ލައިފްސްޓައިލް

މި ފަހަރު ރޯދައާ ދިމާކޮށް ކެއުން ތަފާތުކޮށްލަމާ!

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ދިވެހިންގެ ތެރޭގައި ރޯދަ ވީއްލުމުގެ އާދަކާދައަށް ބަލާއިރު، ތަފާތުތަކެއް ހުއްޓެއް ކަމަކު އާންމުކޮށް ބޭނުންކޮށް އުޅެނީ އެއްވައްތަރެއްގެ އެއްޗެއްސެވެ. ރޯދަ ވީއްލުމޭ ބުނާ އިރަށް އެންމެ ފުރަތަމަ ވެސް ހިތަށް އަންނަނީ ކަރާ ފަންޏާއި އެކި ވައްތަރުގެ ހެދިކާތަކެވެ. ކޮންމެއަކަސް ގަބޫލުކުރަންޖެހޭ ހަގީގަތަކަކީ ރޯދަ މަހުގައި މީހުންގެ ކެއުން ބަހައްޓާ ގޮތަކީ ސިއްހަތަށް އެހައި ފައިދާ ހުރި ގޮތްތަކެއް ނޫންކަމެވެ. ނަމަވެސް އަބަދަކު އެގޮތުގައި ދެމިހުންނާކަށް ނުޖެހޭނެއެވެ. މި ރޯދަމަހު ކެއުމަށް ހެޔޮ ބަދަލުތަކެއް ގެންނަން ބޭނުންވާ މީހުންނަށް ޓިޕްތަކެއް ހިއްސާ ކޮށްލާނަމެވެ.

Ads by STELCO

އޭ! ފަނި ނުހަދާ

ހިތާމައާ އެކު ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ ރޯދަމަހު ގިނަ ގޭގޭގައި ހަދައިފައި ހުންނަ ފަނިތަކަކީ ވަރަށް ގިނައިން ހަކުރު އަޅައިގެން ހަދައިފައި ހުންނަ އެއްޗެއްސެވެ. މިހެން ހެދުމުގެ ބަދަލުގައި އަހަރެމެންގެ ރޯދަ ވީއްލުމުގެ މެނޫއިން ފަނި އެއްކޮށް ފޮހެލެވިދާނެއެވެ. އޭގެ ބަދަލުގައި މޭވާ ގުދުރަތުން ހުންނަ ގޮތަށް ކެއުމަށް އިޚްތިޔާރު ކުރެވިދާނެއެވެ. މިސާލަކަށް ކަރާ ކޮށައިފައި ބެހެއްޓުމަކީ ކުރެވިދާނެ ކަމަކަވެ. ގިނަ މޭވާތަކަކީ އޭގައި ފެން ވަރަށް ގިނަ އެއްޗެއްސަށް ވީމާ، ބޯލާނެ ފަނިފޮދެއް ނެތަސް ހަށިގަނޑަށް ފެން ލިބޭނެއެވެ. އަދި ކަރުހިއްކުން ފިލުވަން ފެން ބުއިމަށް އިސްކަން ދޭށެވެ. އޭރުން ހަށިގަނޑު އެއްކަލަ ހަކުރުތަކުން ސަލާމަތް ކުރެވުނީއެވެ. އަދި މޭވާގެ ހަގީގީ ފައިދާ ވެސް ހަށިގަނޑަށް ހޯދައިދެވުނީއެވެ.

