ލައިފްސްޓައިލް

ތައްޔާރު މި ވެވެނީ ކައިވެނީގެ ހަފްލާއަށް، ކައިވެންޏަކަށް ނޫން

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ކައިވެނީގެ ހަފްލާއަކީ ދެމަފިރިއަކު ލޯބީގެ ގޮށް ޖަހައިލާ، އެ ދެމީހުންނާއި ދެފަރާތުގެ އާއިލާގެ އުފާވެރިކަމުގައި ބައިވެރިވުމަށް އެހެން މީހުންނަށް ދެވޭ ދައުވަތެކެވެ. މިހަފްލާއަކީ ބައެއް މީހުން ވަރަށް ބޮޑެތި ހަރަދު ކޮށްގެން ބާއްވާ އެއްޗެއްކަން މިހާރު ސޯޝަލް މީޑިއާ ބަލައިލީމާ ފެނިގެންދާނެއެވެ. ބޮޑުކޮށް ޕާޓީ ބޭއްވުމަކީ އައުކަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ވެސް ކައިވެނީގެ ބޮޑެތި ހަފްލާތައް ބާއްވާ އުޅެއެވެ. ނަމަވެސް މިހާރު އެ ކަންތައް މިވަނީ މުޅިން އެހެން ލެވެލްއަކަށް ގޮސްފައެވެ.

Ads by STELCO

ދެމަފިރިންގެ ހެދުމާއި، ކޭކާއި، ތަނުގެ ޑެކަރއާއި، ބެކްޑްރޮޕްގެ އިތުރުން އެތައް ޚަރަދެއް ކައިވެނީގެ ހަފްލާގެ ފުރިހަމަކަން އިތުރު ކޮށްދެއެވެ. ހަމައެކަނި މީހުން އެއްކޮށްލައިފައި ކެއުމެއް ދެނީއެއް ނޫނެވެ. ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމާއި ހާއްސަ ރަމްޒީ ރަނެއް ތައްޔާރު ކުރުން ފަދަ ކަންކަން ވަނީ ކައިވެނީގެ ހަފްލާގެ މާނަ މުޅިން ބަދަލު ކޮށްލައިފައެވެ. މީގެން އެއްވެސް ބައެއް މަދުވެއްޖެ ނަމަ ކަމަކު ނުދާނެއެވެ. ހަމަ ހުރިހައި ގޮޅިއެއްގައި ހެޔޮ ފާހަގަ ލެވެން ޖެހޭނެއެވެ.

އިސްރާފް

ހަގީގަތަކީ ކައިވެނީގެ ހަފްލާ އެހައި ބޮޑުކޮށް ބޭއްވުމަކީ އިސްރާފެއް ކަމެވެ. މިތާގައި ބޮޑުކޮށް ބޭއްވުމުގެ މާނައަކީ ގިނަ މީހުންނަށް ކާންދިނުމެއް ނޫނެވެ. ކައިވެނީގެ އުފަލުގައި ކެއުމެއް ދިނުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. އެކަމާ އަހަރެން ދެކޮޅު ހަދަނީއެއް ނޫނެވެ. އެމީހެއްގެ ތަނަވަސްކަން ހުރި ނަމަ ވީހައި ވެސް ގިނަ މީހުންނަށް ޕާޓީއަށް ކިޔަންވީއެވެ. ނަމަވެސް ހަފްލާ ރީތި ކުރަން އަދި ނަގާ ފޮޓޯތައް ރީތިކުރުމަށް ޓަކައި މީހުން ނުކުރާކަށް ކަމެއް ނެތެވެ.

