ދީން

ރޯދައަށް ތައްޔާރުވާންވީ މި ގޮތްގޮތަކަށް ނޫން

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ރޯދަ މަހަކީ ކޮންމެ މުސްލިމެއްގެ ދިރިއުޅުމެއްގައި ވެސް އަހަރަކު އެއްފަހަރު އަންނަ ހާއްސަ ދުވަސްވަރެކެވެ. ނަމަވެސް އެކި މީހުންނަށް މިމަސް ހާއްސަ ވަނީ އެކި ގޮތްގޮތަށް ކަމަށް ފެނެއެވެ. އެއީ އެކި މީހުން އެކަމަށް ތައްޔާރު ވަނީ އެކި ގޮތަށެވެ. ހަގީގަތުގައި އިސްލާމް ދީނުގައި ރޯދައަކީ ކޮބައިކަން ބައެއް މީހުންނަށް އޮޅިފައިވާހެން ހީވެއެވެ. ނުވަތަ ރޯދައިގެ ހަގީގީ ރޫހު އެއީ ކޮން އެއްޗެއްކަމެއް ނޭނގޭ މީހުން ވެސް އުޅެއެވެ.

Ads by STELCO

ރޯދަ ނުވަތަ ސައުމްގެ މާނައަކީ ކަމަކުން ދުރުވެ ހުރުމެވެ. އިސްލާމް ދީނުގައި ރޯދައަށް ހުރުމަކީ ފަޖުރުއްލުމުން ފެށިގެން އިރުއޮއްސުމާ ދޭތެރޭގެ ވަގުތުތަކުގައި ކެއުމާއި ބުއިން އަދި ޖިންސީ އެދުން ފުއްދުމާއި ދުރުވެ ހުރުމެވެ. އެންމެންނަށް ވެސް އެނގޭނޭ ފަދައިން، ރޯދަ މަހުގައި ރޯދައަށް ހުުރުމަކީ ބާލިޣްވެފައިވާ، ބުއްދި ސަލާމަތުން ހުރި، އެކަމަށް ކުޅާދާނަ ކޮންމެ މުސްލިމަކަށް ވެސް ވާޖިބު ކަމެކެވެ. ނަމަވެސް ރޯދަ ހިފުމަށް އުޒުރުވެރިވާ މީހުން ވެސް ތިބޭނެއެވެ.*

ރޯދަ މަހު ރޯދަ ހިފުމުގެ މުހިންމުކަން ހުރިހައި އެންމެންނަށް ވެސް ކޮންމެ ވެސް ވަރަކަށް އެނގޭނެއެވެ. ތަފާތު މި ވަނީ ރޯދައަށް ތައްޔާރުވާ ގޮތާއި އެކި މީހުން ރޯދަ 'ކުރު' ކުރާ ގޮތްތަކެވެ. މީގެން ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ގެއަށް އައު ފަރުނީޗަރާއި އެހެނިހެން ސާމާނު ގަތުން

ރޯދައަށް އެއްޗެހި އައު ކުރުމަކީ ބައެއް ދިވެހިންގެ ތެރޭގައި ވަރަށް ގަދައަށް ހިނގާ ކަމެކެވެ. މިކަން ބައެއް ފަހަރު ބޮޑު އިސްރާފަކަށް ވެސް ވެގެންދާ ފަހަރު އާދެއެވެ. ހަލާކު ނުވިޔަސް ބޭނުން ކުރެވޭ ޒާތުގެ އެއްޗެހި އުކައިލައި ގެއަށް އައު އެއްޗެހި ގަތުމަކީ ބޮޑު އިސްރާފެކެވެ. އަދި އެ އެއްޗެހި އުކައިނުލާ މީހަކަށް ދިނަސް އެއީ ވެސް ހަމަ އިސްރާފެކެވެ. އެއީ ބޭނުން ނުވާ އެއްޗެހި ގަތުމުން އެ ޚަރަދު ވަނީ ބޭކާރު ފައިސާއެވެ. އަދި ކުނި އުފެއްދުމަށް ދެވޭ ހިތްވަރަކަށް ވާތީ ތިމާވެއްޓަށް ވެސް މިކަމުން ގެއްލުން ވެއެވެ. މީގެ އިތުރުން ރޯދައާ ދިމާކޮށް މިކަންތައް ކުރުން އާދައަކަށް ބަދަލު ވުމުން، އެކަންތައް އެ މުޖުތަމައުގެ އާދަކާދައަކަށް ބަދަލުވެ، އެކަންތައް ކުރަން ބޭނުން ނުވާ މީހުންނަށް ވެސް އެކަންތައް ކުރުމަށް ޕްރެޝަރ އުފެދިގެން ދެއެވެ. ނަތީޖާއަކަށް ވެގެންދަނީ މުއްސަނދިންނާއި ފަގީރުންނާ ދޭތެރޭގައި އޮންނަ ފަރަގު ބޮޑުވުމެވެ. އަދި ރޯދަ ފަދަ މާތް މަހަކާ ދިމާކޮށް ބައެއް މީހުންގެ ހިތުގައި ދެއްކުންތެރިކަމުގެ ރޫހު އާލާވުމެވެ.

