަން، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ މިންގަނޑުން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ޝެޕޮން ދަލިއާއި މުހައްމަދު އަލްއަމީންއާ ދެ މީހުން ކުށްވެރި ވެއްޖެ ކަމަށް ކަނޑައަޅައި، އެ ދެމީހުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އަބްދުއްރަހީމްގެ މައްޗަށް އުފުލައިފައިވާ ދައުވާގެ ތެރެއިން ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ގައިގައި އަތްލައި ބީހިފައިވާކަން ސާބިތުވާ ވަރަށް ހެކި ނެތުމުން އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ވެސް ނިންމިއެވެ.

ދަށު ކޯޓުން ކުރި އެ ހުކުމް ޝެޕޮން މިއާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އިސްތިއުނާފު ޝަރީއަތް މިއަދު ބަލައި ގޮތް ނިންމައިފައިވާ އިރު، ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ނިންމި ހުކުމުގައި ބަދަލެއް ގެންނަން ޖެހޭ ފަދަ ޝަރުއީ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ނިންމައި އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފައެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ރޭޕްގެ ޝިކާރައަކަށްވީ ސިކުނޑި ހަމަނުޖެހޭ ކުއްޖެކެވެ. އެކުއްޖާގެ އުޅުމަށް ބަދަލުތަކެއް އައިކަން އޭނާގެ މަންމައަށް ވަނީ ފާހަގަ ވެފައެވެ. ނަމަވެސް އެއިރު އެކުއްޖާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކުއްޖާއާ ބަޔަކު ބެހުނުކަން އެނގުނީ، އެ ކުއްޖާއަށް މައްސަރު ކަންތައް ނުޖެހޭތާ ދެ މަސް ވެގެން ޑޮކްޓަރަށް ދެއްކުމުން، އެކުއްޖާ އިނީ ބަލިވެކަން ހާމަވުމުންނެވެ. އެ ކުއްޖާއާ އެ ބިދޭސީން ބެހުނު ކަމަށް އެ ކުއްޖާ ކިޔައިދީފައި ވަނީ އޭގެފަހުން ކަމަށް ކުއްޖާގެ މަންމަގެ ހެކި ބަހުގައި ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!