ކޮޕީއެއް ކަމަށް ބުނެ ކަންގަނާގެ "ލޮކްއަޕް" މައްސަލަގަނޑެއްގައި

މީސް މީޑިއާއާއި ބޮލީވުޑްގައި ވެސް އެންމެ ހިންގުންތެރި އެއް އެކްޓަރު ކަމަށްވާ ކަންގަނާ ރަނާވަތު ހުށަހަޅައި ދިނުމަށް ހަމަޖެހިފައިވާ ޓޯކްޝޯވ "ލޮކް އަޕް" ރިލީޒް ކުރުން ފަސްކުރަން ޖެހިދާނެ ކަމުގެ އިޝާރާތްތަކެއް ފެންމަތިވެއްޖެއެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސް ކުރާ މި ޝޯއަކީ އެކިއެކި ދާއިރާތަކުގެ 16 ފަންނާނުން، ކުށްވެރިން ފަދައިން ގެނެސްގެން އެމީހުންނާ އެކި ކަހަލަަ ސުވާލުތައް ކޮށް ގޭމް ޝޯއެއް ފަދައިން ކުރިއަށްގެންދާ ޝޯއެކެވެ.
އޯޓީޓީ ޕްލެޓްފޯމްތަކުގައި މި ޝޯ ރިލީޒް ކުރުމަށް ކުރިން ހަމަޖެހުނީ މި މަހުގެ 27ވަނަ ދުވަހުގައެވެ.
ނަމަވެސް، ކަންގަނާ ހުށަހަޅައިދޭ މި ޝޯއަކީ އެހެން ބަޔަކު ހަދައިފައިވާ މިފަދަ ޝޯއެއްގެ ކޮޕީއެއް ކަމަށް ބުނެ ޕްރޮޑިއުސަރ ސަނޯބަރު ބެއިގް ވަނީ "ލޮކް އަޕް"ގެ ޓީމާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައެވެ.
ބޮލީވުޑް ލައިފްއަށް މައުލޫމާތު ދެމުން ސަނޯބަރު ބުނީ، މިއީ އެހެން ޓީވީ ސްޓޫޑިއޯ އަކުން އުފައްދައިފައިވާ ޝޯއެއްގެ ކޮންސެޕްޓް ކޮޕީ ކޮށްގެން އުފައްދާފައިވާ ޝޯއެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ނޫސް ކޮންފަރެންސެއްގައި ދޭނެ ކަމަށް ވެސް ސަނޯބަރު ބުންޏެވެ.