ޚަބަރު

ލަމްހާ ގެންގުޅުނު އިންޖެކްޝަނެއްގެ އަސަރު މޭރީގެ ލޭގައި ހުރި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ހަށިގަނޑުގައި ބާރުގަދަ ކެމިކަލެއްގެ އަސަރު ހުރި ކަމަށާއި، މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ޅ. ހިންނަވަރު/ މާފިނި ހަލީމަތު ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންތަކުން ވެސް އެ ކެމިކަލް ފެނިފައިވާކަން މިއަދު ހާމަވެއްޖެއެވެ.

Ads by Sosun Fihaara

މެރީ ދަންޖެހިގެން އަމިއްލައަށް މަރުވީ ކަމަށް ބުނެ އޭނާގެ ފިރިމީހާ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. ނަމަވެސް މޭރީގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން ފުލުހުން އޭނާގެ ހަށިގަނޑު ބޭރަށް ފޮނުފައި، ޕޯސްޓްމޯޓަމް ހެދުމުން ހާމަވީ، މޭރީ މަރުވީ ނޭވާ ހާސްވެގެން ކަމަށާއި އޭނާގެ ބޮލަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މޭރީގެ ފިރިމީހާ މާވިސް އެވްވައި ވާގަސްއާއި މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ބުނީ މޭރީ ގްރޭސް ފުރަތަމަ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ނެގި ލޭގެ ޓޮކްސޮލޮޖީ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ ރިޕޯޓް ތައްޔާރު ކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ.

ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ އެ ރިޕޯޓުގެ ޖަވާބު އަނގަބަހުން މިހާރު ބުނެފައިވާ ކަމަށާއި، އަނގަބަހުން ބުނީ، "ސަކްސިނިއަލްކޯލިން" ކިޔާ މާއްދާއެއްގެ ކެމިކަލެއް މެރީ ގްރޭސްގެ ލޭގައި ހުރިކަމަށެވެ. ވަކީލު އިތުރަށް ވިދާޅުވީ، އެ އިންޖިކްޝަނަކީ ބޮޑެތި ސާޖަރީ ފަދަ އޮޕަރޭޝަންތައް ކުރުމަށް ހޭނެއްތުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި އެ ބާވަތުގެ އިންޖިކްޝަނުގެ އިތުރުން ވެސް ދެ ބާވަތެއްގެ ބާރުގަދަ އިންޖިކްޝަން ލަމްހާގެ ގެއިން ފެނުނު ކަމަށެވެ.

މިއަދު އޮތް އަޑުއެހުމުގައި ޝަރީއަތުން ވަނީ، ލަމްހާގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އޭނާ ވެސް ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް އުފުލައިފައި ވަނީ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ އިތުރުން ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅެވޭނެ ފަދަ އިންޖެކްޝަންތަކެއް ގެންގުޅެފައިވާތީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ،ހުއްދަ ނުނަގާ ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.

މާވިންގެ މައްޗަށް ދައުލަތުން ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!