ފުރަތަމަ ކަމަކަށް ކައިވެނި ކުރާ ދެމީހުންގެ ހެދުން ވެސް ވަރަށް އަގު ބޮޑު ވާނެއެވެ. އަދި މިހެދުންތަކަކީ އެންމެ ދުވަހަކު އެންމެ ފަހަރަކު ލުމަށް ގަންނަ އެއްޗެކެވެ. ބައެއް ހެދުންތަކުގައި ވަރަށް ގިނަ ފޮތި ބޭނުން ކޮށްފަ ހުރެއެވެ. ބައެއް ހެދުމުގެ ފޮތިގަނޑު ދިގުކަމުން މުޅި ޕާޓީގައި ދެމޭވަރުވެއެވެ. ދެމަފިރިންގެ ހެދުމަކުން އަދި ނުފުދެއެވެ. ބްރައިޑްސްމެއިޑުންގެ ހެދުން ހުންނަން ޖެހެނީ ވަކި ކުލައެއްގައި ވަކި ފޮއްޗަކުން އަދި ވަކި ގޮތަކަށެވެ. ދެން އާއިލާއާއި ދެންތިބި ރައްޓެހިންގެ ހެދުމެވެ. ދެން ޕާޓީއަށް އަންނަ ހުރިހައި އެންމެންގެ ހެދުމެވެ. ބައެއް ދެމަފިރިން ޕާޓީއަށް އަންނަ ހުރިހައި އެންމެންނަށް ހެދުން ހޯދައި ދޭން ވެސް ތިބެނީ ތައްޔާރަށެވެ. މީ ވަރަށް ލޯބިން އަދި ވަރަށް ހެޔޮ ނިޔަތެއްގައި ކުރާ ކަމެއްކަން ވެސް އެނގެއެވެ. ނަމަވެސް މިއީ ހުސް އިސްރާފެވެ. މުޅިން ބޭކާރު ކަމެއް މެއެވެ.

ހެދުމަކީ އެންމެ މިސާލެކެވެ. ހަފްލާތަކުގައި މީހުން ދެން ކުރާ ހުރިހާ ކަމަކާ ދޭތެރޭގައި ވިސްނައިލިޔަސް އެއީ އެކަންކަމަށް އެތަކެއް ފައިސާއެއް ޚަރަދުވާ ކަންކަމެވެ. ފައިސާއަކީ ބުރަ މަސައްކަތުން ހޯދާ އެއްޗެކެވެ. ދިރިއުޅުމުގައި ކޮންމެ ވެސް ހިސާބެއްގައި ކޮންމެ މީހަކަށް ވެސް ފައިސާގެ ދަތިކަމާ ކުރިމަތިލާން ޖެހޭނޭ ހާލަތްތައް އައިސްދާނެއެވެ. އެހެންވީމާ އަބަދުވެސް ސޭވްކޮށް ކުރިއަށް އޮތްތަނަށް ވިސްނައި ބޭކާރު ޚަރަދުތަކާ ދުރު ވާންވާނެއެވެ. ފައިސާގެ އިތުރުން ތިމާވެއްޓާ ދޭތެރޭގައި ވިސްނައިލިޔަސް ގިނަ ޚަރަދުތައްކޮށް ގިނަ ހެދުންފަހައި ގިނަ އެއްޗެހި ހޯދުމަކީ ތިމާވެއްޓަށް އޭގެ ނުރަނގަޅު އަސަރުތައް ސީދާ އަދި ނުސީދާ ގޮތުގައި ކުރާނޭ ކަމެކެވެ.

މީގެ އިތުރުން ކައިވެނީގެ ޙަފްލާތަކަކީ ވަކި ގޮތަކަށް ބާއްވަން ޖެހޭ އެއްޗެއްކަމުގައި ނުދެކޭންވީއެވެ. އެހެން މީހުން ކަންތައް ކުރާ ގޮތަކަށް ކޮންމެހެން އަހަރެމެން އެންމެން ކަންތައް ކުރާކަށް ނުޖެހެއެވެ. އެންމެން ވަކި ގޮތަކަށް ކަމެއް ކުރާނަމަ އެ ގޮތަކަށް ކުރަން އަހަރެމެން އެންމެން ވެސް ބޭނުންވާނޭކަން އެނގެއެވެ. ނަމަވެސް އެހެން މީހަކު ނުވަތަ ބަޔަކު ސަޅިކަމެއް ކޮށްފިނަމަ، އަހަރެމެން އެކަން ނަކަލު ކުރުމުގެ ކުރީގައި އެކަމާ ދޭތެރޭގައި ވިސްނައިލުން ވަރަށް މުހިންމެވެ. އެއީ ރަނގަޅު ކަމެއްތޯ ހުރިހައި ކޮޅަކުން ވިސްނައިލާން ވާނެއެވެ. މިސާލަކަށް ކޮންމެހެން ކައިވެނި ހެދުން ހުދު ކުލައަށް ވާކަށް ނުޖެހެއެވެ. އެއް ދުވަހު ލައިފައި ފޮރުވައިފައި ބަހައްޓާ ހެދުމަކަށް ވެސް ވާކަށް ނުޖެހެއެވެ. އަތުގައި އޮތް އެންމެ ރީތި ހެދުން ވެސް ލެވިދާނެއެވެ. ފަހުން ވެސް އާންމު ދިރިއުޅުމުގައި ލެވޭ ފަދަ ހެދުމެއް ފެހިދާނެއެވެ.

