ކާށިދޫގައި ކުރިޔަށްގެންދިޔަ ފިޓްނަސް ޕްރޮގްރާމް ނިންމައިލައިފި

އެމްޖީ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކ. ކާށިދޫގައި ބާއްވާ ހެލްތު އެންޑު ފިޓްނެސް އެވެއަރނަސް ޕްރޮގްރާމު ނިންމައިލައިފިއެވެ.
އެމްޖީ ސްޕޯޓްސް ކްލަބާއި، ކ. ކާށިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ތިކި ގުޅިގެން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ޖުމްލަ 30 ބައިވެރިންނެވެ. އޭގެ ތެރެއިން 24 ބައިވެރިން ޖުޖިޓްސު އެސޯސިއޭޝަންގެ ސެލްފް ޑިފެންސް ޕްރޮގްރާމް ފުރިހަމަ ކުރިއިރު، 27 ބައިވެރިން ވަނީ ހެލްތު އެންޑް ފިޓްނަސް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކާށިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނާއިބު ރައީސާ ފަޒްނާ އިބްރާހިމް ވިދާޅުވީ އަންހެނުންގެ ކުރިއެރުމަށް ޓަކައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ހޯދައި އެ ފުރުސަތުތައް ފަހި ކުރުމުގެ މަސައްކަތް އަބަދު ވެސް އެ ކޮމިޓީން ކުރަމުންދާ ކަމަށެވެ.

ފަޒްނާ ވިދާޅުވީ ހެލްތު އެންޑް ފިޓްނެސް އެވެއަރނެސް ޕްރޮގްރާމުގެ ތެރެއިން އާންމު ދިރިއުޅުމުގައި ދިމާވާ އެކިއެކި ހާލަތްތަކުގައި އަމިއްލަ ނަފްސު ދިފާޢުކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ކުރާނެ ކަސްރަތުތައް އަމަލީ ގޮތުން ބައިވެރިންނަށް ތަޖުރިބާ ކުރެވިފައިވާނެ ކަމަށެވެ.
”އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމީޓީން އަބަދު ވެސް ދަނީ އަންހެނުންގެ ކުރިއެރުމަށް ޓަކައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ހޯދާ އެ ފުރުސަތުތައް ފަހި ކުރުމަށް އަޅުގަނޑުމެންގެ ގާބިލްކަން ހުރި މިންވަރަކުން މަސައްކަތް ކުރަމުން. މި ޕްރޮގްރާމުގެ ތެރެއިން އާންމު ދިރިއުޅުމުގައި ދިމާވާ އެކި އެކި ހާލަތްތަކުގައި އަމިއްލަ ނަފްސު ދިފާޢުކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ކުރާނެ ކަސްރަތުތައް އަމަލީ ގޮތުން ބައިވެރިންނަށް ތަޖުރިބާ ކުރެވިފައި ވާނެ“ ފަޒްނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކާށިދޫ ކައުންސިލްގެ ނައިބު ރައީސާ ސަހުލާ ޒާހިރު ވިދާޅުވީ މި ޕްރޮގްރާމްގެ ޒަރިއްޔާއިން ބައިވެރިންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެގެން ދިޔަ ކަމަށް އުންމީދު ކުރާ ކަމަށެވެ.
“ މި ޕްރޮގްރާމްގެ ޒަރިއްޔާއިން ބައިވެރިންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެގެން ދިޔަ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ޕްރޮގްރާމްގައި ބައިވެރިވެގެން އަމިއްލަޔަށް ދަސްވި އެއްޗެހި އަމިއްލަޔަށް ޖައްސައްޗޭ ބުނެލާނީ” ސަހުލާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ކޮންމެ ބައިވެރިއެއް ވެސް ވަކިވަކިން ސިއްހީ ހާލަތު ހުރި ގޮތް ބެލުމުގެ ގޮތުން ވަނީ ޓެސްޓުކޮށްފައެވެ. އަދި ގޭގައި އަމިއްލައަށް ކަސްރަތު ކުރާނެ ގޮތާއި މީގެ އިތުރުން ވެސް ގިނަ ކަންތައްތައް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ. މި ޕްރޮގްރާމު ކުރިޔަށް ގެންގޮސްފައި ވަނީ "ވޯރިއޯސް އެރީނާ"އާ ވެސް ގުޅިގެންނެވެ.