އެކި ވައްތަރުގެ އެއްޗެހި ކައްކަން ދަސްކުރުން

ރޯދަ މަހު ދުވާލު އެއްޗެއް ނުކައި ހުންނަން ޖެހޭތީ އެ ތަޖުރިބާ ކުރަން ޖެހޭ ބަނޑުހައި ހޫނުކަމާއި އުނދަގޫތަކާއި ބައެއް މީހުން ކުރިމަތިލަނީ ވަރަށް ދެރަ ގޮތަކަށެވެ. އެއީ ރޯދަވީއްލުމަށް ފަހު އެ ލިބޭ ވަގުތުތައް އެހެން މަސްމަހު ލިބޭ ވަރަށް ވުރެ މީރު އަދި ތަފާތު ކާއެއްޗެއްސަށް އުއްމީދުކުރުމެވެ. ރޯދަމަހަކީ އަޅުކަމުގެ މަހަކަށް ވުރެ ބޮޑަށް ބައެއް މީހުންގެ ކުރިމަތީގައި ކެއުމުގެ މަހެކެވެ. ދުވާލު ނުކެވޭ ތަންކޮޅު ރޭގަނޑު ފޫ ބައްދާލަނީ ތޯއްޗެކެވެ. މިކަމުގައި ވެސް މީހުން ވަރަށް އިސްރާފް ކުރެއެވެ. ގިނަ އެއްޗެހި ތައްޔާރު ކުރުމުގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ކެއުން ނުވަތަ ބުއިމަކީ ވެސް އިސްރާފެކެވެ. އެކި ވައްތަރުގެ މީރު ކާއެއްޗެހި އެހާ ގިނައިން ރޯދަމަހުގައި ލިބުމުގެ ސަބަބުން ދުވާލު ބަނޑުހައި ވާގަޑިތަކުގައި ކާއެއްޗެއް ނުލިބޭ ފަގީރުންގެ އިހުސާސްތައް ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟ އިރު އޮއްސޭ އިރަށް ބޮޑު ސުފުރާއެއް ފުރާ ކާއެއްޗެހި ލިބެން ހުންނާނެކަން އެނގޭ އިރު، ފަގީރުންގެ ހާލަތު ވިސްނައިގަންނާކަށް ނޭނގޭނެއެވެ. މީގެ އިތުރުން އެހާ ގިނަ ކާއެއްޗެހި ހަދަން ޖެހެމުގެ ސަބަބުން އަޅުކަން ކުރާނެ ވަގުތު ނުލިބި ބަދިގޭގައި ހޭދަކުރަން ޖެހޭ ވަގުތު ގިނަވެއެވެ. މިއީވެސް ރޯދަ މަހުގެ ހަގީގީ މާނަ ގެއްލުމުގެ ރަނގަޅު މިސާލެެކެވެ.

