ޚަބަރު

ނަރުހުގެ މަރު: ޝަރީއަތް ނިމެންދެން މާވިން ބަންދުކުރަން އަމުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

Ads by Sosun Fihaara

މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީ ކަމަށް ބުނެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު، އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީ ވެސް މާވިންއެވެ. ނަމަވެސް މާވިންގެ ވާހަކަތަކާ މެދު ފުލުހުންނަށް ޝައްކު ކުރެވިގެން މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައި މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން ހާމަވީ، އޭނާގެ ބޮލަށް އަނިޔާ ކުރުމުގެ އިތުރުން ނޭވާ ހާސްކޮށްގެން މަރައިލައިފައިވާ ކަމެވެ.

މި މައްސަލައިގައި މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، މާވިންގެ ބަންދަށް އޮތީ 30 ދުވަސް ދީފައެވެ. ދައުލަތުން އެ އަޑުއެހުމުގައި އެދުނީ ޝަރީއަތް ނިމެންދެން މާވިން ބަންދު ކުރުމުގެ އަމުރަކަށެވެ. ނަމަވެސް ވަކީލެއްގެ އެހީތެރިކަމަށް މާވިން އެދުމުން، އޭނާއަށް އެ ދުވަހު ވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދީފައެވެ.

ބަންދުުގެ މުއްދަތު މުރާޖައާ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، މާވިން ހާޒިރުވީ ވަކީލަކާ އެކުގައެވެ. މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުން އެދިލެއްވީ، ޝަރީއަތް ނިމެންދެން މާވިން ބަންދު ކުރުމަށެވެ. މިކަމާ ގުޅިގެން މާވިންގެ ދިފާއީ ވަކީލު ވިދާޅުވީ މައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ހުރި ހެކި ގަރީނާތަކަށް ބަލައި، މާވިން ބަންދުގައި ހުންނަން ޖެހޭ ކަމަށް ދިފާއުން އިންކާރު ނުކުރާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!