ޖޫސް އެއީ އަދި ފަންޏެއް ނޫން

ރޯދަ ވީއްލާ ގަޑީގައި ކޮންމެހެން ހަދައިފައި ވެސް ފަނި ބޭނުން ވަންޏާ، ޖޫސް ބޭނުން ކުރުން މާ ރަނގަޅު ވާނެއެވެ. މިދައްކަނީ ސަންކުއިކް ނޫނީ ފޮސްޓާ ކްލާކް ޖޫހުގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ މޭވާއާއި ތަރުކާރީ ބޭނުން ކޮށްގެން ހަދާ ތާޒާ ޖޫހުގެ ވާހަކައެވެ. ޖޫސް ފަންޏަށް ނުވަނީ ހަކުރު ނާޅާ ހަދާތީއެވެ. އަދިި މިފަދަ ޖޫސް ހަދާއިރު ރަނގަޅީ އިތުރު ފެން ވެސް ނާޅާ ހެދިއްޔާއެވެ. ޖޫސާރއެއްގެ ބޭނުން ކުރުމަކީ މި ކަމަށް އެންމެ ފައްކާ ގޮތެވެ. ނަމަވެސް ބްލެންޑަރއަކުން ހެދުމަށް ފަހު ފުރޭނިއަސް ޖޫސް ހެދޭނެއެވެ.

ޖޫސް ބުއިމަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް އެއްފަހަރާ ހަޖަމް ކޮށްލަން ފަސޭހަ ގޮތަކަށް ހަށިގަނޑަށް ލިއްބައިދެވޭނޭ ގޮތެކެވެ. ޖޫސް ގިރާއިރު ފެންގިނަ މޭވާއާއި ތަރުކާރީ ބޭނުން ކުރެވިދާނެއެވެ. ޖޫހަކީ އެންމެ ބާވަތެއް ބޭނުންކޮށްގެން ވެސް ހެދިދާނެ އެއްޗެކެވެ. މިސާލަކަށް އޮރެންޖު ނުވަތަ އަލަނާސި ޖޫސް ހެދިދާނެއެވެ. ނަމަވެސް މިއަށް ވުރެ ފުރިހަމަ ކޮށްލުމަށް އެކި ބާވަތްތައް އެއްކޮށްލައިގެން ތަފާތު ރަހަތަކާއި ހަށިގަނޑަށް ހެސްކިޔައިފައި ފައިދާ ލިބޭނޭ ޖޫސްތަކެއް ތައްޔާރު ކުރެވިދާނެއެވެ. މިސާލަކަށް އޮރެންޖު ޖޫހަށް ކެރެޓު ވެސް އަޅައިލާށެވެ. ވަކި އެއްޗެހިތަކެއް އެއްކުރީމައި މީރުވާކަން އެނގޭނީ ތަޖުރިބާގެ ތެރެއިންނެވެ. އެހެންވީމާ ފުރަތަމަ ކުލައިން އެހީ ހޯދަމާ ހެއްޔެވެ. އެކި ދުވަހަށް އެކި ކުލަ ކަނޑައެޅިދާނެއެވެ. މިސާލަކަށް އެއްދުވަހު ކިއުކަންބާ، ފެހި އާފަލު، އަދި ސެލެރީ އަޅައިގެން ފެހި ކުލައިގެ ޖޫހެއް ގިރިދާނެއެވެ. އަނެއް ދުވަހު ބީޓްރޫޓް، ރަތް އާފަލު އަދި ސްޓްރޯބެރީ ބޭނުންކޮށްގެން ރަތް ޖޫހެއް ގިރިދާނެއެވެ.

ބޯނަސް ޓިޕް: ޖޫސް ހަދާއިރު ކުޑަ އިނގުރު ކޮޅެއް، ރީނދޫކޮޅެއް ނުވަތަ މިންޓް ފަތް ކޮޅެއް ވައްޓައިލައިފިއްޔާ މުޅި ޖޫހުގެ ރަހަގަނޑާއި އިހުސާސް ބަދަލުވެ ހަށިގަނޑަށް އިތުރު އެތައް ފައިދާތަކެއް ލިބިގެންދާނެއެވެ. އެހެންވީމާ އަދި މި ނޫނަސް ސަޅި ޚިޔާލެއް އައިސްފި ނަމަ އެހެން ސްޕައިސްއެއް އެއްކޮށްލެވިދާނެއެވެ.