ގެއަށް ގަނޑުކޮށް ކާއެއްޗެހި ގަތުން

އާންމު ދިރިއުޅުމުގައި ގެއަށް ބޭނުންވާ ކާއެއްޗެހި ގަނޑުކޮށް ގަތުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ރޯދަ މަހަށް ހާއްސަ ކޮށްގެން ގަނޑުކޮށް އެއްޗެހި ގަތުން ނުވަތަ އެހެން މަސްމަހު ނުގަންނަ ފަދަ ބައިވަރު އެއްޗެހި ގަތުމަކީ މުޅިން ބޭކާރު ކަމެކެވެ. މިގޮތަށް ކަންތައް ކުރެވެނީ ހަގީގަތުގައި ރޯދަ މަހު ހާއްސަ އެއްޗެހިތަކެއް ތައްޔާރު ކުރުމަކީ އޮންނަ ގޮތް ކަމުގައި ގަބޫލު ކުރެވޭތީއެވެ. ނަމަވެސް މި އާދަކާދައާ އަހަރެމެން ދެކޮޅު ހަދަމާ ހެއްޔެވެ. ރޯދަ މަހު ރޯދަ ވިއްލާކަށް ކޮންމެހެން ހެދިކާތަކެއް ހަދާކަށް ނުޖެހެއެވެ. އަދި ފަނި ގިރާކަށްވެ ސް ނުޖެހެއެވެ. ރޯދަ ހިފުމަކީ ހަށިގަނޑަށް ފައިދާވާ ކަމެއް ކަމަށް ވާއިރު، އެފައިދާގެ އަސަރު ހަށިގަނޑަށް ކުރާނީ ރޯދަ ވީއްލުމަށް ފަހުގައި ވެސް ހަށިގަނޑަށް ފައިދާހުރި އެއްޗެހި ކެއުމުން ނޫން ހެއްޔެވެ. ސިމްޕަލް ކޮށް އެއްޗެހި ހަދާ ސިމްޕަލްކޮށް ކާށެވެ. ރޯދަ ވިއްލާ ގަޑީގައްޔާއި ހާރުކާ ގަޑީގައި ވެސް މެއެވެ. އަހަރެމެންގެ ވިސްނުން ބަދަލު ކުރަން ހިނގާށެވެ. ރޯދަ ވިއްލާ ގަޑިއަށް ހަމަ އެހެން މަސްމަހު ވެސް ހަދާ ފަދަ ކާއެއްޗެހި ހެދިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ރޯދައިގެ މާނައާއި ރޫހު ބަދަލު ވެފައިވާތީ ހިތާމައަކީ ބައެއް މީހުން ދަރަންޏަށް ނަމަވެސް ގަނޑުކޮށް އެއްޗެހި ހޯދައިގެން ރޯދަމަހުގެ މި ތާކުންތާކު ނުޖެހޭ އާދަކާދައަށް ބޯލަނބާ ކަމެވެ.

މުނިފޫހި ފިލުވުމާއި ކުޅިވަރު ކުޅުމަށް ތައްޔާރުވުން

ރޯދަ މަހަކީ އަޅުކަމުގެ މަހެކެވެ. ފާފަ ފުއްސެވުމާއި ހެޔޮ އަމަލު ގިނައިން ކުރުމުގެ މަހެކެވެ. ނަމަވެސް ރޯދަމަހަށް ބައެއް މީހުން މަރުހަބާ ކިޔަނީ ރޯދަ ކުރު ކުރުމަށެވެ. ފޫހި ފިލުވާނޭ ތަނެއް ތައްޔާރުކޮށް، ބަލާނެ ފިލްމު ނުވަތަ ސީރީސް ހޯދައި ކުޅޭނޭ ގޭމުތައް ހޯދައި މި ނޫން ވެސް އެކިއެކި މަޖާ ކުރުމެވެ. ނަމަވެސް ރޯދަ މަހަކީ ރޯދަ ކުރު ކުރުމަށް ޓަކައި އޮންނަ ކަމެއް ނޫނެވެ. ރޯދަމަހަކީ ތާސްކުޅޭ ނުވަތަ ރާޒުވާ ކުޅޭ ނުވަތަ މިވެނި ޝޯއެއް ބަލަން ނުވަތަ އޮއްވަޅު ގޮނޑި ކުޅެން އޮތް މަހެއް ނޫނެވެ. ރޯދަ މަހަކީ އެހެން މަސްމަހަށް ވުރެ ގިނަ ސަވާބު ހޯދުމަށް އޮތް ރަނުގެ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ރޯދަ ކުރު ކުރުމުގެ ނަމުގައި ބޭކާރު ކޮށްނުލާށެވެ.

