ޚަބަރު

ކޮވިޑް19: 50 ލައްކަ ކުދީންގެ ބެލެނިވެރިން ދުނިޔެދޫކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2020ވަނަ އަހަރުގެ މާޗު މަހު މުޅި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް19ގެ ބަލިމަޑުކަމުގައި 50ލައްކައަށް ވުރެ ގިނަ ކުދީންގެ ބެލެނިވެރީން ދުނިޔެދޫކޮށްފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by MWSC

ލެންސެޓް ޗައިލް އެންޑް އެޑެލެންސްޓްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ބެލެނިވެރިން ނުވަތަ ބަލަދުވެރިން އެންމެ ގިނައިން ގެއްލި ނިކަމެތިވެފައި ވަނީ އިންޑިއާގެ ކުދީންނެވެ. އެ ގައުމުގެ 19 ލައްކަ ކުދީންގެ ބެލެނިވެރީން މަރުވެފައިވާކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ.

މި ދިރާސާ ދައްކާ ގޮތުގައި މަރުވި މީހުންގެ ތެރެއިން މައިންބަފައިން މަރުވެ ޔަތީމުވި ކުދީން އެންމެ ގިނައީ ޕެރޫއާއި ސައުތު އެފްރިކާގައެވެ. އެ ދެ ގައުމުން ބެލެނިވެރިޔާ ނިޔާވި ކޮންމެ 1000 ކުއްޖެއްގެ ތެރެއިން ހަތް ކުއްޖެއްގެ މަންމައާއި ބައްޕަ ވެސް ވަނީ ދުނިޔެދޫކޮށްފައެވެ. ޕެރޫއިން މިހައިތަނަށް 210،000އަށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން މައިންބަފައިން މަރުވެ ޔަތީމުވި ކޮންމެ ތިން ކުއްޖެއްގެ ތެރެއިން ދެކުއްޖެއްގެ އުމުރަކީ އުމުރުން 10އަހަރާއި 17އަހަރާ ދެމެދެވެ.

ކޮވިޑް ޖެހިގެން މިހައިތަނަށް މުޅި ދުނިޔެއިން ފަސް މިލިއަން ނުވަލައްކައަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މި ބަލީގައި އެންމެ ގިނަ މަރު ރެކޯޑް ކުރެވިފައިވާ އެމެރިކާގެ އާބާދީގެ ގާތްގަނޑަކަށް ކޮންމެ ހަތަރު މީހަކުން އެކަކަށް މި ބަލި ޖެހި މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!