ސްމޫތީ ވަރަށް ސްމޫތު ވާނެ

ހާރު ގަޑިއަށް ވެސް އަދި ރޯދަ ވީއްލާ ގަޑިއަށް ވެސް ސްމޫތީ ބޭނުންކުރެވިދާނެއެވެ. ސްމޫތީއަކީ ބައެއް މީހުން ދެކޭ ގޮތުގައި ހަމަ ޖޫހެކެވެ. ނަމަވެސް ޖޫހާއި ސްމޫތީ ތަފާތު ވަނީ ޖޫހަކީ މުޅިން ދިޔާކޮށް އެއްވެސް ޕަލްޕެއް ނެތި ހުންނަ އެއްޗަކަށް ވެފައި ސްމޫތީއަކީ ޕަލްޕް ލައިގެން ހުންނަ އެއްޗެއް ވީމައެވެ. ސްމޫތީއަކީ ފުރާނާ އެއްޗެއް ނޫނެވެ. ސްމޫތީއާއި ޖޫހާ އަޅައި ބަލާއިރު އެންމެ ބޮޑު މޮޅަކީ ސްމޫތީގައި ޖޫހަށް ވުރެ ފައިބަރގެ ބައި ގިނަވުމެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިންމު އެއްޗެކެވެ. ހާއްސަކޮށް ފާޚާނާ ކުރުމުގަ ދަތިވަންޏާ، ޖޫހަށް ވުރެ ރަނގަޅީ ސްމޫތީ ބުއިމެވެ.

ސްމޫތީއަށް އަޅާނީ ފެންމަދު އެއްޗެއްސެވެ. މިސާލަަކަށް ދޮންކެޔޮ އެއީ ދެން ސްމޫތީގެ ރާނީއެވެ. އިންޓަނެޓުން ސްމޫތީގެ ރެސިޕީ ބަލައިލާއިރު ކޮންމެ ސްމޫތީއަކަށް ކަހަލަ ގޮތަކަށް ދޮންކެޔޮ އަޅަން އޮންނާނެއެވެ. ނަމަވެސް ދޮންކެޔޮ ކަމުނުދަންޏާ ނުވަތަ ދޮންކެޔޮ ލިބޭނޭ ގޮތެއް ނެތިއްޔާ އެހެން ބައިވަރު މޭވާ ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް އަނބު، ޕެއާރ، އާފަލު ފަދަ އެތައް މޭވާއެކެވެ. މީގައި ވެސް އެމީހަކަށް ކަމުދާ ރަހަތަކެއް ހޯދުމަށް ޖެހޭނީ ކުޑަކޮށް އެކްސްޕެރިމެންޓް ކޮށްލާށެވެ.

ސްމޫތީ ހުންނާނީ އޮލަކޮށް ކްރީމީކޮށެވެ. އެހެންވީމާ އޮލަކުރަން ބައެއް މީހުން އެއަށް ކިރު ވެސް އަޅައެވެ. ސްމޫތީ ހަދަން ބޭނުންކުރާ އެއްޗެހި ގަނޑުކުރާ ބަޔަށްލައި ގަނޑު ކުރުމަށް ފަހު ބޭނުންކޮށްފިއްޔާ އެއަށް ކިޔާނީ ނައިސް ކްރީމްއެވެ. އެއީ އައިސް ކްރީމްގެ ދުޅަހެޔޮ ދެބެންގެ ދެދަރި އެއްޗެކެވެ. ބޯތައްޓަކަށް އަޅައިގެން ސަމްސަލެއް ލައިގެން ކާލަން އިނދެގެން އެންޖޯއީ ކޮށްލާށެވެ.

