އެމްޑީޕީ ފެށިގެން އައި އިރު ވަކާލާތު ކުރި ކަންކަމުގެ ވާހަކަ މިހާރު ދެއްކުމުގެ މާނައެއް ނެތް: ސެމްބެ
ސިޔާސީ މައިދާނުގައި އެމްޑީޕީގެ އަސްލު ފެށިގެން އައި އިރު ވަކާލާތު ކުރި ގިނަ ކަންކަމުގެ ވާހަކަ މިހާރު ދެއްކުމުގެ މާނައެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ އެ ވާހަކަތައް ދައްކަވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމަށް ތިން އަހަރު ވެގެން އައި އިރު ނުކުރެވުނު ކަމެއް ދެން ކުރެވިދާނެކަމަށް ނުފެންނަކަމަށް ވެސް ސެމްބެ ވިދާޅުވިއެވެ.
“އެމްޑީޕީގެ އަސްލު ފެށިގެން އައި އިރު ވަކާލާތު ކުރި ގިނަ ކަންކަމުގެ ވާހަކަ މިހާރު ދެއްކުމުގެ މާނައެއް އޮތް ކަމުގައި އަޅުގަނޑު ނުދެކެން. އެ ވާހަކަތައް މިއަދު ދައްކަވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން. މިއަދު މަނިކުފާނަށް ލިބުނީ 25 ވޯޓު. އޭގެން ދައްކުވައި ދެނީ އެމްޑީޕީ ގެއްލިއްޖެކަން” ސެމްބެ ވިދާޅުވިއެވެ.
މީގެ އިތުރުން 3 އަހަރުގެ ތެރޭގައި ނުވި ކަމެއް ކުރަން އުޅުނަސް އެކަމެއް ނުވާނެ ކަމަށާއި އަދި އަހަރުގެ ވާހަކަ ދެއްކި އެމްޑީޕީގެ މެންބަރުން އެ ވާހަކަތައް ތަކުރާރުކުރަން މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށް ސެމްބެ ވިދާޅުވިއެވެ.
“3 އަހަރުގެ ތެރޭގައި ނުވި ކަމެއް ދެން ނުކުރެވޭނެ. ހަމަ ކުރީގެ 30 އަހަރުގެ ވާހަކަ ދެއްކި ފަރާތްތަކުން އެ ކަން ރައްޔިތުންނާ ހަމަޔަށް ތަކުރާރު ކުރަން މަސައްކަތް ކުރަމުން ދާތަން މިހާރު ފެންނަމުން މިދަނީ” ސެމްބެ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތް ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކަންތައްތައް ކުރަމުން ދާތީ އެ ކަންބޮޑުވުން ރައްޔިތުން ދައްކަމުން ދާ ކަމަށް ސެމްބެ ވިދާޅުވިއެވެ.