ގެއަށް ދޮންވެލި ލުން

މިއީ ވެސް ގޭގޭގެ ގޯތިތެރެ ރީތިކުރުމަށް ކުރެވޭ ކަމެެކެވެ. ރޯދައާ ދިމާކޮށް މިކަހަލަ ކަންކަން ކުރުމަކީ ތިމާވެއްޓަށް ގެއްލުން ލިބޭނޭ ކަމެކެވެ. އަހަރެމެންގެ ތިމާވެށި އެހައި ނާޒުކު ފައްތަރެއްގައި ވީއިރު، ވެލި ނެގުމަކީ ހަމައެކަނި ކޮންމެހެން ބޭނުމެއް ޖެހިގެން ނަގަން އޮންނަ އެއްޗެއް ކަމުގައި ބޭއްވުން ރަނގަޅު ވާނެއެވެ.

ރޯދައަށް ތައްޔާރު ވާންވީ ގޮތްތައް

ރޯދައަށް ތައްޔާރު ވާންވީ އެންމެ ރަނގަޅު ގޮތަކީ ރޯދަމަސް ގެންދާނެ ގޮތް ކުރިއާލާ ރާވާލުމެވެ. ހެޔޮ އަމަލުތައް ކުރާނެ ގޮތާއި، ވަގުތާއި، ކުރަން ބޭނުންވާ ކަންކަން އަދި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމެވެ. ރޯދަމަހުގެ ހަގީގީ މާނައާއި ރޫހު ތިބާގެ ގޭގައި ވެސް ގެއްލިފައިވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ، ފުންކޮށް ވިސްނާ ގޭގެ އަހުލުވެރިންނާއި މަޝްވަރާ ކޮށްލުން ރަނގަޅެވެ. އެއީ ބައެއް ފަހަރު ގޭގައި ހުންނަ އެކަކު ހެޔޮ ބަދަލެއް ގެންނަން ބޭނުން ވިޔަސް އެހެން މީހުންގެ ސަބަބުން އެ ބަދަލު ގެނެވޭ ގޮތެއް ނުވެއެވެ. މިސާލަކަށް ގޭގައި އުޅޭ އަންހެނަކު ބަދިގޭގައި ހޭދަކުރާ ވަގުތު މަދުކޮށްލައި ގުރުއާން ކިޔަވަން އޮންނަ ވަގުތު ގިނަ ކޮށްލަން ބޭނުން ވިޔަސް، ގޭގައި ދެން އުޅޭ މީހުން މިސާލަކަށް ދަރިން ނުވަތަ ފިރިމީހާ ނުވަތަ އެހެން ބައެއް ކާން ބޭނުންވާ އެއްޗެހި ހެދުމަށް އެ ހުވަފެން ގުރުބާން ކޮށްލަން ޖެހިދެއެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާއާ ބެހޭ ގޮތުން މައުލޫމާތު ހޯދާ، ހަށިގަނޑަށް ގެއްލުން ހުރި އެއްޗެހިންނާއި ކަންކަމުން ދުރުވުމަށް އަޒުމު ކަނޑައެޅުމަކީ ވެސް ރޯދަމަހަށް ތައްޔާރު ވުމަށް ކުރެވޭނޭ ވަރަށް ސަޅި ކަމެކެވެ. ބޭކާރު ކަންކަމާއި ދުރުވެ ފައިދާހުރި ކަންކަމަށް ސަމާލުކަންދިނުމަށް މަސައްކަތް ކުރާށެވެ. ބަރަކާތްތެރި މި މައްސަރު އަދި ކިރިޔާ ފެށުނީއެވެ. މި ދެންނެވި ބަދަލުތަކަށް މަރުޙަބާ ކިޔާށެވެ.

*މައުލޫމާތު ނެގީ ބިލާލް ޕިލިޕްސްގެ ފޮތެއް ކަމުގައިވާ އިސްލާމިކް ސްޓަޑީސްގެ ތިންވަނަ ބައި

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!