ބޯނަސް ޓިޕް: ސްމޫތީއިން ހަށިގަނޑަށް ލިބޭ ފައިދާ އެތައް ގުނައަކަށް އިތުރު ކޮށްލުމަށް ޓަކައި އެއަށް ބޭނުން ވައްތަރެއްގެ ފަތް ނެގުމަށް ފަހު މުށެއް މިކްސަރަށް ވައްޓައިލާށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފަތް ބޭނުންކުރާ ނަމަ ދުވަސްދުވަސްކޮޅުން ބޭނުން ކުރާ ފަތުގެ ބާވަތް ތަފާތު ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އޯޓްސް އެއީ ޖާދުލެއް

ފުރަތަމަ ކަމަކަށް އޯޓްސްއަކީ ހޯލް ގްރެއިންއެކެވެ. އޭގެ މާނައަކީ އޯޓްސް ތައްޔާރު ކުރުމުގައި އޭގެ އެއްވެސް ބައެއް މަދު ކޮށްފައެއް ނުހުންނާނެއެވެ. އެހެންވީމާ އޯޓްސް ވަނީ ފައިބާރގެ ބައި ވަރަށް ގިނަ އެއްޗަކަށެވެ. އެހެންވީމާ މިއީ ކެއުމާއި ގިނަ ވަގުތު ދުރުގައި އުޅެން ޖެހޭ ރޯދަ މަހުގައި ކާން ރަނގަޅު އެއްޗެކެވެ. ދެވަނަ ކަމަކީ އޯޓްސް ބަނޑުގައި ހަޖަމްވާލެއް ލަސްކަމެވެ. މީގެ ސަބަބުން ކުއްލިއަކަށް ހަށިގަނޑުގައި ވަރު ޖެހިލައިފައި ކުއްލިއަަކަށް ހަކަތަ ދަށަށް ދިޔުމެއް އޯޓްސް ކެއުމަކުން ތަޖުރިބާއެއް ނުކުރެވޭނެއެވެ. އެހެންވީމާ ހާރު ކެއުމަށް އޯޓްސްއަކީ ވަރަށް ފައްކާ އެއްޗެކެވެ.

އޯޓްސްއަކީ ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ. އަދި ތައްޔާރު ކުރެވޭނޭ ތަފާތު ގޮތްތައް ގިނަ އެއްޗެކެވެ. މިސާލަކަށް ނުކައްކައި އެއަށް ހަމައެކަނި ކިރު އަދި ފެނާއި ރަހަ މީރު ކުރާނެ އެއްޗެއް މިސާލަކަށް ހަކުރު، މާމުއި، ދިޔާ ހަކުރު، މޭޕްލް ސިރަޕް އެޅުމަށް ފަހު ގިރައިލައިފައި ވަގުތުން ވެސް ކާލެވޭނެއެވެ. ބައެއް މީހުން ތައްޓެއްގައި ހުރިހާ އެއްޗެއް އެއްކޮށްފައި ހޫނު ފެންފޮދެއް އަޅައިގެން ވެސް ހަދައެވެ. ނުވަތަ އުނދުން މަތީގައި ކައްކާލައިގެން ވެސް ހަދާއުޅެއެވެ. ފޮނިކޮށް ވެސް އަދި ލޮނުކޮށް ވެސް ތައްޔާރު ކޮށްލެވޭ އޯޓްސްއަކީ ސިއްހީ އެކި މައްސަލަތައް ދިމާވުމުން ބައެއް މީހުން ޚިޔާރު ކުރާ އެއްޗެކެވެ. އަހަރެންގެ ނަސޭހަތަކީ ސިއްހީ މައްސަލައެއް ދިމާވެގެން ޑޮކްޓަރު އޯޓްސް ކެއުމަށް އިރުޝާދު ދިނުމުގެ ކުރިން އޯޓްސް ކާން ފެށުމެވެ.

ބޯނަސް ޓިޕް: އޯޓްސް އަނގައަށް އިހުސާސްވާ ޓެކްސްޗާރ ކަމުނުދާ މީހުންނަށް އޯޓްސް ސްމޫތީއަށް އަޅައިގެން ބޭނުން ކުރެވިދާނެއެވެ. ނުވަތަ މިކްސަރުން އޯޓްސް ފުށަކަށް ހަދައިލައި އެ ފުށް ، ގޮދަން ފުށް ބޭނުން ކުރާ ރެސިޕީތަކުގައި އެ ފުށުގެ ބަދަލުގައި ބޭނުން ކުރެވިދާނެއެވެ.