މި ނުރައްކާތެރި ގެއްލުންދެނިވި އާދަކާދަ އަހަރެމެން މުޖުތަމައުގައި ހަރުލެއްވުމަކީ ކައިވެނި ހަފްލާތަކަށް ބޭނުންވާ އެއްޗެއްސާއި ޚިދުމަތްތަކުގެ އަގު ބޮޑު ކުރުމަށް ވިޔަފާރިވެރިންނަށް ދެވޭ ފުރުސަތެކެވެ. ބޮޑެތި ޚަރަދުތައް ކޮށްގެން ބޮޑުކޮށް ޙަފްލާ ބޭއްވުމަކީ މުޖުތަމައުގައި ތިބި ތަނަވަސްކަން ނެތް މީހުންނަށް ވެސް އެ ގޮތަށް ހަފްލާ ބޭއްވުމަށް ޓަކައި ކުރެވޭ ޕްރެޝަރެކެވެ. ނުވަތަ ކައިވެނިކުރަން ބޭނުންވާ ދެމީހުންގެ ކައިވެނި ލަސް ކުރެވޭ ވެސް ސަބަބެކެވެ.

ބައެއް މީހުން އެމީހުންގެ ކައިވެނީގެ ހަފްލާ ވަރަށް ސާދާކޮށް ބާއްވައެވެ. އަދި ހެދުން ވެސް ފަހައިފައި ހުންނަނީ ވަރަށް ސާދާކޮށެވެ. އާންމުކޮށް ބާއްވާ ހަފްލާތަކަށް ވުރެ ވަރަށް ބޮޑު ތަން ގޮތްބޮޑުކަން ކުޑަކޮށެވެ. ނުވަތަ ބައެއް މީހުންގެ ތަނަވަސްކަން ތަންދޭ ވަރަކުން ކުޑަ ސަޔެއް ނުވަތަ ކެއުމެއް ބާއްވައެވެ. މި ފަދަ މީހުންނަށް މަލާމާތާއި މީހުންގެ ސުވާލުތައް ރައްދުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މީހުން ކިޔާ އެއްޗަކަށް ނުބަލައި ސާދާކޮށް ކައިވެނީގެ ހަފްލާ ބޭއްވުމަކީ ނޯމަލްކަމެއް ކަމުގައި ހަދަމާ ހިނގާށެވެ. އަދި ތަނަވަސްކަން ނެތް ނަމަ ހަމައެކަނި އާއިލާގެ މެދުގައި ފާހަގަ ކޮށްލުމަކީ ވެސް އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކެމާ ހިނގާށެވެ.

ތައްޔާރު ވާންވީ ކައިވެންޏަށް

ކައިވެނި ކާމިޔާބު ނުވުމުގެ ހަމައެކަނި ނިޝާނަކީ ވަރިއެއް ނޫނެވެ. އަދި ވަރިއަކީ ކޮންމެ ފަހަރަކު ނާކާމިޔާބު ކައިވެންޏެއްގެ ނިޝާނެއް ވެސް ނޫނެވެ. ނަމަވެސް މި ޒަމާނުގައި ވަރި އެހައި ގިނަވެފައިވާ އިރު، ވަރި މަދުކުރުމަށް ޓަކައި އެޅެން ހުރި ފިޔަވަޅެއް އަހަރެމެން އަޅަން ޖެހެއެވެ. އަހަރެންގެ ނަޒަރުގައި އެންމެ ނާކާމިޔާބު ކައިވެންޏަކީ، ކައިވެނި ކޮށްގެން ތިބި ދެމީހުން ހިތާ ހިތުން އެ ކައިވެނިން ބަރީއަވުމަށް އެދިއެދި ތިބޭ ހާލުގައި އުމުރު ނަގައިލާ ދެމަފިރިންގެ ކައިވެންޏެވެ. އެހެންވިޔަ ނުދިނުމަށް ވެސް އަހަރެމެންނަށް ވެވުނު ތައްޔާރީއެއް ވާންވާނެއެވެ. އަދި ދަރިން ލިބިއްޖެ ނަމަ، އެ ދަރިންނަށް ޓަކައި ވެސް ކައިވެނި ކުރުމުގެ ކުރިން އުނގެނެން ޖެހޭ އެތައް ކަންކަން ހުރެއެވެ.

