ނިވާކަން ކުޑަ ހެދުމުގައި ތިބޭ ފަތުރުވެރިންނަށް ހިދުމަތް ނުދޭން އުކުޅަހު ސިއްހީ މަރުކަޒުން ނިންމައިފި

ނިވާކަން ކުޑަ ހެދުމުގައި ތިބޭ ފަތުރުވެރިންނަށް ހިދުމަތް ނުދޭން އއ. އުކުޅަހު ސިއްހީ މަރުކަޒުން ނިންމައިފިއެވެ.
އުކުޅަހު ސިއްހީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނިވާކަން ކުޑަ ހެދުން އަޅައިގެން އެ މަރުކަޒަށް ހިދުމަތް ހޯދުމަށްދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެފަދަ މީހުން ފޮނުވައިލުމުން އެކަށީގެންވާ ހެދުމެއްގައި އެނބުރި އައުމުން ހިދުމަތް ދޭނެ ކަމަށެވެ.
ނަމަވެސް ފުރާނައަށް ނުރައްކާވެފައިވާ ފަދަ ހާލަތެއްގައި ހިދުމަތް ހޯދަން އަންނަ މީހުންނާ މެދު އެ އުސޫލު ނުހިނގާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އުކުޅަހު ސިއްހީ މަރުކަޒުން ބުނީ، އެ ފަދައިން އުސޫލު ކަނޑައެޅުމުން ބައެއް ފަތުރުވެރިން ހިތްހަމަނުޖެހުނު ކަމުގައިވިޔަސް އެފަދަ މައްސަލަތައް ހައްލުވަމުން އަންްނަ ކަމަށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގާ އެއް ރަށް ކަމަށްވާ އުކުޅަހުގައި މިހާރު ވެސް 34 ގެސްޓްހައުސެއް ހިންގައެވެ.
އާންމުން ދިރިއުޅޭ ރަށްރަށުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ފަތުރުވެރިން އުޅުމަކީ ޓޫރިޒަމް މިނިސްޓްރީން މަނާކޮށްފައިވާ ކަމެކެވެ.