ކޮވިޑް ދިފާއު ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓު ހެއްދުމަކާ ނުލައި ސްރީލަންކާއަށް އެތެރެވެވޭނެކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅައިފިއެވެ.
އާދިއްތަ ދުވަހު އާންމުކުރި އިއުލާނެއްގައި ވަނީ ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް އައު އުސޫލުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން ވެކްސިން ފުރިހަމަކުރިކަމަށް ބެލެވޭނީ ދެ ޑޯޒް ޖެހިތާ އެންމެ މަދުވެގެން ދެހަފްތާ ވުމުންނެވެ. މީގެ އިތުރުން ޖެންސެން ފަދަ ބްރޭންޑުގެ ވެކްސިންގެ އެއްޑޯޒް ޖަހައިފި ދެހަފްތާ ވެފައިވާ ނަމަވެސް ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބެލެވޭނެކަމަށް ސިވިލް އޭވިއޭޝަނުން ވަނީ ކަނޑައަޅައިފައެވެ.
18 އަހަރުން ދަށުގެ ކުދިންނަށް ޕީސީއާރު ޓެސްޓު ނަތީޖާއަކާ ނުލައި ލަންކާއަށް ދަތުރު ކުރެވޭނީ އެންމެ މަދުވެގެން އެއް ޑޯޒް ފުރިހަމަކޮށްފައިވާ ނަމައެވެ. އެއްވެސް ޑޯޒެއް ނުޖަހާ ނަމަ ކުޑަކުދިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.
ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ވަނިކޮށް ބަލި ޖެހިއްޖެ ނަމަ ލަންކާއަށް ދެވޭނީ ބަލިން ރަނގަޅުވާތާ 7 ދުވަހުގެ މުއްދަތަކަށް ފަހުއެވެ. މިފަދަ ފަރާތްތަކުން ބަލިން ރަނގަޅުވިކަމުގެ ލިޔުމެއް ބޭނުންވާނެއެވެ.
ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ސްރީލަންކާއަށް ދަތުރުކުރާ ނަމަ ކުރިއެކޭ ވެސް އެއްގޮތަށް 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނައްސި ނަތީޖާއެއް ބޭނުންވާނެއެވެ.
މާޗު މަހުގެ 1ވަނަ ދުވަހުން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާއިރު ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި ކަމުގެ ލިޔުން ނުވަތަ ވެކްސިން ކާޑު ގެންގުޅުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ސްރީލަންކާއަކީ ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ގައުމެކެވެ. ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށް ވެސް އެ ގައުމަށް ދިވެހިން ގޮސް އުޅެއެވެ. މީގެ އިތުރުން ސްރީލަންކާއަކީ އެންމެ ގިނަ އަދަދެއްގެ ދިވެހިން ބޭރު ގައުމެއްގައި ދިރިއުޅޭ ގައުމެވެ.