ދީން

ފާފަކުރަމުން ގޮސްﷲގެ ރަޙުމަތާ މެދު އުއްމީދުނުކުރާ އިންސާނާ ވިސްނައިލާން އޮތް އާޔަތެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަހަރެމެން އިންސާނުންނަކީ އަބަދުވެސް ފާފައަށް ހުށަހޮޅި، ކުށްތަކަށާއި ފާފަތަކަށް އަރައިގަނެވޭ ބައެކެވެ. ނަމަވެސް އެ ފާފަތަކުގައި ދެމި ތިބުމަކީ ނުރައްކާތެރި ބިރުބޮޑު ކަމެކެވެ.ﷲގެ ކޯފާއާއި ޢަޒާބު އެމީހަކަށް ޙައްޤުވެގެން ހިނގައިދާނޭ ކަމެކެވެ.

Ads by Hajj Corporation

ފާފަތަކުގައި ދެމިތިބުމަކީ އަހަރެމެންގެ ހިތްތައް ކަޅުވެ، ހިތުން އީމާންކަމުގެ އަލިކަން ނިވިދާނޭ ކަމެކެވެ. އެފަދަ އެއް އަލާމާތަކީ ބޮޑެތި ފާފަތަކަށް އަރައިގަންނަ އިރު ކުޑަ ވެސް ބިރެއް ، ޖެހިލުމެއް ނެތުމެވެ. އެއީ ފާފައެއް ކަން ވެސް ހިތަށް ނާރައި ، ފާފައަށް ، މީހާ އަރައިގަންނަނީ ފަސޭހަކަމާ އެކީގައެވެ. ﷲ ތަޢާލާ ބައްލަވާވޮޑިގެންވާކަމުގެ ކުޑަ ވެސް އިޙްޞާޞެއް ނެތިއެވެ.

އޭ އަޚާއެވެ. އުޚުތާއެވެ. ދުނިޔެއަކީ މަދު ދުވަސްކޮޅެކެވެ. އިއްޔެ އަހަރެމެންނާ ވަކިވެގެން ދިޔައިރު މާދަމާއާ ބައްދަލުވާނޭ ކަމީ ޔަގީންކަން އޮތް ކަމެއް ނޫނެވެ. ލިބިފައި މި އޮތީ މިއަދެވެ. މި ހިނދެވެ. ވީއިރު ފާފަކުރުން ހުއްޓައިލާށެވެ. ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާށެވެ. ތިމާއަށް ކިތަންމެ ގިނަ ފާފައެއް ކުރެވި ތިމާއީ މުޖުތަމަޢު ބަލައިނުގަންނަ މީހެއްކަމުގައި ވީނަމަވެސް ، ﷲތަޢާލާގެ ދޮރު ތިބާއަށް ބަންދެއް ނުވެއެވެ. އަވަސްވެގަންނާށެވެ. ފާފަތައް ދޫކޮށްލައި ހެޔޮ ޢަމަލުތަކަށް އެނބުރިގަންނާށެވެ.

ﷲތަޢާލާގެ މި ޢާޔަތާ މެދު ވިސްނައިލައްވާށެވެ.

އެ އިލާހު ވަޙީ ކުރައްވައިފައި ވެއެވެ.

﴿110﴾ وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا
ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفسއަށް އަނިޔާވެރިވެ، ދެން (އެއަށް ފަހު) ފާފަފުއްސެވުން އެދި اللَّهގެ حضرة އަށް ދަންނަވާ މީހާ (ދަންނާށެވެ!) اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ.

އާޔަތުގެ ވަކިވަކި ބަސްތަކަށް ވިސްނައިލައްވާށެވެ.

وَمَن يَعْمَلْ سُوءًا : އަދި ނުބައި ޢަމަލެއްކޮށް

أَوْ: ނުވަތަ

يَظْلِمْ نَفْسَهُ: އަމިއްލަ نفسއަށް އަނިޔާވެރިވެ

ثُمَّ يَسْتَغْفِرِ اللَّهَ: ދެން (އެއަށް ފަހު) ފާފަފުއްސެވުން އެދި اللَّهގެ حضرةއަށް ދަންނަވާ މީހާ (ދަންނާށެވެ!)

ފިކުރުކޮށްލައްވާށެވެ. މުޚާތަބު ، ޚާއްޞަ ކުރައްވައިފައި ވަނީ ޞާލިޙް ތަޤުވާވެރީންނަކަށް ނޫނެވެ. ހަމަ އަހަރެމެން ފަދަ ފާފަތަކުގެ އަހުލުވެރީންނަށެވެ. ފާފައެއް ކުރެވެމުން ފުއްސެވުމަށް އެދި ދަންނަވާ މީހާއަށެވެ. އެފަދަ މީހާ ، ފުއްސެވުމަށް އެދި ދެންނެވުމުން އޭގެ ނަތީޖާއަކީ ކޮބައިތޯއެވެ. އާޔަތުގެ އަނެއް ބައިގައި އެ ވަނީއެވެ.

يَجِدِ اللَّهَ غَفُورًا رَّحِيمًا: ﷲއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ.

ފަހެ، ވަޙީ ކުރައްވައިފައި ވަނީ ފުއްސެވުމަށް އެދި ދެންނެވުން ﷲއީ ފުއްސަވާ ރަޙީމްވަންތަ ކަލެއް ކަމުގައި ދެކޭނެކަމެވެ. ފުއްސަވައި ދެއްވާނޭ ކަމާ މެދުގައި ދެއްވައިފައި އެ ވަނީ ކިހައި ބޮޑު ޔަޤީންކަމެއްތޯއެވެ.

އަޅަމެންނީ ،ފާފަތަކުން ރައްކާތެރިވެ ތިބޭ ބައެއްކަމުގައި ލައްވާށިއެވެ. އަދި ފާފައެއް ކުރެވޭ ހިނދު ވެސް ، އެކަމާ ލަދުވެތިވުމާއި ހިތްދަތިވުމުގެ އިހްސާސް އަޅަމެންގެ ހިތުގައި ލައްވާށިއެވެ. ފާފަ ފުއްސެވުމަށް އިބަﷲއަށް ދެންނެވުމުގެ ތައުފީގު އަޅަމެންނަށް ދެއްވައި އަޅަމެންގެ ފާފަތައް ފުއްސަވާންދޭވެއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!