އޮށް: ކުއްޖަކަސް ފައިދާއަށް ބަލާއިރު ބޮޑު ބަސްތާއެއް

ދިވެހިންގެ ތެރޭގައި ވަރަށް އާންމުކޮށް ބޭނުންކުރާ އިސްބަގުލްގެ އިތުރުން ވަރަށް ގިނަ ވައްތަރުގެ އޮށް މިހާރު ފިހާރަތަކުން ލިބެން ހުރެއެވެ. އަހަރެމެން ބާގާރ އަދި ސަބްމެރީން ކާއިރު އޭގެ މަތީގައި ހުންނަ އޮށްކޮޅަކީ ސެސެމޭ އޮށެވެ. އެއޮށް ގަނެފައި ލޮނުކޮށް ހަދާ ކޮންމެ އެއްޗެއްގެ މައްޗަށް ސާވް ކުރުމުގެ ކުރިން ބުރުއްސައިލެވިދާނެއެވެ. އިސްޕަބުލް ނެތިއްޔާ އެ އޮށް ވެސް ބަދިގެއަށް ވައްދާށެވެ. އިތުރު ވައްތަރު ހޯދަން ބޭނުމިއްޔާ ސަންޕްލާވާ ސީޑްސް، ޗިއާ ސީޑްސް، ފްލެކްސް ސީޑްސްއަކީ މީހުން އޭގެ ފައިދާތަކާ ބެހޭ ގޮތުން ވަރަށް ގިނައިން މިޒަމާނުގައި ވާހަކަ ދެކެވޭ އެއްޗެއްސެވެ. ކުރީގައި ބަރަބޮލުގެ އޮށްތައް ހަނާކޮށްލައިގެން ކާ އުސޫލުން މިހާރު ވެސް އެކި އެއްޗެހީގެ އޮށްތައް ހަމަ ކާންވީއެވެ. ބައެއް ފަހަރު ފޮނި އެއްޗެއް ހަދައިފައި ގާނިޝް ކޮށްލުމުގެ ގޮތުން މައްޗަށް އޮށްކޮޅެއް އެޅިދާނެއެވެ.

އަހަރެމެންގެ ސިއްހަތާ މެދު ވިސްނަން ޖެހޭނީ އަހަރެމެންނެވެ. ރަނގަޅު ކާއެއްޗެހި ކެއުމަކީ ދުޅަހެޔޮކޮށް ހުރުމަށް ޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ރޯދަަމަހަކީ ހަށިގަނޑުގައިވާ ހަޑިތައް ފިލުވައިލާން ފުރުސަތު ލިބޭ މަހެކެވެ. އެ މަހުގައި އެހެން މަސްތަކަށް ވުރެ ގިނައިން ހަކުރާއި ތެލުގެ އިތުރުން ތައްޔާރީ ކާނާ ބޭނުން ކުރުމަކީ، ރޯދައިގެ ފުރިހަމަ ފައިދާ އަހަރެމެންނަށް ލިބުމުން ހުރަސްއަޅާނޭ ކަންކަމެވެ. ހަށިގަނޑަށް ގެއްލުންވާ އާދަކާދަތައް ދޫކޮށްލުމަށް އަޅާ ފިޔަވަޅެއް ކަމުގައި، މި ރޯދަމަހުގެ ކެއުން ބަދަލުކުރުން، ހަދަމާ ހިނގާށެވެ.

Ads by HDC
  1. ތަަފާތުލިއުމެއް

    މިކަހަލަ ފައިދާހުރި މަޢުލޫމާތު ގިނައިން ގެނެސްދެއްވާ