ދީން

ޚުތުބާ: ބައިތުލްމަޤްދިސްގެ މައްސަލަ އިސްލާމީ އުއްމަތުގެ ޤަޟިއްޔާއަކަށް ނުވާނީ ކިހިނެއްތޯއެވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަކޮށްދެއްވައިފައި ވަނީ ބައިތުލް މަޤްދިސްއަކީ މުޤައްދަސް ބިމެއް ކަމެވެ.

ބައިތުލް މަޤްދިސްއަކީ މާތް ﷲ އެތައް ގޮތަކުން މާތް ކުރައްވައި، އެތާނގެ ވަށައިގެން ބަރަކާތްލައްވައިފައިވާ މަތިވެރި މާތް ބިމެކެވެ.

މާތް ﷲ ވަހީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އެކަލާނގެ ހުސްޠާޙިރުވަންތަކަމާއެވެ! އެކަލާނގެއީ މަސްޖިދުލްހަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން ތިމަން ރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ!

ބައިތުލްމަޤްދިސަކީ މުސްލިމުންގެ ހިތްތަކުގައި، އެތަނުގެ މާތްކަމާއި މަތިވެރިކަން ބިންވަޅު ނެގިފައިވާ، ވަރަށް މާތް މަތިވެރި މުޤައްދަސް ބިމެކެވެ. އެއީ މަސްޖިދުލް ޙަރާމްއަށް ފަހު، ދެވަނައަށް ބިނާ ކުރެވުނު މިސްކިތެވެ.

ލޮބުވެތި ނަބިއްޔާ (ޞޢވ) އަރިހުން އަބޫޛައްރުގެފާނު ސުވާލު ދެންނެވިއެވެ. ބިންމަތީގައި އެންމެ ފުރަތަމަ ބިނާ ކުރެވުނީ ކޮން މިސްކިތެއްތޯއެވެ؟ އެހިނދު ނަބިއްޔާ (ޞޢވ) ޙަދީޘް ކުރެއްވިއެވެ. މަސްޖިދުލްޙަރާމެވެ. ދެން ކޮން މިސްކިތެއްތޯއޭ ދެންނެވުމުން ޖަވާބުގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވީ، މަސްޖިދުލްޢަޤްޞާ ކަމުގައެވެ.

މާތް ﷲގެ ތައުޙީދު އެންމެ ފުރަތަމަ ދެނެގަތް ރަށަކީ މާތްވެގެންވާ މައްކާއެވެ. ދެވަނަ ރަށަކީ ޤުދުސެވެ. އިމާމު ބުޚާރީއާއި އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އަލްމަސްޖިދުލް އަޤްސާ ބިނާ ކުރެވުނީ އާދަމް އަލައިހިއްސަލާމްގެ ޒަމާނުގައެވެ. އަލްމަސްޖިދުލް ޙަރާމް ބިނާކުރުމާއި މަސްޖިދުލް އަޤްސާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ 40 އަހަރެވެ. މިބަސްފުޅުން ﷲ ގެ ރިސާލަތާ، މި ދެ ރަށާ ދެމެދުގައިވާ ގުޅުން ވަރަށް ރަނގަޅަށް އެނގެއެވެ.

ބަރަކާތްތެރި މުޤައްދަސް ބިމުގެ މައްސަލަ އިސްލާމީ އުންމަތުގެ ޤަޟިއްޔާއަކަށް ނުވާނީ ކިހިނެއްތޯއެވެ؟ އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އެއީ މުސްލިމުންގެ އެންމެ ހުރުމަތްތެރި މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. އެއީ ދަތުރުކޮށް ބުރަ އުފުލައިގެން ވިޔަސް އެ މިސްކިތަށް ދިޔުމަށް އަންގަވައިފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.

މިފަދަ މުޤައްދަސް ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގެންފި ނަމަ، އެބިމުގެ އަހުލުވެރިންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަ ދޭން ޖެހޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!