އެންމެ ދުވަހަކު ލާނެ ހެދުމަކަށް ނުވަތަ ފޮޓޯތައް ނަގާނޭ ބެކްޑްރޮޕަކަށް ޚަރަދު ކުރުމަށް ވުރެ، ކައިވެނި ކުރުމުގެ ކުރީން އެނގި، ދެނެގަންނަން ޖެހޭ ކަންކަމުގެ ކައުންސިލިން ސެޝަންތަކަށް ޚަރަދު ކުރުން މާ ރަނގަޅެވެ. ކައިވެންޏަކަށް ތައްޔާރު ވާއިރުގައި ދިމާވެފައިވާ ނަފްސާނީ ޓްރޯމާތަކަށް އެޑްރެސްކުރަން ތެރަޕީއަށް ދިޔުން މާ އައުލާކަން ބޮޑެވެ. ސެކްޝުއަލް އެންޑް ރީޕްރޮޑަކްޓިވް ހެލްތު އެޑިއުކޭޝަންއާ ބެހޭ މައުލޫމާތު ހޯދުމަށް ޓަކައި އެ މައުލޫމާތު ފޯރުކޮށްދޭ ތަނަކަށް ދިޔުން ނުވަތަ އޮންލައިންކޮށް އެފަދަ ކޯސްތައް ހެދުން މާ ބުއްދިވެރިއެވެ. ޖިންސީ ގުޅުމުން އަރާ ބަލިތަކުގެ ޓެސްޓު ދެމީހުން ވެސް ހަދާށެވެ. ދީނީ ހުކުމްތަކާއި ދުނިޔަވީ ގަބޫލުކުރުންތަކާ ބެހޭ ގޮތުން ދެމީހުންގެ ޚިޔާލު ހުރި ނެތް ގޮތް ބަލާށެވެ.

ދީނީ ގޮތުންނާއި ގާނޫނީ ގޮތުން އަނތްބެއްގެ އަދި ފިރިއެއްގެ ހައްގުތަކަކީ ކޮބައިކަން އެނގެން ޖެހެއެވެ. ވަރިއާ ހަމައަށް ގޮސްފި ނަމަ އެ ހާލަތުގައި ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ކަންކުރަންވީ ގޮތް ވެސް އެނގުން ވަރަށް މުހިންމެވެ. މައްސަލައަކީ ޖެހޭ އެއްޗެއްކަން ދެނެގަނެ މައްސަލަ ދިމާވެއްޖެ ނަމަ ހަދަންވީ ކިހިނެތްކަން، ނުވަތަ މައްސަލަ ހައްލުކުރާނެ އުކުޅުތައް ދަސްކުރުން މިއީ ޙަފްލާއާއި ހަނީމޫންއަށް ބޮޑެތި ހަރަދު ކުރުމަށް ވުރެ މުހިންމު ކަންކަމެވެ.

ކައިވެނި ކުރާ އިރު ވިސްނަންވީ ބޭރުފުށަކަށް ނޫނެވެ. އިސްކަން ދޭން ޖެހޭ ކަންތައްތައް ހަގީގަތުގައި ވަނީ އަހަރެމެންގެ އެތެރޭގައެވެ. ހިތުގައްޔާއި ސިކުނޑީގައެވެ. ޕްލޭންކުރަންވީ ކައިވެންޏެވެ. ދެމީހުން އެކުގައި ބިނާކުރާނެ ދިރިއުޅުމެވެ. ކައިވެނީގެ ހަފްލާއެއް ނޫނެވެ.

Ads by Ooredoo
  1. ޢާލް

    ވަރަށް ރަނގަޅު ލިޔުމެއް..